އަފްރާޝީމްގެ މަރާއި ގުޅުންހުރި ނުވަ ޒުވާނަކު މަރާލިކަމަށް އިލްޔާސް ތުހުމަތުކޮށްފި

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް މަރާލި ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ނުވަ ޒުވާނަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ބީދައަކުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވާހަކަފުޅު ދައްކަވައިފިއެވެ.
ރޭ އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝައިހް އިލްޔާސް ވިދާޅުވީ "އަޅުގަނޑު ސުވާލު ކުރަން ބޭނުންވަނީ ކީއްވެގެންތޯ، މިހާ ގިނަ ދުވަސް ވެގެން ދިޔަ އިރު އެއްވެސް ރަހުމެއް ނެތި ޝަހީދުކޮށްލެވުނު ޑރ.އަފްރާޝީމްގެ މައްސަލަ ތަހުގީގު ނުކުރެވުނީ. ކީއްވެތޯ އެ މައްސަލައަ އާއި ގުޅިގެން 9 ޒުވާނުން ރަހުމެއް ނެތް ގޮތުގައި މަރާލެވުނު އިރު ތަހުގީގު ނުކުރެވުނީ. ދެން އަޅުގަނޑު މަރާލިޔަސް މައްސަލައެއް ނެތް. އަޅުގަނޑުގެ ވާޖިބު އަދާކޮށްފިން،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލަ ތަޙްޤީޤު ނުކުރާ ކަމަށް ޝައިހް އިލްޔާޝް ވިދާޅުވިއިރު އެކަމުގައި ބައިވެރިވި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުލިއެވެ. އޭގެތެރޭގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހަކު ހިމެނެއެވެ. އެދެމީހުންގެ ތެރެއިން އެކެއް ކަމަށްވާ ހ.ލޮބީ ހުސައިން ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ވަނީ ތާއިދު ވެސް ކޮށްފައެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ބަޔަކު ފައިސާ ދީގެންކަން ފުލުހުންގެ ތަޙްޤީޤަށް އެނގުނު ނަމަވެސް ފައިސާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ބޭނުންވާ ހެކި ނުލިބިގެން އެމީހުން ވަނީ ދޫކޮށްލާފައެވެ.
އަފްރާޝީމްގެ މަރާއި ގުޅިގެން އިތުރު ނުވަ ޒުވާނަކު މަރާލި ކަމަށް ޝައިހް އިލްޔާސް ރޭ ތުހުމަތު ކުރިއިރު އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ އަފްރާޝީމްގެ މަރާއި ގުޅިގެން މީގެ ކުރިން ތަފާތު ވާހަކަތަކެއް ދައްކަވާފައެވެ.
2015 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި އިމްރާން ލިޔުންތަކެއް މުޒާހަރާގެ ބައިވެރިންނަށް ދައްކަވަމުން ވިދާޅުވީ އަފްރާޝީމް މަރާލި ގޮތުގެ ހެކި މިހިރީ ކަމަށެވެ. ނަމަވެސް ފަހުން އެމަންޒަރުގެ ވީޑިއޯ ބެލުމުން އެނގުނު ގޮތުގައި އަފްރާޝީމް މަރާލި ގޮތުގެ ހެކިތައް ކަމަށް ބުނެ އިމްރާން އެދުވަހު ދެއްކެވީ "ހަވީރު" ނޫހުގެ ވެބްސައިޓްގެ ޕްރިންޓް ކޮށްފައިވާ ވެބްޕޭޖްތަކެކެވެ. އެއީ އަފްރާޝީމްގެ މަރާއި އެއްވެސް ގުޅުމެއް ހުރި ލިޔުންތަކެއް ނޫނެވެ.
ޝައިހް އިލްޔާސް ރޭ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން މީސް މީޑިއާގައި އޭނާ އަށް ވަނީ ކުރިމަތިވެފައެވެ. އެއީ އެއްވެސް ހެއްކެތް ދެއްކުމެއްނެތި ވަރަށް ނުރައްކާތެރި ވާހަކަފުޅެއް ދައްކަވާފައި ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ