އެމްޑީޕީއާއެކު ސަރުކާރުން މަޝްވަރާ ކުރާ ކަމަަކަށް މައުމޫން ވިދާޅެއް ނުވޭ: ޕީޕީއެމް

އިންޑިޔާގެ ވެރިކަން ކުރާ ނިއުދިއްލީގައި އޮތް ތަގުރީރަކަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ދިވެހި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ކަމަށް އެމްޑީޕީން ބުނި ބުނުން، ޕީޕީއެމް އިން ދޮގުކޮށްފި އެވެ. އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫން އަންގާރަ ދުވަހު އިންޑިޔާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒަރވަރ ރިސަަރޗް ފައުންޑޭޝަންގެ ދަޢުވަތަކަށް އިންޑިޔާގެ ވެރިކަން ކުރާ ނިއުދިއްލީގައި "އިސްލާމްދީން، ސުލްޙައިގެ ދީނެއް" މައުޟޫއުގައި ތަޤްރީރުކުރެއްވުމަށް ވަޑައިގެން ރައީސް ނަޝީދާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރައްވާ ގޮތާމެދު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށާއި އެއީ ބައިނަލްއަގުވާމީ ދުނިޔެއަށް ސީދާ އޮޅުވާލެއްވުމަށް އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމަށް އެ ޕާޓީ އިން ބުންޏެވެ. އެމްޑީޕީގެ ބަޔާން ކުށްވެރިކޮށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީން ނެރެފައިވަނީ ކަނޑައެޅިގެން ދޮގު ބަޔާނެއް ކަމަށާއި، ރައީސް މައުމޫން ވިދާޅުވި އެއްޗެއްގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ. "އެއްވެސް ހާލެއްގައި އެމްޑީޕީއާއެކު ސަރުކާރުން މަޝްވަރާތަކެއް ކުރައްވަމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ. ޕީޕީއެމް އިން ބުނީ، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންގެންދާ ކަމަށާއި ސުޕްރީމް ކޯޓުން ޖިނާއީ ކޯޓުގެ ހުކުމް ބާތިލް ނުކުރާނަމަ ޖިނާއީ ކޯޓުން ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ނަޝީދުގެ ހުކުމަށް ލުޔެއް ހޯދޭނެ ގޮތަކާމެދު އެމްޑީޕީއާ އެކު ވަކިން މަޝްވަރާކުރުމަށް އެދި އެޕާޓީއަށް ސަރުކާރުން ދައުވަތު ދީފައިވާ ކަމަށެވެ. ޕީޕީއެމް އިން ވަނީ ހަގީގަތާ ހިލާފު ދޮގު ބަޔާންތައް ނެރުމުގެ ބަދަލުގައި ކަންބޮޑުވާ އެއްވެސް މައްސަލައެއް އޮތް ނަމަ، އެކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށް ސަރުކާރުން އެމްޑީޕީއަށް ދީފައިވާ މަޝްވަރާގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ