"ތަރައްގީއާ އެކީގައި ރައްޔިތުން" ނަމުގައި ޕީޕީއެމްގެ ހަރަކާތްތަކެއް 25 ރަށެއްގައި

ވެރިކަން ކުރާ ޕީޕީއެމުން "ތަރައްގީއާ އެކީގައި ރައްޔިތުން" ނަމުގައި 25 ރަށެއްގައި ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަށްތަކުގައި ހޮނިހިރު ދުވަހު ހަވީރު 4:00 - 6:00 އަށް ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މާލޭގައި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއި ހޯމަ ދުވަހު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި ސައިކަލް ބުރާއި ހިނގާލުންތަކާއި އެއްވުންތައް ބާއްވައި ޝުއޫރު ފާޅުކުރުން ފަދަ ކަންކަން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯތައް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް (ވ) ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
"މީގެ ބޭނުމަކީ ރައީސް ޔާމީނާއެކުގައި ރައްޔިތުން ތިބިކަން ހާމަކޮށް ދިނުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން ހިންގާ ހަރަކާތްތަކުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއަށް ނުވަ އަހަރު ފުރުމާއި ރައީސް އަބްދުﷲ ޔާމީން ގައުމަށް ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމާއި އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލިކޮށް، ގައުމުގެ އަމާންކަން ނަގާލަން ކުރާ މަސައްކަތްތަކަށް ރައްޔިތުން ޖާގަ ނުދޭނެކަން ހާމަކޮށްދިނުން ކަމަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ މާލޭގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނޫން ކަމަށާއި އެފަދަ ހަރަކާތްތައް ހިންގުމުން މާލޭގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ކަމަށެވެ. އެހެންވެ، މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ތިން ބައިކުޅަ އެއްބައި ރައްޔިތުން ދިރިއުޅެނީ މާލޭގައި. މި ހަރަކާތް ސިޔާސީ ކުރުމަށް އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ހުރިނަމަ، މާލޭގައި ސިޔާސީ ހަރަކާތްތަކެއް ހިންގުނީސް. އޭގެ ބަދަލުގައި ކެތްތެރިކަމާ އެކު ދޫކޮށްލަނީ އާންމު ރައްޔިތުންގެ މަސްލަހަތަށް، ރައްޔިތުންގެ ލުއި ފަސޭހައަށް،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ