ށ.ފޮނަދޫ އަދި ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށައަޅައިފި
ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާއާއި ށ.ފޮނަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އިންތިޚާބުގައި ވާދަކުރެއްވި ދެކެންޑިޑޭޓަކު ހައިކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ހިތަދޫ މެދުދާއިރާގެ އިންތިޚާބް ބާތިލްކުރުމަށް އެދި ހައިކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ރަޝީދުއެވެ. ފޮނަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށަހެޅުއްވީ އެދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އައްބާސްއެވެ.
މިމައްސަލަތަކާއިބެހޭ އިތުރުތަފްސީލެއް އަދި ނޭނގެއެވެ.އެހެންނަމަވެސް އެމްބީސީއަށް އެނގިފައިވާ ގޮތުގައި މިދެމައްސަލައިގެވެސް ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަވެފައިނުވާތީ ކޯޓުން އަދި ބަލައެއްނުގަނެއެވެ. އެލިޔެކިޔުންތައް ފުރިހަމަކުރުމަށް ކޯޓުން އެފަރާތްތަކަށް އަންގާފައިވާކަމަށްވެސް އެމްބީސީއަށް އެނގިފައިވެއެވެ.
މިދިޔަ މަހުގެ ބާވީހުގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބްގައި ހިތަދޫ މެދު ދާއިރާއަށް ތިން ކެނޑިޑޭޓޫން ވާދަކުރެއްވި އިރު އެއްހާސް ނުވަދިހަ ނުވަ ވޯޓާ އެކު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއެވެ. ދެވަނަ އަށް ވަޑައިގެން މުހައްމަދު ރަޝީދަށް ލިބިވަޑައިގެންފައިވަނީ އަށްސަތޭކަ ނުވަދިހަ އަށް ވޯޓެވެ. ފޮނަދޫ ދާއިރާއަށް ތިން ކެނޑިޑޭޓުން ވާދަކުރައްވާފައިވާއިރު ނުވަސަތޭކަ ތިރީސް ވޯޓާއި އެކު އެދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި އަލީ ސަލީމްއެވެ. ދެވަނައަށް ވަޑާއިގެންނެވި އައްބާސް މުހައްމަދަށް ލިބިވަޑާއިގެންފައިވަނީ އަށްސަތޭކަ ފަންސާސް ފަސްވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ