އަވަސް އިންތިހާބުގެ ނަތީޖާ ފެނިއްޖެ: މައުމޫން

އިދިކޮޅު އެމްޑީޕީން އަވަސް އިންތިހާބެއްގެ ވާހަކަ ދައްކަމުން ގެންދާއިރު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދު އާއި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުން އަވަސް އިންތިހާބުގެ ނަތީޖާ ފެނިއްޖެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފު އާދަމް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން ތ. ގުރައިދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އިއްޔެ ބޭއްވި "އަވަސް އިންތިހާބު" ގެ ނަތީޖާ އިން ސާބިތުވީ ރައްޔިތުންގެ ތާއީދު އޮތީ ޕީޕީއެމް އަދި ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ކަން ކަމަށެވެ.
"އެހެންވީމަ ދެން އެހެން އަވަސް އިންތިހާބަކަށް ޖާގައެއް ނެތް. ފުރުސަތެއް ނެތް. ދެން އޮންނަ އިންތިހާބު އޮންނާނީ އިރާދަކުރެއްވިއްޔާ ދެންމެ މަހުލޫފު ވެސް ވިދާޅުވި ފަދައިން 2013 ވަނަ އަހަރު. އެއީ އަޅުގަނޑުމެންގެ ރިޔާސީ އިންތިހާބު. ގާނޫނު އަސާސީ ބުނާ އިންތިހާބު،" މައުމޫނަށް ތާއީދުކުރާ ގިނަ ބަޔަކު ދިރިއުޅޭ ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެކަން އެ ގޮތަށް ކުރަން އުޅެގެން ވެސް ނުވާނެ ކަމަށެވެ. އެހެންވެ ގާނޫނު އަސާސީން ޖާގަ ނުދޭ އިންތިހާބެއް ބާއްވަން ވާހަކަ ދައްކައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބޭރުގެ ބައެއް ފަރާތްތަކުން އެ ވާހަކަ ދައްކާ. އެހެން ނަމަވެސް އެ ވާހަކަ އެ ދައްކަނީ ވަކި ހާއްސަ ބޭނުމެއްގައި. އަޅުގަނޑުމެންގެ ސިޔާދަތު އަޅުގަނޑުމެން ރައްކާތެރި ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން ރައްކާތެރި ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖޭގެ ދާހިލީ ކަންތައްތަކާ އެއްވެސް ފަރާތަކުން ބެހުނަ ދީގެން ނުވާނެ. އެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލައިގެން ނުވާނެ. އެހެން ހަދައިފިނަމަ އަޅުގަނޑުމެންގެ މިނިވަންކަމަށް ޖެހޭނީ އަލްވަދާއު ކިޔަން. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މިހާރު ވެސް މިނިވަންކަން އޮތް ކަމެއް ވެސް ނޭނގޭ،" ބައިނަލްއަގްވާމީ އެކި ޖަމާއަތްތަކުން އަވަސް އިންތިހާބަކަށް ގޮވާލަމުން ގެންދާތީ އެކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރާއްޖެ އިސްލާމް ވީއްސުރެ މިހާތަނަށް ވެސް މިއީ މިނިވަން ގައުމެއް ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދިވެހިންގެ މިނިވަންކަން ގެއްލުނީ ޕޯޗުގީޒުންނާއި މަލާބާރީންގެ އަތްދަށަށް ރާއްޖެ ދިއުމުންކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. މައުމޫން ވިދާޅުވީ އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތް އިރު ވެސް ރާއްޖެ އަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އެތެރޭގެ ކަންކަމާ އިނގިރޭސިން ނުބެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިނގިރޭސި ހިމާޔަތުގެ ދަށުން ރާއްޖެ ވީއްލި 1965 ގައި ގައުމީ މިނިވަންކަން ލިބުނު ފަހުން 2008 އާ ހަމައަށް ރާއްޖެ އަކީ 100 ޕަސެންޓް މިނިވަން ގައުމެކެވެ.
"އޭރު އަޅުގަނޑުމެންނަށް ނާދޭތޯ ބޭރު އެކި ގައުމުތަކުގެ ބޭނުންތަކުގެ ވާހަކައެއް. ]އޭރު ވެސް[ އާދޭ އެކި ގައުމުތަކުން އެކި ހުށަހެޅުންތައް ހުށަހެޅި. އެހެން ނަމަވެސް އަޅުގަނޑުމެން އިސްކުރީ ގައުމުގެ މަސްލަހަތު. އަޅުގަނޑުމެން އިސްކުރީ ގައުމުގެ ސިޔާދަތު. އަޅުގަނޑުމެން އިސްކުރީ ގައުމުގެ މިނިވަންކަން. ކިތަންމެ ވަރަކަށް ފައިސާ ދޭން ބުންޏަސް، ކިތަންމެ ވަރަކަށް މިވެނި ކަމެއް ކޮށްދޭނަމޭ ބުންޏަސް އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ފަސްގަނޑުން ކިތަންމެ ކުޑަމިންވަރެއް ވެސް ބޭރުގެ ބަޔަކަށް ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނުވި. އަޅުގަނޑުމެންނަށް ކިތަންމެ ފައިސާއެއް ދޭން ބުންޏަސް ދިވެހިރާއްޖޭގެ މިނިވަންކަމުން ކިތަންމެ ކުޑަ މިންވަރެއް ވެސް ބޭރުގެ ފަރާތަކާ ހަވާލުކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވި،" މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު އަމަލު ކުރެއްވި ގޮތާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރާއްޖެ އޮންނަން ޖެހޭނީ އަބަދަށްޓަކައި މިނިވަން ގައުމެއްގެ ގޮތުގައި އަދި 100 ޕަސެންޓް މުސްލިމް ގައުމެއްގެ ގޮތުގަ އެވެ. އަދި އެ މަނިކުފާނު ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުން ރާއްޖެ އަށް ނުފޫޒު ފޯރުވަނީ މިއީ 100 ޕަސެންޓް މުސްލިމް ގައުމެއްގެ ގޮތުގައި އޮންނާތީ ކަމަށެވެ.
"އަޅުގަނޑު ގާތު ވަރަށް އިތުބާރު ހުރި ބޭފުޅަކު ވިދާޅުވި ކުރީގެ ސަރުކާރު ]ނަޝީދުގެ ސަރުކާރު[ ން ވިދާޅުވެފައޭ އޮތީ ތިމަންނަމެން ސަރުކާރާ ހަވާލުވާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފައްޅިއެއް، ކްރިސްޓިއަން ދީން ފައްޅިއެއް އަޅައި ދޭނަމޭ. އެކަމަކު އެ ކަމެއް ނުވި. އިރާދަކުރެއްވިއްޔާ ނުވެސް ވާނެ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ނަޝީދުގެ ސަރުކާރު އަނބުރާ ގެނައުމަށް ބޭރުގެ އެކި ފަރާތްތަކުން މަސައްކަތް ކުރަނީ ކީއްވެގެންކަން ސާފުކޮށް އެނގޭ ކަމަށެވެ.
މައުމޫންގެ ވާހަކަފުޅުގައި ވަނީ ތިމަރަފުއްޓާއި ކާށިދޫގެ ގޮނޑި ކާމިޔާބު ކޮށްދިނުމަށްޓަކައި ރައީސް މުހަންމަދު ވަހީދު ކުރެއްވި މަސައްކަތްޕުޅަށް ވެސް ޝުކުރު ދަންނަވައިފަ އެވެ. އަދި ތިމަރަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުވުމާއެކު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ތަހުނިއްޔާގެ އެސްއެމްއެސްތަކުގެ ތެރޭގައި ރައީސް ވަހީދުގެ އެސްއެމްއެސް ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވެސް ތަހުނިއްޔާގެ މެސެޖް ފޮނުއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.
ޑރ. ޑީޑީގެ މެސެޖަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެމްޑީޕީގައި ވެސް ގައުމަށް ހެޔޮ އެދޭ ބަޔަކު އެބަތިބި ކަމަށެވެ. އަދި އެ ފަރާތްތަކަށް އިތުރަށް ހެޔޮ ވިސްނުން ދެއްކެވުމަށް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
މިރޭގެ މި ޖަލްސާގައި މައުމޫންގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު މުލަކު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ