ކަރަންޓް ސަބްސިޑީއަށް ރީރަޖިސްޓްރީކުރުމަށް އަންނަ މަހު ހުޅުވާލަނީ

އެންސްޕާއިން ދޫކުރަމުން އަންނަ ކަރަންޓް ސަބްސިޑީއަށް އެދި ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ މަހު ދިހައެއްގައި ހުޅުވާލާނެ ކަމަށް އެންސްޕާއިން ހާމަކުރައްވައިފިއެވެ.ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ދެވޭ އެހީތައް މުރާޖައާކުރުމުގެ ގޮތުން އަލުން ރީ ރަޖިސްޓްރީކުރަން ހުޅުވާލަނީ، އެންސްޕާއިން ދޫކުރާ އެހީތައް ލިބެމުންދާ ފަރާތްތަކަކީ އެ އެހީތައް ލިބުން ޙައްޤުވާ ފަރާތްތައްތޯ ދެނެގަނެ އެފަރާތްތަކަށް އެހީތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މީގެ އިތުރުން އެންސްޕާއިން ފޯރުކޮށް ދެމުންގެންދާ އެހީތައް ތަފާތު އެތައް ސަބަބަކާހުރެ ލިބެންވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ނުލިބި ހުރިކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.އެގޮތުން މިހާރުވެސް އެންސްޕާއިން ދެމުންގެންދާ ކަރަންޓު ސަބްސިޑީޒްގެ އެހީ ލިބެނީ، ސެޓެލްކޯއިން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން އަށްޑިހަ ހަތަރު އިންސައްތަ ފަރާތަށް ކަމަށެވެ. އަދި ބާކީ ސޯޅަ އިންސައްތަ ފަރާތަށް ސަބްސިޑީ ނުލިބޭ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.އެންސްޕާއިން ދެމުންގެންދާ އެހީތައް ލިބެންނުޖެހޭ ފަރާތްތަކަށް ލިބެމުންދާ ކަން ފާހަގަކުރައްވާ މުޖުތަބާ ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ކަރަންޓު ސަބްސިޑީޒް ލިބެމުންދާ ކަމަށާއި މީގެ ތެރެއިން އެގާރަ އިންސައްތަ މީޓަރަކީ ވިޔަފާރި ކުރާ ތަންތަނުގައި ބަހައްޓާފައިވާ މީޓަރުތައް ކަމަށެވެ.އެންސްޕާއިން ވިދާޅުވީ، ސަބްސިޑީޒް އަށް އެދި ރީ- ރަޖިސްޓްރީ ކުރަން ޖެހޭނީ، ގޭގައި ދިރިއުޅޭ ފަރާތްތަކުން ކަމަށް. އަދި އަންނަ މަހުގެ ދިހަ ޔަކުން ފެށިގެން އެޕްރީލް ނުވަޔަކާ ހަމަޔަށް ދެމަސްދުވަހުގެ މުއްދަތެއް ރަޖިސްޓްރީކުރުމަށް ހުޅުވާލާނެ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ސަބްސިޑީޒް ނުލިބޭނެ ކަމަށް އެންސްޕާއިން މައުލޫމާތު ދެއްވައެވެ.މިދިޔަ އަހަރު ކަރަންޓް ސަބްސިޑީޒްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ނުވަސަތޭކަ ހަތްދިހަ މިލިއަން ރުފިޔާ ދޫކުރައްވާފައިވާ ކަމަށް އެންސްޕާގެ ތަފާސް ޙިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ