ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ސަރުކާރުގެ ސައިޒު ހާމަވެގެން ހިނގައްޖެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާ ޕީޕީއެމް ކެންޑިޑޭޓުންނަށް މާލޭގެ މެޖޯރިޓީ ނެގޭނެ ކަމަށް އެ މަނިކުފާނުގެ ފެކްޝަނުން ބުނި ނަމަވެސް، މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުން ފުވައްމުލަކު އެންމެ ގޮނޑިއެއް ފިޔަވައި، ސިޓީ ކައުންސިލެއްގެ ގޮނޑިއެއް ޕީޕީއެމަށް ލިބިފައެއް ނެތެވެ. މާލޭގެ 12 ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ސިޓީ ކައުންސިލް ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ޑީއާރުޕީއަށް ލިބުނީ، އެ ދާއިރާއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަނެއް ކެނޑިޑޭޓަށް ތާއީދުކުރައްވަން ނިންމެވުމުންނެވެ.
 
ވޭތުވެދިޔަ ކޮންމެ ކައުންސިލް އިންތިހާބެއްގައި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި ވެސް އެމްޑީޕީން ކާމިޔާބުކުރަމުން ދިޔަ ރިކޯޑް މިފަހަރު ވެސް ދެމެހެއްޓި އެވެ. ތިނަދު އާއި، ވިލިނގިއްޔާއި، ކުޅުދުއްފުއްޓާއި ނައިފަރުގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީން ވަނީ ހޯދައިފަ އެވެ.
 
ވަރުގަދަ ދާއިރާތައް ސަރުކާރަށް ގެއްލުން
ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް، ހުޅުމީދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާގެ ދާއިރާގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިފައިވާއިރު، ޓޫރިޒަމް މިނިސްޓަރު  މޫސާ ޒަމީރާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ނިސްބަތްވާ ވިލުފުށީ ދާއިރާ އާއި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނުގެ ވިލިމާލޭ ދާއިރާ ވެސް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ވަނީ ގެއްލިފައެެވެ. ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ވިޔަފާރިވެރިޔާ އަދި އެމްޑީީއޭގެ ލީޑަރު އަހްމަދު ސިޔާމްގެ މީދޫ ދާއިރާގެ އިތުރުން އެ މަނިކުފާނު ބާރުގަދަ ދާއިރާތަކުގެ އަޣުލަބިއްޔަތު ވެސް ވަނީ އެމްޑީޕީން ނަގައިފަ އެވެ. އެގޮތުން މީދޫ ދާއިރާ އާއި ހޯރަފުށީ ދާއިރާގެ އިތުރުން ނ. އަތޮޅުގެ ބައެއް ދާއިރާތަކުގެ އަޣުލަބިއްޔަތު ހޯދީ އިދިކޮޅު ޕާޓީތަކުންނެވެ. ސިޔާމްގެ ދާއިރާތަކުގެ އިތުރުން، ވެލިދޫ ދާއިރާ އާއި ބިލެތްދޫ ދާއިރާގެ ވެސް އަޣުލަބިއްޔަތު ސަރުކާރަށް ނެތެވެ.  
ރައްޔިތުން ބޭނުމީ ކޮންކްރީޓެއް ނޫން، އިންސާފު
"އަޅުގަނޑު އުންމީދު ކުރަނީ މި ވޯޓަކީ ރައްޔިތުން ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ތަރައްގީ އަށް ދެއްވާ ވޯޓަކަށް ވެގެން ދާނެ ކަމަށް،" ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ލެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ކުރި އިންޓެވިއުއެއްގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ޕީޕީއެމުން ބުނަމުން ދިޔައީ ތަރައްގީ އަށް ވޯޓް ދިނުމަށެވެ. އިދިކޮޅު ޕާޓީތަކުން ބުނަމުން ދިޔައީ ކޮރަޕްޝަން ނައްތާލައި އިންސާފު ގާއިމުކުރުމަށް ވޯޓް ދިނުމަށެވެ. ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނެވި ޕީޕީއެމުން ބޭނުންވާ ތަރައްގީ ރައްޔިތުން ބޭނުން ނުވާ ކަމަށް، ވޯޓްގެ ނަތީޖާއިން ދައްކަ އެވެ. ރައްޔިތުންގެ ވޯޓުން ފެންނަ ހަގީގީ މަންޒަރަކީ ކޮރަޕްޝަނާއި ފަސާދަ ނައްތާލައި، ރާއްޖޭގައި ހަމަހަމަ ކަމާއި އިންސާފު ގާއިމުކުރަން ބޭނުންވާ ކަމެވެ. ޑިމޮކްރަސީ ދަމަހައްޓަން ބޭނުންވާ ކަމެވެ. މުއައްސަސާތައް ބާރުވެރިކުރަން ބޭނުންވާ ކަމެވެ.
ސަރުކާރުން ކެމްޕޭނުންގައި އެންމެ ބޮޑަށް ދައްކުވައި ދެމުންދަނީ ތަރައްގީއަކީ ކޮންކްރީޓް ކަމަށެވެ. ބްރިޖާއި އަގުބޮޑު ޓަވަރުތަކާއި މަގުތަކާއި، ރަސްފަންނުގެ ވާހަކަ ބުނާއިރު، ޕީޕީއެމްއަށް މާލެއިން އެންމެ ގޮނޑިއެއް ވެސް ނުލިބުމަކީ ސަރުކާރު ހަގީގަތުގައި ލަދުވެތިވާން ޖެހޭ ކަމެކެވެ. އަދި އިންތިހާބުގެ އެންމެ ފަހު ވަގުތުގައި އައްޑޫގައި ވެސް ގިނަ މަޝްރޫއުތަކެއް ހިންގަން ސަރުކާރުން އިއުލާނުކުރި ނަމަވެސް، މިފަަހަރު ރައްޔިތުން އެ ދަޅައިގައެއް ނުޖެހުނެވެ.
 
މަންޒަރު ސާފުވެއްޖެ!
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ލެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި އިންތިހާބުން ރައްޔިތުން ދެކޭ ގޮތް ފެނިގެންދާނެ ކަމަށެވެ.
 
"ވޯޓެއް ލުމުގައި މަސްލަހަތު ގެއްލޭ ކަންކަން މެދުވެރިވޭ، އެކަމަކު އަޅުގަނޑަކަށް ނުވިސްނޭ، ވޯޓެއް ލައިގެން މަސްލަހަތު ގެއްލެން ޖެހޭނެ ކަމަކަށް، އެއީ ޑިމޮކްރަސީއަކީ އެމީހަކު ވޯޓުން އެމީހަކު އިހްތިޔާރު ކުރިގޮތް ދައްކާ ގޮތް، އެހެންވީމަ ރައްޔިތުންގެ ގިނަ ބަޔަކު ތާއިދުކުރާ ގޮތެއް ފެނިގެން ދާނީ ވޯޓެއްގެ ތެރެއިން، އެހެންވީމާ ވޯޓެއް ލާއިރަކު ނޫން އެ މައްސަލަތައް އޮންނަން ވާނީއަކީ ވޯޓުގެ ކުރިން ކެމްޕެއިން ކުރުމާއި އަދި ދެއްކިފައި ހުރި ކެނޑިޑޭޓުންގެ ވަރުގަދަ ކަމާއި ޕާޓީ އާއި ރައްޔިތުންނާ ގުޅުން އޮންނަ މިންވަރާއި ބަލާފައި ރައްޔިތުން ވޯޓު ލާނީ. އެހެންވީމާ މައްސަލަތަކެއް ޖެހިގެންވާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ވިދާޅުވި ގޮތަށް ރައްޔިތުން މި ވަނީ ބަސް ބުނެފަ އެވެ. ބިރު ދެއްކުމާއި ނުފޫޒާއި ބާރު ބޭނުންކޮށްގެން ވެސް، ރައްޔިތުންގެ ވޯޓަކާ ކުޅެއެއް ނުލެވުނެވެ. މިކަމުގެ އެނގިގެން ދަނީ މުލައްދަނޑީގެ ބާރުން ހުރިހާ ކަމެއް ކާމިޔާބު ނުވާނެ ކަމާއި އަދިވެސް ރައްޔިތުންގެ ބާރު ގަދަ ކަމެވެ.
 
އަނިޔާވެރިކަމާއި ހިޔާނާތް ހައްދު ފަހަނައަޅާ މިންވަރަށް ގޮސްފައިވާ  މިސަރުކާރަށް ރައްޔިތުން މިވަނީ ހަގީގަތުގައި ވެސް ނޫނެކޭ ބުނެފަ އެވެ. އެހެންވެ،ރައީސް ޔާމީން ވިދާޅުވި ފަދައިން ރައްޔިތުން އެދޭ ގޮތް މިވަނީ ނިންމައިފަ އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ މި ވޯޓަކީ ރައްޔިތުން ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ތަރައްގީ އަށް ދެއްވާ ވޯޓަކަށް ވެގެން ދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ދެން އޮތީ އެ މަނިކުފާނުގެ ނިންމެވުމެވެ. އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ދާއިރާތަކުން ސަރުކާރަށް އަޣުލަބިއްޔަތު ނުހޯދުނުއިރު، އެއްވެސް ސިޓީ ކައުންސިލަކުން ވެސް އަޣުލަބިއްޔަތެއް ނުހޯދެ އެވެ. އެހެންވެ، މި ނަތީޖާއިން ދައްކާ ގޮތުން، މި ސަރުކާރުން ތަރައްގީގެ ނަމުގައި އަޅަމުންދިޔަ ބިނާތަކާއި ރަސްފަންނާއި މަގުތަކަކީ ރައްޔިތުންގެ އެންމެ އިސްކަން ދޭ ލިސްޓްގައި ހިމެނޭ ކަންކަމެއް ނޫނެވެ. ރައްޔިތުން ބުނެފައި އެވަނީ މި ސްރުކާރުގެ ސިޔާސަތު ފެއިލްވެފައިވާ ކަމަށެވެ. މި ސަރުކާރުން ތަރައްގީ ގެންނަން ބޭނުންވާ އުސޫލުން ތަރައްގީ ބޭނުން ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ