ގައުމުގެ ކޮންމެ ފަރުދަކު ވެސް އާމްދަނީ ލިބޭނަމަ، އެމީހަކަށް ލިބޭ އާމްދަނީއަކުން އިންކަމް ޓެކްސް ދައްކަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އައު މެންބަރުންތަކެއް ސޮއިކޮށް، ފޯމު ހަވާލުކުރުމަށް ކުނޫޒުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ.
އިންކަމް ޓެކްސް ނެގުމަކީ ސަރުކާރުގެ ވައުދެކެވެ. އަދި އިންކަމް ޓެކްސް ނެގުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިހާރު ވަނީ ފުރަތަމަ ކިޔުން އިއްވާފައެވެ.
އިންކަމް ޓެކުހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ އިންކަމް ޓެކްސް ނެގުމުގައި ވެސް ހަމަހަމަކަން އޮންނަންޖެހޭނެ ކަަމަށެވެ. ގާނޫނުއަސާސީ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ މީހެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމަކީ އެންމެންގެ ވެސް ގައުމު ކަަމަށެވެ. އެންމެންގެ ދަރިންނަށް ވެސް ކިޔަވައިދޭންޖެހޭ ކަމަށާއި ހުރިހާ ރަށަކަށް ބޯފެނާއި ނަރުދަމާ ވެސް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެކި ގަރާރުތައް ހުށަހެޅި، ރައްޔިތުންނަށް ކޮށްނުދެވި ހުރި ކަންކަމުގެ ވާހަކަދެކެވެމުންދާއިރު އެކަންކަން ފުއްދައިދެވޭނީ މުޖުތަމައަކީ ތަނަވަސް ބަޔަކަށް ވެގެން ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަދުން ލިބޭ މީހާ ދައްކަންޖެހޭނީ މަދުން ކަމަށާއި ނަމަވެސް އެއްވެސް މީހަކު އިސްތިސްނާނުވާނެހެން ބައިވެރިވުން އޮންނަންޖެހޭނެ ކަމަށެވެ. އެއީ ގައުމިއްޔަތަށްޓަކައި އަދި ގައުމު ކުރިއަށް ގެންދިއުމަށްޓަކައި އެކަން ކުރަންޖެހޭ ގޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ސިޔާސީ ބޭނުމަކަށްޓަކައި އެއްވެސް ބަޔަކު އޭގައި ނުހިމަނާނަމަ، އެއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.
ވިލާ ގުރޫޕްގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވީ ވިޔަފާރިވެރިންގެ އަތުން ބިޒްނަސް ޕްރޮފިޓް ޓެކްސް ނަގަމުންދާ ކަމަށާއި އަދި ޖީއެސްޓީއާއި ޓީޖީއެސްޓީ ވެސް ނަގަމުންދާ ކަމަށެވެ. ނަމަވެސް ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާއިރު، ވަކި ފަންތިއެއްގެ ވަކި މީހަކަށް ތަފާތެއް ނޯންނަ ކަމަށާއި އެންމެންވެސް ދައްކަންޖެހެނީ އެއްހަމައަކުން ކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް ގައުމަށް އާމްދަނީ ލިބޭނެ މަގު ހޯދަންޖެހޭ ކަމަށާއި އެކަން ކުރުމުގައި ވަކި ބަޔަކު އޭގެ ތެރޭގައި ނުހިމެނޭ ގޮތަށް އިންކަމް ޓެކްސް އައިސްގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމީހަކު ކުރި މަސައްކަތަކުން އެމީހަކަށް ލިބުނު އެއްޗަކުން ޓެކްސް ދައްކަންޖެހޭ ކަމަށާއި ސަބަބަކީ އެއިން އެމީހަކާއި އެމީހެއްގެ އާއިލާއަށް ވެސް ޚިދުމަތްތައް ފޯރުކޮށްދޭނެތީ ކަމަށެވެ.
އިންކަމް ޓެކްސް ނެގުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރު ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށެވެ. ސަރުކާރުން ހުށަހެޅި ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ނަގާނީ މުސާރައަށް މަހަކު 40،000 ރުފިޔާ ނުވަތަ އަހަރަކު 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖޭގައި އިންކަމް ޓެކްސް ނަގާ ސީލިންގެއްގެ ގޮތުގައި ލަފާ ދީފައިވަނީ 10،833ރ. އެވެ.
ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، އާމްދަނީގެ ގޮތުގައި 40،000 އަށް ވުރެ ދަށުން ލިބޭ ފަރާތްތަކުގެ އަތުން ޓެކުހެއް ނުނަގާނެއެވެ. އާމްދަނީގެ ގޮތުގައި 40،000 އާއި 60،000 އާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ އާމްދަނީގެ 8 އިންސައްތައެވެ. އަދި 60،000 އާއި 100،000 އާ ދެމެދުގެ އާމްދަނީީ ލިބޭ ފަރާތްތަކުން ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 އިންސައްތައެވެ. 100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 އިންސައްތަ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިންކަމް ޓެކްސް ނަގާނެ އާމްދަނީގެ އަދަދު ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ބަލައި ދިރާސާކޮށްފައި ކަމަށެވެ. އެގޮތުން އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާއިރު، ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ޓެކްސް މެދުވެރިކޮށް ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.
ސަރުކާރުން ބުނީ އިންކަމް ޓެކްސް ނަގަން ނިންމީ އާމްދަނީގެ ފަރަގު ކުޑަކޮށް، ނަހަމަ މުއްސަނދިކަން ހުއްޓުވައި، ޓެކުހުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަމަށަވެ. މި ޓެކްސް ނަގަން ފަށާއިިރު ރާއްޖޭގެ ވަޒަންވެރިންނާއި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ އަތުންވެސް ޓެކްސް ނަގާނެއެވެ.
އިންކަމް ޓެކްސް ނަގާނަމަ، އާމްދަނީ ލިބޭ އެންމެންގެ އަތުން ނަގަންޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ