ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް މައުމޫން އަބްދުލް ގައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވި ވާހަތައް ރައީސް މައުމޫން ދޮގުކުރައްވައިފި އެވެ.
ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ޖާބިރު ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.
މިޓްވީޓާ ގުޅިގެން ރައީސް މައުމޫންގެ ފަރާތްޕުޅުން މިރޭ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަބްދުﷲ ޖާބިރު ކުރައްވާފައިވާ ޓްވީޓްގައި އެމަނިިކުފާނު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
"ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައިވެ އެވެ.
އަބްދުﷲ ޖާބިރު ޖާބިރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާ އަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިކަމުގައި ރައީސް މައުމޫން ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ވެސް ހުންނެވި ޖާބިރު ދާދިފަހުން ވަނީ އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލައްވާނެކަން ވެސް އިއުލާން ކުރައްވާފަ އެވެ.
ޖާބިރު 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވުމުން މައުމޫން އެކަން ދޮގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ