ޔާމީނަށް ތާއީދުކުރަން އުމަރު ނިންމަވައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުމަށް އުމަރު ނަސީރު ނިންމަވައިފި އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމީނާއި ވާދަކުރެއްވި އަދި އެ ޕާޓީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި އުމަރު މިރޭ "ހަވީރަ"ށް ވިދާޅުވީ އޭނާ ޔާމީންނަށް ތާއީދު ކުރައްވަން ނިންމެވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ "ލާދީނީ" ކަންތައްތަކުން މި ގައުމު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމްއާ އެކު މަސައްކަތް ކުރުން ކަމަށް ވާތީ ކަމަށެވެ. ޔާމީނަށް ތާއީދު ކުރައްވަން އޭނާ ނިންމެވީ އެއްވެސް ޝަރުތަކާއި ނުލައި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑުގެ ޓީމާއި އެކު މަޝްވަރާކުރުމަށް ފަހު ޓީމުން ވެސް އެއްބަސްވީ ގައުމުގެ މަސްލަހަތުގައި މަަސައްކަތް ކުރުމަށް އޮތް ގޮތަކީ ޔާމީނަށް ތާއީދު ކުރުމޭ. މިއީ ދީނާއި ގައުމު ސަލާމަތް ކުރުމަށް އެންމެން ވެސް މަސައްކަތް ކުރަންވީ ވަގުތު. މިވަގުތަކު ނުބުނެވޭނެ އަލިވިޔަސް އަދިރިވިޔަސް ހެވޭ. އަޅުގަނޑުމެންނަށް އެގޮތެއް ވަރިހަމައެއް ނޫން،" އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ތާއީދު ކުރެއްވި އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޔާމީންގެ ކެމްޕޭންގައި އޭނާ ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށެވެ. ނަމަވެސް އޭނާގެ ނިންމެވުމާ މެދު ޕީޕީއެމްއާ އަދި މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. ޕީޕީއެމް އުފެއްދުވުމުގައި ވެސް އިސްކޮށް އުޅުއްވި އުމަރު ޕީޕީއެމާ ފެއަށް ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލި ކަމަށް ބުނެ އެވެ. ޔާމީނަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެސް ވެ އެވެ. އުމަރު ވިދާޅުވީ މީގެ ކުރިން މައްސަލަތަކެއް ޖެހިފައި އޮތް ނަމަވެސް މިއީ މާޒީ ހަނދާން ނައްތާލުމަށް ފަހު ގައުމައިގެން ކުރިއަށް ދާން ޖެހޭ ވަގުތު ކަމަށެވެ. އަދި ފުރަތަމަ ކޮޅު ކޮންމެވެސް ވަރަކަށް އުނދަގޫވި ނަމަވެސް ޔާމީންއާ އެކު މަސައްކަތް ކުރުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. "ގައުމާއި ދީނުގެ ދިފާއުގައި ކޮންމެ މީހަކާ އެކު ވެސް އަޅުގަނޑަށް މަސައްކަތް ކުރެވޭނެ. އެގޮތަށް އަޅުގަނޑު ޔާމީންގެ ފަހަތަށް މި އައީ. އަޅުގަނޑަކަށް ޔާމީންގެ ކެންޕޭންގައި އުޅުމަކީ އުދަގުލަކަށް ނުވާނެ،" އުމަރު ވިދާޅުވި އެވެ. އަދާލަތު ޕާޓީން ވެސް ވަނީ ޔާމީނަށް ތާއީދު ކުރުމަށް މިއަދު ނިންމައިފަ އެވެ. ނަމަވެސް ދެވަނަ ބުރުގައި ނާކާމިޔާބާ ކުރިމަތިވެ ވަޑައިގަތް ގާސިމާއި އޭނަގެ ޕާޓީ ޖުމްހޫރީ ޕާޓީން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމަވައިފަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ