ނަޝީދު ދީނާއި ދެކޮޅު ވާހަކަތައް ދެއްކުމަކީ ރައްޔިތުން ފަޟީހަތްކުރުން - އިމްރާން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު އިސްލާމް ދީނާއި ދެކޮޅު ވާހަކަތަކެއް ބޭރު ދުނިޔޭގެ ގައުމެއްގައި ހުރެގެން ދެއްކުމަކީ ރާއްޖޭގ ރައްޔިތުން ފަޟީހަތް ކޮށް ރާއްޖެ ނިކަމެތިކުރުމުގެ އިތުރުން ރާއްޖޭގެ އަގު ވައްޓާލުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ “ދީނާ ގައުމިއްޔަތުގެ ދިފާއުގައި” މިނަމުގައި ނަޝީދު ދާދި ފަހުން ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމް ދީނަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައިވާ ކަމަށް ބުނެ ނަޝީދާއި ދެކޮޅަށް މިރޭ މާލޭގެ މަގުތަކުގައި ކުރި މުޒާހަރާއަށްފަހު އާޓިފިޝަލް ބީޗުގައި މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރާއްޖެއިން ބޭރުގައި ހުންނަވާ ފޯނު މެދުވެރިކޮށް، އިމްރާން ވިދާޅުވީ ދިވެހި ގައުމުގެ ސަލާމަތަށާއި އިސްލާމް ދީނުގެ ޝަރަފާއި އިއްޒަތާއި އިސްލާމް ދީން ހިމާޔަތްކުރުމަށްޓަކައި ކުރެވުނު ކޮންމެ މަސައްކަތެއް ކުރުމަށް ރައްޔިތުންގެ މައްޗަށް ލާޒިމްވެފައިވާ ކަމަށާއި މިވަގުތަކީ ގައުމާއި އިސްލާމް ދީނު ދެކެ ލޯބިވާ އެންމެން ނިކުމެ ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ދަނޑިވަޅެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ އަދި އެތައް ދުވަހެއް ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ބޭރު ދުނިޔޭގެ ގައުމެއްގައި ހުރެގެން ދެއްކުމަކީ ރާއްޖޭގެ ރައްޔިތުން ފަޟީހަތްކުރުން، ރާއްޖެ ނިކަމެތިކުރުން، ރާއްޖޭގެ އަގު ވައްޓާލުން." ނަޝީދަށް އިޝާރާތްކުރައްވާ އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެތައް ދުވަހެއްސުރެ ދައްކަމުން އައި ވާހަކަ މިއަދު ހަގީގަތެއްގެ ގޮތުގައި ލޯތަކުގެ ކުރިމައްޗަށް ފެންނަމުންދާ ކަމަށާއި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި ނަޝީދަށް ފުރުސަތު ލިބިއްޖެނަމަ ރާއްޖެއާ މެދު ކަން ކުރާނެ ގޮތް އޭނާ އަމިއްލަ އަށް އިއުތިރާފުކޮށް ނަޝީދު ހާމަކުރައްވަމުން ގެންދަވާ ކަމަށެވެ.
އެހެންކަމުން މިކަމާ މެދު މިއަދު ފަރުވާކުޑަ ކުރެވޭކަށް އަޅުގަނޑުމެންނަށް ނެތް. އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން ބައިބައިވެގެން ތިބެ އެކި ދިމަދިމާލަށް ދަތުރުކުރެވޭކަށް ނެތް. އަޅުގަނޑުމެން އެކައްޗެއް ކިޔަންވެއްޖެ. އެކީގައި މަސައްކަތްކުރަން ދަސްކުރަން ވެއްޖެ. އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކަށް މާފުކުރަންވެއްޖެ. އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ ސަލާމަތްކުރުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި މުސްތަގުބަލަށް އަންނަން އޮތް ޖީލުތަކަށްޓަކައި އިސްލާމް ދީން ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ލާޒިމް ކަމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކުރަން މަސައްކަތްނުކޮށްފިނަމަ އެކަން ކުރާނެ ބައެއް ނެތް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ އެއްވެސް ދުލެއް ނެތި އެންމެން އެކުގައި ތިބެ ގަދަ އަޅައި މަސައްކަތްކޮށްގެން ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނާއި ދިވެހިންގެ ޝަރަފާއި ކަރާމާތް ހިމާޔަތްކުރުމަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މަރާލާފައިވާ މީހުންގެ ހައްގުގައި އަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު އެއްވުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އެއްވުމުގެ މަޢުޞޫއަށް “އިސްލާމްދީން ނައްތާލުމަށް ނަޝީދު ކުރާ މަސައްކަތް ހުއްޓުވާލުން” މިމައުޟޫއަށް އިތުރުކުރަންޖެހޭ ކަމަށާއި އެހެންކަމުން އެދުވަހަކީ ވަރަށް ބޮޑު ދުވަހެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ