ރައްޔިތުން އެވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި: އެމްޑީޕީ

މިއަދު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ އެކު ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށް އެމްޑީޕީން ބުނެފި އެވެ.
ލޯކަލް ކައުންސިލްތަކުގެ ތެރެއިން ހުރިހާ ސިޓީ ކައުންސިލެއްގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދާފައިވާ އިރު މިހާތަނަށް އިއުލާން ކުރި އެހެން ދާއިރާތަކުގެ ނަތީޖާ އިން ވެސް ކުރީގައި އުޅެނީ އެމްޑީޕީ އެވެ.
އެ ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މި އިންތިޚާބަކީ ދަތި އުނދަގޫތަކާ އެކު ބޭއްވި އިންތިޚާބެއް ކަމަށާއި އިންތިޚާބަށްޓަކައި ރައްޔިތުން ކުރަން ޖެހުނީ ދިގު އިންތިޒާރެއް ކަމަށެވެ. އެކަމަކު އެ ދަތިތަކާ އެކު ވެސް އެމްޑީޕީ އަށް ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ނަތީޖާ އިން ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށް ހަސަން ވިދާޅުވި އެވެ.
"ވަރަށް ސާފު އިބާރާތުން ދިވެހި ރައްޔިތުން އެވަނީ ބޮޑުކޮށް ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި. ވަރަށް ބޮޑުކޮށް ނޫނެކޭ އެ ބުނީ ރައީސް ޔާމީންގެ ސިޔާސަތުތައް އެއްގޮތަކަށް ވެސް ދިވެހި ރައްޔިތުންނަށް ކަމުނުދާތީ،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި މި އިންތިޚާބު ބޭއްވީ ރައީސް ޔާމީނަށް އިތުރު ގޮތެއް ނެތިގެން މަޖުބޫރީ ހާލަތެއްގަައި ކަމަށާއި މިއީ ރައްޔިތުން އަމިއްލަ އަށް ހޯދި އިންތިޚާބެއް ކަމަށެވެ. އިންތިޚާބު ބާއްވައިފި ނަމަ ނާކާމިޔާބު ވާނެ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ މިސާލެއްގެ ގޮތުން އެތައް ފަހަރަކު އިންތިޚާބު ފަސްކުރި ކަން ހަސަން ފާހަގަ ކުރެއްވި އެވެ. އެކަމަކު އެމްޑީޕީން މަސައްކަތް ކުރީ ވޯޓުން ކާމިޔާބު ހޯދަން ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ އަޅުގަނޑުމެންނަށް އޮތް ތާއީދު ހިސާބު އަކުރުން ދައްކުވައިދޭނަމޭ. ވޯޓުން ދައްކައިދޭނަމޭ،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ބައެއް ދާއިރާތަކުގެ އިންތިޚާބުގައި ކުދިކުދި މައްސަލަތައް ނަގައިގެން ޕީޕީއެމް ކެންޑިޑޭޓުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު އެކަން ކާމިޔާބު ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މި ނަތީޖާއާ އެކު ރައީސް ޔާމީނަށް އޮތް ގޮތަކީ ސިޔާސީ ލީޑަރުން މިނިވަން ކުރުން ކަމަށާއި ރައްޔިތުން މި ދިން މެސެޖަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރުން ކަންކަން ކުރަންޖެހޭނެ ކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ރައްޔިތުން ދައްކުވައި މިދިނީ ވޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވާހަކަ ދައްކަވަނީ:-މިހާރު ފޮޓޯ/ނިޝާން އަލީ
"ރައްޔިތުން ކެތްތެރިކަމާ އެކު ތިބީ މި އިންތިޚާބު ބޯމަތީގައި އޮތީމަ. މިއޮތީ އެކަން ކޮށްފައި،" ޝިފާޒް ވިދާޅުވި އެވެ.
އިންތިޚާބުގެ ވޯޓު ގުނަމުން ދާއިރު ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ހުރިހާ ސިޓީ ކައުންސިލެއްގެ އަޣުލަބިއްޔަތު ނެގީ އެމްޑީޕީންނެވެ. އިތުރު ފޮށިތައް ގުނަމުން ދާއިރު މިހާތަނަށް ނަތީޖާގައި އެންމެ ކުރީގައި އޮތީ ވެސް އެމްޑީޕީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ