ހުޅުމާލެއިން 488 ފްލެޓް ދޫކުރުން: ޝަރުތު ހަމަވާ ފަރާތްތަކާ އަންނަ ހަފުތާގައި ފްލެޓްތައް ހަވާލުކުރަން ފަށާނެ

ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ 504 ފްލެޓްގެ ތެރެއިން އާއްމުންނަށް ދޫކުރާ 488 ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ ހަފުތާގައި ފްލެޓްތައް ހަވާލުކުރަން ފަށާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކަށް ގުރުއަތުން ހޮވި، ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެގްރީމެންޓްގައި ސޮއިކޮށް، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި ގުރުއަތުން ހޮވިފައި ތިބި ނަމަވެސް ޝަރުތުހަމަ ނުވެގެން ފްލެޓްތައް ކެންސަލްވި ފަރާތްތަކުގެ ނަންތައް ވެސް އަންނަ ހަފުތާގައި އިއުލާންކުރާނެ އެވެ. އަދި އެ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް މުއްދަތެއް ދޭ ގޮތަށް އެޗްޑީސީން ވަނީ ހަމަޖައްސައިފަ އެވެ. އަދި އިންތިޒާރު ލިސްޓުގައިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރަން މިހާރު ފޮނުވާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. ޝަރުތު ހަމަނުވެގެން ކެންސަލްވާ ފްލެޓްތައް ލިބޭނީ އިންތިޒާރު ލިސްޓުގައިވާ ތަރުތީބުންނެވެ.
އެޗްޑީސީން ބުނި ގޮތުގައި މި އަހަރު ކުރީކޮޅު ހަވާލުކުރަން ނިންމާފައިވާ ފްލެޓްތައް ހަވާލުކުރުން ލަސްވީ، މައުލޫމާތު ސާފުކުރަން ކަމާ ބެހޭ އިދާރާތަކަށް ފޮނުވި ފޯމުތައް ލިބުން ލަސްވެގެންނެވެ. މައުލޫމާތު ސާފުކުރަން މުނިސިޕަލްޓީ އަށް ފޮނުވި ފޯމުތައް އެޗްޑީސީ އަށް ލިބުނީ މި މަހުގެ 19 ވަަނަ ދުވަހު އެވެ. އެ ފޯމުތައް ލިބެންޖެހޭ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިދިޔަ މާޗް މަހުގެ 22 ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން މި ހަފުތާ ތެރޭގައި ޑައުންޕޭމަންޓް ދެއްކުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ޑައުންޕޭމަންޓާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެޗްޑީސީން ކުރިން ބުނެފައިވަނީ ޑައުންޕޭމަންޓް ދެއްކުމަށް ދޭނީ ދެ ހަފުތާގެ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގައި ޑައުންޕޭމަންޓް ނުދައްކައިފި ނަމަ ފްލެޓް ހަވާލުނުކުރާނެ ކަމަށެވެ. ނަމަވެސް ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި އެއް ފަހަރާ އެހާ ބޮޑު އަދަދެއް ނުދެއްކޭނެކަމަށް ބުނެ ގިނަ ފަރާތްތަކަކުން ޝަކުވާ ހުށަހެޅުމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ދެ ހަފުތާގެ ބަދަލުގައި ފަސް އަހަރު ދުވަހަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭ ގޮތަށް ހަމަޖައްސާފަ އެވެ.
ދެ ކޮޓަރިއެއް ފާހާނާއާ އެކުގައި ހުރި ފްލެޓެއް ނަމަ ޖުމްލަ އަގުގެ 20 ޕަސެންޓް ( 98،000ރ.) ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭނެ އެވެ. އަދި އަގުގެ ބާކީ ބައިގެ އަށް ޕަސެންޓް އިންޓްރެސްޓާއެކު، މަހު ކުލީގެ ގޮތުގައި 20 އަހަރު ވަންދެން މަހަކު 3،300ރ. ދައްކަންޖެހެ އެވެ. ދެ ކޮޓަރި އެއް ފަހާނާގެ ފްލެޓެއްގެ ޖުމްލަ އަގަކީ 490،000ރ. އެވެ. ދެ ކޮޓަރި އާއި ދެ ފާހާނާ އެކުގައި ނަމަ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭނީ 114،000ރ. އަދި މަހު ކުލީގެ ގޮތުގައި އަށް ޕަސެންޓް އިންޓްރެސްޓާއެކު 3،800ރ. އެވެ. ދެ ކޮޓަރި ދެ ފާހާނާގެ ފްލެޓެއްގެ ޖުމްލަ އަގަކީ 570،000ރ. އެވެ. މީގެ އިތުރަށް ތިން ކޮޓަރި އެއް ފާހާނާގެ ފްލެޓަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 125،000ރ. އަދި މަހު ކުލީގެ ގޮތުގައި އަށް ޕަސެންޓް އިންޓްރެސްޓާއެކު 4،200ރ. ދައްކަންޖެހެ އެވެ. ތިން ކޮޓަރި އެއް ފާހާނާގެ ފްލެޓެއްގެ ޖުމްލަ އަގަކީ 625،000ރ. އެވެ. ތިން ކޮޓަރި އާއި ދެ ފާހާނާގެ ފްލެޓެއް ނަމަ މަހު ކުލީގެ ގޮތުގައި އަށް ޕަސެންޓް އިންޓްރެސްޓާއެކު ކޮންމެ މަހަކު 4،500ރ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި 134،000ރ. ދައްކަންޖެހެ އެވެ. ތިން ކޮޓަރި އާއި ދެ ފާހާނާގެ ފްލެޓެއްގެ ޖުމްލަ އަގަކީ 670،000ރ. އެވެ. އަދި ތިން ކޮޓަރި އާއި ދެ ފާހާނާ އަދި ތަނަވަސް ސިޓިން ރޫމަކާ އެކު ނަމަ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހެނީ، 138،000ރ. އެވެ. އަދި މަހު ކުލީގެ ގޮތުގައި އަށް ޕަސެންޓްގެ އިންޓްރެސްޓާއެކު ދައްކަންޖެހޭނީ 4،600ރ. އެވެ. ތިން ކޮޓަރި އާއި ދެ ފާހާނާ އަދި ސިޓިން ރޫމަކާ އެކު ހިމެނޭ ފްލެޓެއްގެ ޖުމްލަ އަގަކީ 690،000ރ. އެވެ.
އެޗްޑީސީން ބުނީ 17.8 މިލިއަން ޑޮލަރު )ގާތްގަނޑަކަށް 228.7 މިލިއަން ރުފިޔާ( ހަރަދުކޮށްގެން އަޅާފައިވާ ފްލެޓްތަކުގެ ހުރިހާ މަސައްކަތްތަކެއް މިހާރުވަނީ ނިމިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ