އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރާތީ ހައިރާނެއް ނުވޭ: އުމަރު

އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމް ކުރަން އިންޑިޔާއިން ނިންމި ނިންމުމާމެދު ހައިރާން ނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި އިންްޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގައި ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ފާސްކޮށްފައެވެ. އިންޑިއާ ސަރުކާރުން އެ ނިންމުން ނިންމި ނަމަވެސް އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އުމަރު ވިދާޅުވީ އިންޑިޔާ އިން ރާއްޖޭގެ އެތެރެއަށް ވަންނަމުންދާ ދިޔުމަކީ ދިވެހިންގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ޤަބޫލު ކުރަން ދަތިވެފައި ތިބި މަދު ބަޔަކަށް އިންޑިޔާ މި ކުރަހާ ބޮޑު މަންޒަރު، މި ކަމުގެ ސަބަބުން އިތުރަށް ސާފުވެގެން ދާނެ ކަމަށެވެ.
"އެމީހުންގެ ހެލިކޮޕްޓަރު ތަކާ މަތިންދާ ބޯޓު ތަކާ، އެ މީހުންގެ ސިފައިންނާ، ރާޑަރ ސްޓޭޝަން ތަކާ، މިލަޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ފެންވަރަށް ހަދަމުންދާ ތަމްރީން މަރުކަޒާ، އެފެންވަރަށް އުތުރު ތިލަފަޅުގައި ހެދުމަށް އެއްބަސް ވެފައިވާ މަރުކަޒާ، އެމީހުންގެ ކޮންސިއުލޭޓް އޮފީސްތަކާ، ރާއްޖޭގެ އެތަށް ސަރަހައްދަކަށް މި ފަތުރާލަނީ އަޅުގަޑުމެންގެ ސިޔާސީ ލީޑަރުން ގެ ދޫތަށް ބަންދު ކުރުމަށް ފަހު" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކޮރަޕްޓް ވެރިން ތަކެއްގެ އަތްދަށުގައި ޤައުމެއް ތާށި ވެއްޖެނަމަ ކޮންމެފަދަ ނިކަމެތި ކަމެއްވެސް ތަޙައްމަލު ކުރަން ޖެހިދާނެ ކަމަށެވެ.
"ދިވެހި ހަރު ބަހެއްގައި އޮވެއެވެ. "ނަރެއްހާތަން ދޫކޮށްލިއްޔާ، ކެނބެއްހާތަން ދަމައިގަންނާނެއެވެ." ރާއްޖޭގެ ވެރިކަން ކުރެއްވި ބޭބޭފުޅުން، އިންޑިޔާ އަށް ބޮނބި ނަރެއްހާތަންވެސް ދޫކޮށްނުލަނީ މި ސަބަބަށް ޓަކައެވެ" އުމަރު ވިދާޅުވިއެވެ.
އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ އިން ވިސްނަމުންދާއިރު، އެގައުމުން އަންނަނީ 200 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓުތައް އައްޑޫގައި ހިންގުމަށް އެހީވަމުންނެވެ. އޭގެތެރޭގައި އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި މަގު ހެދުމުގެ ޕްރޮޖެކްޓް ފާހަގަކޮށްލެވެއެވެ.
އިންޑިއާގައި ރާއްޖޭގެ ހައި ކޮމިޝަނެއް ވެރިރަށް ނިއުދިއްލީގައި ހުންނައިރު، ޓްރިވެންޑްރަމްގައި ކޮންސިއުލޭޓެއް ގާއިމުކޮށްފައި ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ