އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެގްރިމެންޓް ބާތިލު ކުރި މައްސަލައިގައި އެ އެއާޕޯޓް ހިންގަން ކުރިން ހަވާލުކޮށްފައި އޮތް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ގާތްގަނޑަކަށް ދައްޖަންޖެހޭނީ 300 މިލިއަން ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. 
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައި މިރޭ ރާއްޖެ ވަޑައިގެން ހުޅުލޭގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވަރަށް ބޮޑު ބަދަލެއް ޖީއެމްއާރަށް ދިނުމަކީ ދަތި ކަމަކަށް ވާނެ ކަމަށާއި ގަބޫލުފުޅު ކުރެވެނީ ދޭންޖެހޭނީ 300 ވަރަކަށް މިލިއަން ޑޮލަރު ކަމަށެވެ. 
"އެހާ ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި ދިނުމަކީ ވެސް ދަތިކަމަކަށް ވާނެ. ބަންޑާރަ ނައިބު ވެސް ގެންގުޅުއްވާ ބޯލްޕާކް ފިގާއެއް އަޅުގަނޑު ވެސް މި ދަންނަވަނީ. ގާތްގަނޑަކަށް 300 ވަރަކަށް މިލިއަން ޑޮލަރު ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ. 
ރައީސް ވިދާޅުވީ ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމަށް ގަބޫލު ނުކުރެއްވި ނަމަވެސް ޖީއެމްއާރަށް ބަދަލެއް ދޭންޖެހޭނެ ކަމަށެވެ. 
"އެހެންނަމަވެސް އަޅުގަނޑު ފުރުމުގެ ކުރިން ދަންނަވާލި ގޮތަށް ބަދަލު ދޭންޖެހޭނެ. އެކަމަކު ބަދަލު ދިނުން ބިނާވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ޖީއެމްއާރުން ވެސް އެ އޮތީ ހަރަދުތަކެއް ކޮށްފައި. 200 މިލިއަން ޑޮލަރަކާ ހަމައަކަށް ނާރާނެ އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖެއްޔާ 140 – 160 އާ ދޭތެރޭ މިލިއަން ރުފިޔާ ހަރަދު ކުރީ،" އެމަނިކުފާނު ވިދާޅުވި އެވެ. 
ރައީސް ވިދާޅުވީ ޖީއެމްއާރަށް ބަދަލެއް ދިނުމަށް ކަނޑައަޅައިފި ނަމަ ފައިސާ ދިނުމަށް ޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ. 
"އެއާޕޯޓް ކުންފުނި މީގެ އެންމެ އިސް މަސަކަތްތަކެއް ކުރަނީ. އެއާޕޯޓް ކުންފުނިން މިހާރު ވެސް ފައިސާ އެއްފަރާތަށް ޖައްސަން ފައްޓައިފި ޖީއެމްއާރަށް ބަދަލެއް ދޭންޖެހޭ ކަމަށްވަންޏާ ބަދަލު ދިނުމަށް ޓަކައި. ދެން ހަމަ ސަރުކާރުން ވެސް އެހެން ފުރުސަތުތައް ހުރީ ކިހާ ވަރަކަށްތޯ ބެލުމުގެ މަސަކަތް އެބަ ކުރެވޭ،" ރައީސް ވިދާޅުވި އެވެ. 
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޖީއެމްއާރަށް ބަދަލެއް ދޭންޖެހުނު ނަމަވެސް ބަދަލު ދިނުމުގައި ގޮތްތަކަކަށް އެއްބަސްވެވި ދަތި ނޫން ގޮތްތަކެއް ރޭވިދާނެ ކަމަށެވެ. 
"އަޅުގަނޑުމެންނާ އިންޑިޔާއާ މިއީ ހަމަ ވަރަށް ގާތް ދެ ގައުމު. ދެ ސަރުކާރުގެ ދޭތެރޭގައި ވެސް ވަރަށް ރަނގަޅު ގުޅުމެއް އޮވޭ. ބަދަލު ދިނުމަށް އަދަދެއް ކަނޑައެޅި އެއަށް އަޅުގަނޑުމެންނަށް ގޮތްތަކަކަށް އެއްބަސްވެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަދި ފައިސާ ދެއްކުމުގައި އަޅުގަނޑުމެންނަށް ދަތި ނޫން ގޮތްތަކެއް ރޭވިދާނެ."
    
    ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދޭންޖެހޭނީ 300 ވަރަަކަށް މިލިއަން ޑޮލަރު: ރައީސް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ