ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރަން ނޫޅޭކަމަށް ޕީޕީއެމް އާއި އަދި އެޕާޓީ އާއި ކޯލިޝަން ހަދާފައިވާ އެމްޑީއޭ އިން ބުނެފިއެވެ.
މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެބޭފުޅުންނާ ދެކޮޅަށް ކޯޓަކުން ހުކުމެއްކުރާ ކޮންމެ ފަހަރަކު އެ ކޯޓެއްގެ ފަނޑިޔާރުން ދުއްވާލައި، އައު ޤާނޫނުތައް ހަދައިގެން ކޯޓުގެ ބެންޗާއި ކުޅެ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން މަޤާމުން ވަކިކޮށް، ބޭނުންވާ ވަކި ގޮތަކަށް ކޯޓުތައް ބައްޓަންކުރުމަކީ ސަރުކާރު ކޯލިޝަނުގެ ވިސްނުން ނޫން ކަމަށެވެ.
"އަޅުގަނޑުމެންނާ (ސަރުކާރާއި) ދެކޮޅަށް ކޯޓަކުން ހުކުމެއްކުރާ ކޮންމެ ފަހަރަކު އެ ކޯޓުގެ ފަނޑިޔާރުން ދުއްވާލުމުގެ ވިސްނުމެއް ޕީޕީއެމްގެ ނުހުރޭ. އަދި އަޅުގަނޑުމެން ނޭދޭ ފަދަ ހުކުމެއް އިއްވީމަ ޤާނޫނުތައް އިސްލާހްކޮށް ޤާނޫނަށް ބަދަލުގެނެސް އަދި ޤާނޫނު ހަދައިގެން ކޯޓުގެ ބެންޗާއި ކުޅެ އެތަންތާ ތިބޭ މީހުން މަޤާމުން ވަކިކޮށް އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ކޯޓުތައް ބައްޓަންކުރުމަކީ ސަރުކާރު ކޯލިޝަނުގެ (ޕީޕީއެމް، އެމްޑީއޭ، ޑީއާރުޕީ) ވިސްނުމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމް އިން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ޤާނޫނީ ހުރަހެއް އޮތްކަމަށް ވާނަމަ، އެހުރަހެއް ނައްތާލުމުގެ ގޮތުން ޤާނޫނަށް ގެންނަންޖެހޭ އިސްލާހެއް ނުވަތަ އަލަށް ޤާނޫނެއް ހަދަންޖެހެންޏާ އެކަންކަން ކުރައްވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ޤާނޫނެއް ހެދިޔަސް ހަދާނީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި. އަދި ޤާނޫނެއް އިސްލާހް ކުރިޔަސް ކުރާނީ ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި." އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވީ ސަރުކާރު ކޯލިޝަނުން އުސޫލުން ބޭރުން، ޤާނޫނާ ހިލާފު އަދި ޤައުމާއި ރައްޔިތުންނަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.
އެއްވެސް އިރެއްގައި ކެބިނެޓް ލެވެލްގައި، ސަބް ކޮމެޓީއެއްގައި، ސަރުކާރު ތެރޭގަޔާއި ބަންޑާރަ ނައިބާއި އެކު ކުރެވުނު މަޝްވަރާތަކުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާއާއެކު ކުރެވުނު އެއްވެސް މަޝްވަރާއެއްގައިވެސް ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަވަން މަޝްވަރާ ނުވަތަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުވެސް ވިދާޅުވިއެވެ.
ސަރުކާރާއި ސަރުކާރު ކޯލިޝަނަކީ، ހިތްހަމަ ނުޖެހިގެން މަގުމަތީގަޔާއި، ގޮނޑުދޮށުގަޔާއި އަދި އެނޫންވެސް ތަންތަނުގައި ކޯޓުތައް ހަދައިގެން އެތަންތަނުން އަމުރު ނެރޭ ސިޔާސަތެއް ގެންގުޅުއްވާ ކޯލިޝަނެއްވެސް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.
"ކައިރި މާޒީގައި ވެރިކަންކުރި ބައެއް ފަރާތްތަކުން ބޭނުންވާގޮތަށް ކަންކަން ނުނިމުނީމާ އުސްފަސްގަނޑުގަޔާއި ލޮނުޒިޔާރަތްކޮޅާއި އަދިވެސް ހިތަށްއެރި ތަނެއްގައި އެބޭފުޅުން، އެ ތިބެވުނު ތަނެއްގައި ކޯޓު ހަދައިގެން ހުކުމްތައް ނެރެމުން ގެންދިޔަތަން ފެނުނު. މިކަހަލަ ކަންތައްތަކެއް ސަރުކާރު ކޯލިޝަނުން ނުކުރާނެ." އަދުރޭ ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ދެކެވޭ ދެކެވޭ ބައެއް ވާހަކަތަކަކީ ނުފޫޒުގަދަ ބައެއް ބޭފުޅުން ސްޕްރީމް ކޯޓުގެ އަމުރަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ މިކަން އިތުރަށް ގޯސް ކުރުމުގެ ގޮތުން ދައްކަވާ ވާކަކަތައް ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރާކަށް ސަރުކާރުން ނޫޅޭ - ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ