ކޮރޯނާވައިރަސް ފެތުރެމުން ދާ ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ އެ މީހަކު ހުރި ގައުމެއްގައި މި ވަގުތު މަޑުކޮށްލުން ކަމަށް، ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލި ނަމަވެސް ރާއްޖެ އައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ އަޅާބަލާއިރު ގިނަ ގައުމުތަކުގައި ދިރިއުޅުމުގެ ހާލަތު މާ ރަނގަޅުވާނެ އެވެ. މާލެއަކީ ތޮއްޖެހި ބާރުވެފައި އޮތް ތަނެއްކަން އެންމެނަށް ވެސް އެނގޭނެ ކަަމަށް ވިދާޅުވި އެވެ.
ޑރ. ޝަހީދުގެ ނަސޭހަތަކީ ބޭރު ގައުމުތަކުގައި ދިވެހިން އުޅޭ ސަރަހައްދުތަކުގެ ސިއްހީ ހާލަތަށް ބަލައި އެއަށް ވުރެ ތަންކޮޅެއް ރަނގަޅު ހިސާބަކަށް ބަދަލުވެވޭ ނަމަ އެގޮތަށް ބަދަލުވުމެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ތިބި ދިވެހިން ވެސް ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުން ރަނގަޅު ކަމަށެވެ. އަދި ދަތުރުތައް ކުރާއިރު ވެސް ކޮވިޑް-19 ފެތުރިފައި އޮތް މިންވަރާއި ގައުމުގެ ހާލަތު ވަޒަންކޮށްފައި ނޫނީ ނުފުރަން ވެސް އެދިވަޑައިގަތެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަސް ހުރި 13 ބިދޭސީއަކު ފެނިފައިވެ އެވެ. އެކަމަކު އެއްވެސް ދިވެއްސަކު މިހާތަނަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ޖުމްލަ 10 ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ މެލޭޝިއާ ވެސް ހިމެނެ އެވެ.
ދެން މަނާކުރީ އިނގިރޭސިވިލާތް، ޗައިނާ، އިރާން، އިޓަލީ، ސްޕެއިން، ސައުތު ކޮރެއާ، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކުން މީހުން އައުމެވެ. ނަމަވެސް އެ ގައުމުތަކުގައި ތިބި ދިވެހިން ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ފަހު ރާއްޖެ އައުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެމީހުން ރާއްޖެ އައިސް 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހެ އެވެ.
ބޭރުގައި ހުރި ނަމަ އެންމެ ރަނގަޅީ މަޑުކޮށްލުން: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ