ހިޖުރަކުރާނެ ގައުމެއް ހޯދުމުގެ މަސައްކަތް އެމެރިކާ ރައްޔިތުން ފަށައިފި

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް ދަނީ ހާމަކުރަމުންނެވެ. ޓްރަމްޕް އަށް އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން އެމެރިކާގެ ގިނަ ބަޔަކު އަންނަނީ ގައުމު ދޫކޮށް ދިޔުމަށް މަސައްކަތްކުރަމުންނެވެ. އެމެރިކާގެ ގިނަ ބަޔަކު ކެނެޑާއަށް ބަދަލުވުމަށްޓަކައި އިމިގްރޭޝަން ސައިޓަށް ވަނުމުގެ ސަބަބުން ކެނެޑާގެ ވެބްސައިޓް މިހާރު ވަނީ ޑައުން ވެފައެވެ.
ކެނެޑާގެ ރަސްމީ "ސިޓިޒެންޝިޕް އެންޑް އިމިގްރޭޝަން ކެނެޑާ" ވެބްސައިޓް ޑައުންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން މެދުވެރިވި ސަބަބަކީ ގިނަ ބަޔަކު އެއްފަހަރާ ސައިޓް އަށް ވަނުމުގެ ސަބަބުންނެވެ.
އެ ސައިޓްގައި ކެނެޑާގައި ދިރިއުޅޭނެ ގޮތްތަކާއި އެގައުމުގެ ރައްޔިތަކަށް ވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ. ނަމަވެސް މިހާރު ސައިޓް ބަލާ ފަރާތްތަކަށް ފެންނާނީ ޕޭޖް ލޯޑްވާ މަންޒަރު އެކަންޏެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން އެމެރިކާގެ އާ ރައީސް ކަމަށް ހޮވިވަޑައިގަންނަވަނީ ވިޔަފާރިވެރިޔެއް ކަމަށްވާ ޑޯނަލްޑް ޓްރަމްޕްއެވެ. ގިނަ ރައްޔިތުންތަކެއް މީގެކުރިން ވެސް ވަނީ ޓްރަމްޕް ރައީސް ކަމަށް ހޮވިއްޖެ ނަމަ ގައުމު ދޫކޮށް ދާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ