އައްޑޫގެ ވިސްނުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއް: ރައީސް ނަޝީދު

އައްޑޫ ސިޓީގެ ވިސްނުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއްކަމަށެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ސަބަބުން އައްޑޫއަށްވެސް ރާއްޖެއަށްވެސް ފައިދާ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އެގައުމުގެ ޔޫނިއަން ކެބިނެޓުން މިދިޔަ މަހުގެ ތެރޭގައި ވަނީ ނިންމާފައެވެ. ނަމަވެސް މިއީ ފައިނަލް ނިންމުމެއް ނޫންކަމަށާއި، މިކަމަށް ދިވެހި ސަރުކާރުން މިހާތަނަށް ހުއްދަ ދީފައި ނުވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
މި ކޮންސިއުލޭޓަކީ އިންޑިއާއިން ރާއްޖޭގެ މައްޗަށް ގަދަވެގަތުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނިގެން ގާއިމްކުރެވޭ ތަނެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
މީގެ ރައްދުގައި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދަނީ މިއީ އެފަދަކަމެއް ނޫންކަމަށާއި، މިއީ އައްޑޫއަށް އިންވެސްޓްމެންޓްތައް އިތުރުވުމަށާއި ދެކުނުގެ ރައްޔިތުން އިންޑިއާއަށް ދިއުމަށް ފަސޭހަކަމާ އެކު ވިސާ ހޯދަން މަގުފަހިވާނެފަދަ ތަނެއްކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ