ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރަމުންދާ މަސައްކަތުގައި މިތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުވެގެން ކަމަށާއި މިގުޅުމަށް އެއްވެސް ކަހަލަ ބުރުލެއް އެއްވެސް ފަރާތަކަށް ނޭރުވޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސަރުކާރެއް ޤާއިމު ކުރުމުގެ މަޝްވަރާތައް ހަތަރު ޕާޓީން މިހާރުވަނީ ފަށާފައި ކަމަށާއި އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މިމަސައްކަތް ކާމިޔާބުވާނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުން މާމިގިލީގައި މިހާރު ބާއްވަމުންދާ ޖަލްސާގައި އިއްވުނު ޚިތާބުގައި ޕީޕީއެމްގެ ގާނޫނީ ރައީސްގެ ހައިސިއްޔަތުން މައުމޫން ވަނީ، އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބް ޤާސިމް އިބްރާހިމް އާއި، ޢަދާލަތު ޕާޓީގެ ރައީސް އޮނަރަބަލް ޝެއިޚް އިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ޙުކުމްތައް ބާތިލުކޮށް، އެ ތިންބޭފުޅުން ހަމަ މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.
ނުޙައްޤުން ޙުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް މުޙައްމަދު ނާޒިމް އާއި އެއްވެސް ކުށެއްނެތި ޖަލުގައި މުއްދަތެއްނެތް ގޮތުގައި އަނިޔާވެރި ބަންދެއްގައިވާ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންވެސް މިހާރުން މިހާރަށް މިނިވަން ކުރުމަށްވެސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން، އަދި އިޖްތިމާޢީގޮތުން މިއަދު އަޅުގަނޑުމެންގެ ތެރެއަށް އައިސްފައިވާ ނުރަނގަޅު ކަންތައްތަކުން ޤައުމު މިންޖު ކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ގެއްލިގެންދާ ޑިމޮކްރަސީގެ ރީތި އުޞޫލުތައް އަނބުރާގެނެސްދެވޭތޯ ކުރާ މަސައްކަތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބާރުކެނޑި، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ބައެއް މަންދޫބުން އެއްވެސް ހަމައެއްނެތި އެމީހުންގެ މަޤާމުން ވަކިވެއްޖެކަމަށްބުނެ، އެމަންދޫބުންގެ އަޑުތައް އިވުނަ ނުދޭން ކުރާމަސައްކަތް ހުއްޓުމަށް ކުރާ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ،ގައުމަށް ގެންނަން ބޭނުންވާ އިޞްލާޙުތައް ފެށެންވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރައްޔިތުންގެ މަޖިލީސް މިހާރު އެއޮތް ޙިޞާރުކުރެވުމުން ސަލާމަތްކުރުން ކަމަށެވެ. މަޖިލީހުން ވަކިވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނާ މެންބަރުންނަކީ ވަކިނުވާ މެންބަރުންކަން ޔަޤީންކޮށްދިނުން ކަމަށާއި މަޖިލީހަށް ވަންނަން މަސައްކަތްކުރުމުން ކުށްވެރިވެދާނެކަމުގެ ބިރު ކުރިމަތިކޮށްފައިތިބި މެންބަރުން އެބިރުން ސަލާމަތްކޮށްދިނުން ކަމަށެވެ.
މާމިގިއްޔަކީ އޮނަރަބްލް ޤާސިމް އިބްރާހީމްގެ އުފަން ރަށް ކަމަށާއި ފެންނަމުން މިދާ މަންޒަރުތަކަކީ އެރަށުގެ ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް، އަދި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ދެވިފައިވާ އިޙްތިރާމާއި ޤަދަރު ހާމަވެގެންދާ މަންޒަރުތަކެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބަދަހިގުޅުމަށް އެއްވެސް ފަރާތަކަށް ބުރުލެއް ނޭރުވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ