ބަނގުރާ ބުއިމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ދީފި

ބަނގުރާ ބޯން ތިބި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އައްޑޫ ކައުންސިލް މެމްބަރު އަހުމަދު މިރުޒާދާއި އޭނާއާ އެކު ހައްޔަރުކުރި އަނެއް ދެ މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކޯޓުން ދީފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދާއި، ފޭދޫ ހިޔާލާގޭ އަހުމަދު މިންތާޒު، 45، ގެ އިތުރުން ހިތަދޫ ސަހަރާގޭ އަލީ މޫސާ ދީދީ، 53، ގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުން ތިން މީހުންގެ ބަންދުގެ މުއްދަތަށް ވެސް 10 ދުވަސް ދީފައިވާ ކަމަށެވެ.
ބަންދުގައި އެ މީހުން ބައިތިއްބައިގެން މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އެ މީހުން ހައްޔަރު ކުރީ ގަމުގެ އީކްއޭޓަ ވިލެޖުގައި ބަނގުރާ ބޯން ތިބި ކަމަށް ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލާގައި އެ ތިން މީހުން ހައްޔަރުކޮށް، ކުޑަކަމުދާ ތަކެތި ޓެސްޓް ކުރި އިރު ބަނގުރަލަށް ޕޮޒިޓިވް ވެސް ވެފައިވާ ކަމަށެވެ. އަދި އެ މީހުން ބަނގުރާ ބޯން ތިބި ތަނުން ބަނގުރާ އަޅާފައިވާ ތަށިތަކެއްގެ އިތުރުން ބަނގުރާ ދަޅެއް ވެސް ފެނިފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާ ތަކެތި އަލްކޮހޮލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ