އޭޕްރީލް 29، 2019ގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގދ ހުޅުވަރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 150 ކިލޯގެ މަސްތުވަތަކެތީގެ މައްސަލަ ގދ ގައްދޫ ކޯޓުން ބޭރު ކޮށްލައިފިއެވެ.
މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައިވާ ކަން 'ދަ ޕްރެސް' އަށް ވަނީ ކަށަވަރު ކޮށް ދެއްވާފައެވެ. އެ ކޯޓުން މައްސަލަ ބޭރު ކޮށްލީ އިޖުރާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދި ގޮތެއް ނިންމާފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގައްދޫ ދައުވާ ބޭރުކޮށްލީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީއެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ވެއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ 5 މީހަކަށެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވެއެވެ.
ދައުވާ ކުރި މީހުންނަކީ:
ކަނޑުމަގުން އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕްރޭޝަނެއްގައެވެ.
ފުލުހުން މިތަކެތި ހޯދުމަށް ހިންގި އޮޕްރޭޝަން 3 ދުވަސް ވާންދެން މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް މެދު ކެނޑުމެއްނެތި ބަލާފައިި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ހުޅުވާރުލު 150 ކިލޯ ޑްރަގް މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ