ސުޕްރީމް ކޯޓާއި ޑީޖޭއޭއަށް ފޮނުވާ ސިޓީތައް ފަނޑިޔާރު އަރީފަށް އެޑްރެސް ކުރަން އަންގައިފި

ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީތަކާއި ލިޔުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރުމަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަންގާފައި މިވަނީ ސަލާމަތީ ބާރުތަކުން އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް އެމަނިކުފާނާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެެއްކޮށް އެމައްސަލަތައް ތަހުގީގުކުރަމުންދާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެމަނިކުފާނު ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފައިވާތީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދާ ހަވާލާދީ ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރު ކަމަށާއި އުއްތަމަ ފަނޑިޔާރު ނެތް ވަގުތެއްގައި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެންމެ ސީނިއާ ފަނޑިޔާރު ކަމަށް ގަވައިދުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައިވާތީ ސުޕްރީމް ކޯޓާއި ޑީޖޭއޭ އަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަރީފަށް އެޑްރެސް ކުރާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ތިއްބެވި ނަމަވެސް އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކޮށް ސަސްޕެންޑްކޮށްފައިވާތީ މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވީ ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިއްޕެވުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރެއްވުމާއި، ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމާއި، ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުއްވުން ހިމެނެ އެވެ. މިކަންކަމާ ގުޅޭ ހެކިބަހާއި އިތުރު ހެކިތައް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިއްޕެވުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރެއްވުމާއި، ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުއްވުމާ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ހިމެނެ އެވެ. މިމައްސަލާގައި ވެސް އަލީ ހަމީދާ ގުޅުންހުރި ކަމަށް ގަބޫލުކުރެވޭ ގިނަ އަދަދެއްގެ ފައިސާއާއި ހެކިތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ސަލާމަތީ ބާރުތަކުން އެތަނުގެ ދޮރުތައް ހަލާކުކޮށްލައިގެން އެތަނަށް ވަދެ ގަދަކަމުން ކަމަށް މި ދެ ބޭފުޅުންގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ