ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންފި

އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން އައްޑޫއަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހެވެ. ދެ ސިޓީއަށް ރައީސް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި، ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ ފަރާތުން ދެ ސިޓީގެ ރައްޔިތުންނަށް މާހެފުން ވަނީ ދެއްވާފައެވެ. އެ ދަތުރުފުޅުގައި ރައީސް، ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫއަށް ވަޑައިގެންނެވިއެވެ. އަދި އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކޮށްފައިވާ ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވިއެވެ. ހަމައެހެންމެ އައްޑޫގެ ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރައްވައި، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވިއެވެ. މީގެ އިތުރުން މީދޫއާއި މަރަދޫގެ ބަނދަރާއި ހުޅުދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ވެސް ހުޅުވައިދެއްވިއެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ އެ ދެ ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ