ދިވެހި ރައްޔިތުންގެ މިހާރުގެ ޖީލާއި އަންނަން އޮތް ޖީލުތައް ދަރަނިވެރިވާ ވަރަށް ސަރުކާރުން ލޯނު ނަންގަވާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިހާރު ހިނގަމުންދާ "ލޯނާ ބެހޭ ބިލަށް އިސްލާހު ގެނައުމުގެ ބިލާ" މެދު އެކި މެންބަރުން ދެއްވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނަންގަވާފައިވާ ލޯނުތަކަކީ އިގްތިސާދީ ފުދުންތެރިކަމަށް ބަލާއިރު ދެއްކޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ލޯނުތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނަންގަވާފައިވާ ލޯނުތަކުގެ ބޭނުން އެހެން ބައެއް ގައުމުތަކަށް ބަލާއިރު އެދެވޭ ގޮތެއްގައި ކުރެވިފައިވާ ކަމަށެވެ. ގައުމެއްގެ ތަރައްގީއަކީ އިގްތިސާދީ ގޮތުން ލިބިފައިވާ ކުރިއެރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޖަލީލު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނަންގަވާފައިވާ ލޯނުތައް ނުވަތަ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުގައި 4- 5 ޕަސެންޓާ ދެމެދުގައި ކަމަށެވެ. އަދި މިއީ ހާސްވެ ކަންބޮޑުވާން ޖެހޭ މިންވަރެއް ނޫން ކަމަށާއި މައްސަލައަކަށް ވާން ޖެހޭނީ 10 ޕަސެންޓަށް ވުރެ މައްޗަށް ދަރަނި އަރައިފި ނަމަ ކަމަށް ވެސް މިނިސްޓަރު ޖަލީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި ގައުމީ ތަރައްގީ މިހާ ހިސާބަށް އައީ ވެސް ލޯނު ނަގައިގެން އޭގެ ފައިދާ ލިބިގެން ކަމަށެވެ.
އައްޑު އަތޮޅު ސަރަހައްދީ ބަނދަރު ހަދައިފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން
އައްޑު އަތޮޅު ސަރަހައްދީ ބަނދަރު ހަދައިފައި ވަނީ އެ އަތޮޅުގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އިލްޔާސް އިބްރާހިމް މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ. މިހާރު ކުރިއަށް ދާ ލޯނާ ބެހޭ ބިލާ ބެހޭ ގޮތުން ތ. އަތޮޅުގެ މެމްބަރު ހަސަން އަފީފު ކުރީ ދުވަހު ބޭއްވެވި ޖަލްސާގައި، ބައެއް މަޝްރޫއުތައް ހިނގަނީ ސަރުކާރުން ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ކަމަށާއި އޭގެ ތެރޭގައި އައްޑޫގައި ހަދާފައިވާ ސަރަހައްދީ ބަނދަރު މިސާލެއްގެ ގޮތުގައި ނެންގެވުމުން މިނިސްޓަރު ވިދާޅުވީ އެއީ ތެދެއް ނޫން ކަމަށެވެ.
އިލްޔާސް ވިދާޅުވީ އައްޑު އަތޮޅުގެ ސަރަހައްދީ ބަނދަރު އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ވިޔަސް، އެ ސަރަހައްދު އެއީ އެ ބަނދަރު ހެދުމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެފައިވާ ސަރަހައްދެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރަހައްދު ކަނޑައެޅުމުގައި ކުރިމަގުގައި އެ ސަރަހައްދަކީ މީހުން އާބާދުވާނެ ސަރަހައްދެއް ކަމަށް ވިސްނާވަޑައިގެންފައިވާ ކަމަށެވެ.
"އެއްވެސް ކަމެއްގައި ހުރިހާ އެންމެންގެ ރުހުމެއް ނުހޯދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޖަވާބާ ގުޅިގެން ހަސަން އަފީފު ވިދާޅުވީ އެ ވާހަކަ އޭނާ ދެއްކެވީ އޭނާ އެ އަތޮޅަށް ވަރަށް ފަހުން ކުރެއްވި ދަތުރެއްގައި ބަޔަކު ދެއްކި ވާހަކަތަކާ ގުޅިގެން ކަމަށެވެ.
ރައްޔިތުން ދަރަނިވާ ވަރަށް ސަރުކާރުން ލޯނު ނަގައިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ