ނޫރާނީ ސްކޫލް އުވާލަން ނިންމައިފައެއް ނެތް: އައްޑޫ ކައުންސިލް

ސ. ހިތަދޫ ނޫރަނީ ސްކޫލް އުވާލުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެ އެ ރަށުގެ ބައެއް މީހުންނާއި ސްކޫލްގެ ބެލެނިވެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް އެ ސްކޫލާ ދޭތެރޭ އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި އެ ކަމާ ބެހޭ ގޮތުން ވަރަށް އަވަހަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މީގެ 40 އަހަރު ކުރިން ހުޅުވި އެ ސްކޫލުގެ ކުރިމަގާ ދޭތެރޭ ބެލެވެރިންގެ މެދުގައި ކޮންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ދެ ޕެޓިޝަނެއް ވެސް ކައުންސިލަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
އެ ގޮތުން 1،500 މީހުންގެ ސޮޔާއެކު ހުށަހަޅާފައިވާ އެއް ޕެޓިޝަނުގައި ބުނެފައިވަނީ ނޫރާނީ ސްކޫލް އުވާލަން އުޅޭކަން އެނގިފައިވާ ކަމަށެވެ. އެހެންވެ އެކަން އެ ގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ. އަދި އެ ސްކޫލަކީ ވަރަށް ގިނަ ދުވަސްވެފައިވާ މިހާތަނަށް ތައުލީމީ ގޮތުން އެތައް ޝަހުސިއްޔަތުތަކެއް ވެސް އުފައްދާފައިވާ ސްކޫލަކަށްވާތީ އެ ތަން އުވާލުމަކީ އެއްގޮތަކަށް ވެސް ފެންނަ ކަމެއް ނޫން ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. އަދި އެ ތަނުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު މަދުކަމަށް ބުނެ އެ ސްކޫލް އުވާލަން ނިންމުމަކީ ވަރަށް ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ޕަޓިޝަނުގައި ބުނެފައިވެ އެވެ.
އެ ސްކޫލް އުވާލަން އުޅޭ ކަމަށް ބުނެ ޕެޓިނަޝަނެއް ހުށަހަޅާފައިވަނީ ހިތަދޫގައި އަމިއްލަ ޖަމިއްޔާއަކުން ހިންގާ ހީރާ ޕްރީ ސްކޫލަށް ބިމެއް ދިނުމުގެ ވާހަކަ ދެކެވެމުން ދަނިކޮށް، ނޫރާނީ ސްކޫލް ހުރި ބިމާ ބެހޭ ގޮތުން ވާހަކަތަކެއް ދެކެވުމުން ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް ނޫރާނީ ސްކޫލް ހުރި ބިން ހީރާ އަށް ދޭ ގޮތަކަށް އަދި ނިންމައިފައެއް ނުވެ އެވެ. އެކަން ކައުންސިލުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ބެލެނިވެރިންގެ ނަމުގައި ހުށަހަޅާފައިވާ އަނެއް ޕެޓިނަޝަނުގައި ވަނީ މިހާރު ގްރޭޑް 1- 7 ކިޔަވައިދެމުން އަންނަ އެ ސްކޫލް ގްރޭޑް 1- 10 އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށެވެ.
މިކަމާ ބެހޭ ގޮތުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ ނޫރާނީ ސްކޫލާ ދޭތެރޭ ނިންމާނެ ގޮތަކާ މެދު އެޑިއުކޭޝަން މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ވަރަށް އަވަހަށް މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި ޕެޓިޝަންތަކާ ގުޅޭ ގޮތުން އައްޑޫގައި ހުންނަވާ އެޑިއުކޭޝަން މިނިސްޓްރީގެ ސުޕްރިންޓެންޑެންޓް ފާތުމަތު ނަސީރާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ސޯބެ ވިދާޅުވި އެވެ.
"ކައުންސިލަށް ދެ ޕެޓިޝަނެއް ހުށަހެޅި އިރު އެ އިން ކަނޑައެޅިގެން އެނގޭކަށް ވެސް ނެތް ކޮން ބަޔަކު ހުށަހެޅި ޕެޓިޝަންތަކެއް ކަމެއް ވެސް. އަނެއްކާ ސްކޫލާ ދޭތެރޭ ގޮތެއް ނިންމުމުގެ މެންޑޭޓެއް ކައުންސިލަކު ނެތް. އެހެންވީމާ އެ ސްކޫލާ ދޭތެރޭ ގޮތެއް ނިންމާނީ އެޑިއުކޭޝަންގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު،" މިހާރު 150 ވަރަކަށް ކުދިން ކިޔަވަމުން އަންނަ އަދި 1971 ވަނަ އަހަރު ހުޅުވި ސްކޫލާ ބެހޭ ގޮތުން ސޯބެ ވިދާޅުވި އެވެ. "އެހެން ނަމަވެސް މިކަމާ މަޝްވަރާކުރެވޭ އިރު އާންމުންގެ ބަހެއް ހޯދުން ލާޒިމެއް ވެސް ނޫން. މެނިފެސްޓޯއަކަށް ރައްޔިތުން ވަނީ ވޯޓު ދީފައި. އެހެންވެ އެ މެނިފެސްޓޯގައި ހުރި ކަންތައްތައް ތަންފީޒުކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް."
ކައުންސިލުން އަދި ބުނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ނޫރާނީ ސްކޫލް ހިންގަމުން އަންނަ އިރު އެ ސްކޫލުގައި ފީ ނަގައިގެން ޕްރީ ސްކޫލް ހިންގާތީ އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އެޑިއުކޭޝަނުން މިހާރު ނިންމައިފައިވާ ކަމަށެވެ. އެ ގޮތުން އަންނަ އަހަރުން ފެށިގެން އެ ސްކޫލުގައި ޕްރީ ސްކޫލް ނުހިންގޭނެ ކަމަށް އެޑިއުކޭޝަނުން މިހާރު ވަނީ އަންގައިފައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުން އަދި ބުނީ ނޫރާނީ ސްކޫލް ސަރުކާރުގެ ބަޖެޓުން ހިންގަމުން އަންނަ އިރު، ފީއެއް ނަގައިގެން ޕްރީ ސްކޫލް ހިންގުމަކީ އެހެން ސްކޫލްތަކަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި މިއީ އެހެން ސްކޫލްތަކުން ވެސް އެކަމާ ދޭތެރޭ ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ