ކޮރަޕްޝަނާ ދެކޮޅަށް "އާންމު ރައްޔިތުން ޕާޓީ" ހަދަން ވިސްނަނީ

ކޮރަޕްޝަނާ ދެކޮޅަށް "އާންމު ރައްޔިތުންގެ ޕާޓީ" ނަމުގައި ޕާޓީއެއް ވުޖޫދަށް ގެނައުމަށް މީހުން ވިސްނަމުން އަންނަ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ. ނަޝީދު ސަރުކާރުގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ސުއޫދު މިރޭ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މައިދާން ބޮޑު ބަދަލަކަށް ބޭނުންވާ ކަމަށާއި އާންމު ރައްޔިތުންގެ ޕާޓީ ވުޖޫދަށް ގެނައުމަށް ބައެއް މީހުން ވިސްނަމުންދާ ކަމަށެވެ. Aammu Rayyithunge Party vujoodhah genaumah baeh meehun dhanee visanamun. Dhivehiraajjeyge siyaasee maidhaan bodubadhalakah beynun. — Husnu Al Suood (@hsuood) July 22, 2015 އެކަމާ ގުޅިގެން އިތުރު ތަފްސީލް ހޯދުމަށް ސުއޫދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ގެނެސްފައިވާ އިސްލާހާއި ގުޅިގެން ސުއޫދު އާއި އިއްޔެ ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އޭނާ ވިދާޅުވީ ބޭނުން ބަޔަކު ބޭނުން ގޮތަކަށް ކަންތައް ކުރަމުން ދަނީ ކަމަށެވެ. އުސޫލްތަކަށް އަމަލު ނުކުރާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އާންމު ރައްޔިތުންގެ ޕާޓީ ވުޖޫދަށް ގެނައުމުގެ ވާހަކަ ދެކެވޭއިރު މިފަހަކަށް އައިސް ވަނީ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ސްޕުރީމް ކޯޓު ބެންޗަށް ބަދަލު ގެނައުމާއި އޮޑިޓް ގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން ރައީސް ކަމަށް ކުރިމަތިލެވޭ އިސްލާހަށް ބަދަލު ގެނައުމާއި ބޭރު ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު ބަދަލުުކުރުން ހިމެނެއެވެ. އެފަދަ ބޮޑެތި ކަންކަން ހިނގަމުން ދަނީ ސިޔާސީ "ޑީލެއް" ގެ ތެރެއިން ކަމަށާއި އިދިކޮޅު ޕާޓީއެއް މިއަދު ނެތް ކަމަށް ވެސް މިވަނީ ވާހަކަ ދެކެވެން ފަށާފަ އެވެ. އެއީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބޮޑެތި ހުށަހެޅުންތަކަށް އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވައި ފާސްކުރެއްވުމާއެކު ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ލުއިތަކެއް" ލިބެމުންދާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ