އައްޑޫގައި ހުޅުވާ ކެންގަރޫ ކިޑްސްގެ މަސައްކަތް މެދުކަނޑާލުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެފި
ތިން ފަރާތަކުން ހިއްސާވެގެން ސ. ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުން ދިޔަ ޝަރަފުއްދީން ބިލްޑިންގްގައި ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށް ބުނެ ހިތަދޫ މީހަކު އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ މައްސަލައިގެ ޝަރީއަތުގައި ވަކި ގޮތެއް ނިމެންދެން އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ. މި މަހުގެ 19 ވަނަ ދުވަހު ކޯޓަށް ވެއްދި މި މައްސަލާގައި މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ހިތަދޫ މަދުރަސާގޭ އުތުރުން އޮތް ބިމުގައި ހިތަދޫ ރައްޔިތުންގެ ހަރަދުގައި އިމާރާތްކޮށްފައިވާ ޝަރަފުއްދީން ބިލްޑިންގައި ހުރި ހިތަދޫ ޕަބްލިކް ލައިބްރަރީ ކެންގަރޫ ކިޑްސްގެ ނަމުގައި ޕްރީ ސްކޫލެއް ހިންގުމަށްޓަކައި ދޫކޮށްފައި ވަނީ ސަރުކާރުގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މައްޗަށް ސ. ހިތަދޫ ބާރޫޒުގޭ މުހައްމަދު އާދިލް އެ ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަން ދެން އެ ބިމުގައި މިހާރު ހިންގަމުން ގެންދާ ލައިބްރަރީ ހިންގުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުވަތަ ހިދުމަތެއް ދިނުމަށްޓަކައި އެއްވެސް ފަރާތަކަށް ޝަރަފުއްދީން ބިލްޑިންގައި ހުރި އިމާރާތް ނުވަތަ އެ އިމާރާތް ހުރި ބިން ނުދިނުމަށާއި އެ އިމާރާތަށް އެއްވެސް އުނި އިތުރެއް ނުގެނައުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް އަންގައި އަމުރު ކުރާ ކަމަށެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ނަފީސް ހުސެއިން ސޮއިކުރައްވައި ނެރުއްވި ވަގުތީ އަމުރުގައި ވަނީ އެގޮތަށް އަމުރިކުރީ، ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން އެ އިމާރާތް ކުއްޔަށް ނުވަތަ އެހެން ގޮތަކަށް ވިޔަސް އެއްވެސް ފަރާތަކަށް ދީފި ނަމަ އެކަމުގެ ސަބަބުން ދެ ފަރާތަށް ވެސް މާއްދީ ގެއްލުންތަކެއް ލިބިދާނެ ކަމަށް ޝަރީއަތަށް ފެންނާތީ ކަމަށެވެ. އައްޑޫގައި ހުޅުވާ ފުރަތަމަ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ މަސައްކަތުގައި އުޅުއްވަނީ ދި އައިލެންޑާސް މޯލްޑިވްސްގެ ޗެއާމަން އަދި މެނެޖިން ޑިރެކްޓަރު އަބްދުއްރަޝީދް (އަބްސީ) އާއި ހިތަދޫގައި އައިއެމްޑީސީގެ ނަމުގައި ހޮސްޕިޓަލެއް ހިންގުމުގެ މަސައްކަތުގައި ވެސް ހިއްސާވާ މަރިޔަމް ޝަކީލާގެ އިތުރުން މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ އަނބިކަނބަލުން ޝިއާރާ މުހައްމަދު ދީދީ އެވެ. ޝަރަފުއްދީން ބިލްޑިންގްގައި ކެންގަރޫ ކިޑްސް ހުޅުވުމަށް ކައުންސިލުން ހަވާލުކުރަން ނިންމައި އެއްބަސްވުމެއްގައި ސޮއިކުރީ މި މަހު 1 ގަ އެވެ. ކެންގަރޫ ކިޑްސް ހިންގުމަށް އިމާރާތް ހަވާލުކުރީ އެ ތަނުގައި ހިންގަމުން ދިޔަ ޕަބްލިކް ލައިބްރަރީ ކުރިން ހުރި ފެންވަރަށް ވުރެ ރަނގަޅަށް ހިންގުމަށާއި ރައްޔިތުން އަތްފޯރާ ފަށެއްގައި އެ ސްކޫލުން ކިޔެވޭނެ ފުރުސަތު ލިބޭނެ ކަމުގެ ޝަރުތުތަކަކާ އެކުގަ އެވެ. މި މައްސަލަ ކޯޓަށް ހުށަހެޅި އާދިލް ބުނީ ކޯޓަށް މައްސަލަ ވެއްދީ އެތަން ބީލަމަށް ނުލައި، އައްޑޫގެ އެއްވެސް ރައްޔިތަކަށް ފައިދާއެއް ނުވާ ގޮތަށް ކައުންސިލުން ވަކި ބަޔަކަށް ދިނުމުން ކަމަށެވެ. އަދި ރައްޔިތުން 1.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ ޝަރަފުއްދީން ބިލްޑިންގްގައި ޕަބްލިކް ލައިބްރަރީއަކާ އެކު ޕްރީ ސްކޫލެއް ހިންގުމަކީ ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. "ބިމާ ބެހޭ ގަވައިދާ ހިލާފަށް އަދި ކޮރަޕްޝަނަށް ވެސް މަގުފަހިވާ ގޮތަށް މޭޔަރުގެ އަންހެނުން ]ޝިއާރާ[ ޕްރީ ސްކޫލެއް ހިންގުމަށް އެތަން ދީފައި ވަނީ. މިއީ ވަކި ބަޔަކަށް އެތަން ދޭންވެގެން ކޮށްފައި އޮތް ކަމެއް. އެތަން ބީލަމަށް ލައިގެން ސްކޫލެއް ހިންގަން އުޅުނު ނަމަވެސް ސީދާ އައްޑޫގައި އެބަތިބި އެކަމަށް ކުރިމަތިލައިގެން އެކަން ކުރާނެ ބަޔަކު،" އޭނާ ބުންޏެވެ. "މިކަން މިގޮތަށް ކައުންސިލުން ނިންމި އިރު، އަޅުގަނޑުމެންގެ ޓީމެއް މޭޔަރާ އެކު ބޭއްވި ބައްދަލުވުމުގައި ބުނިން އެތަން ޕްރީ ސްކޫލެއް ހިންގާކަށް ދޭކަށް ނުފެނެއޭ. އަދި ލައިބްރަރީއަކާ އެކު އެތަނުގައި ތުއްތު ކުދިން ކިޔަވާ ސްކޫލެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫނޭ." އޭނާ އަދި ބުނީ ހިތަދޫ އަކީ އާބާދީގައި 16،000 މީހުން ތިބި ރަށަކަށް ވާއިރު، އެކި ފެންވަރުގެ މީހުން ބޭނުންކުރުމަށް ހެދި ލައިބްރަރީގައި ޕްރީ ސްކޫލެއް ހިންގާކަށް އެއްވެސް ބަޔަކު ގަބޫލެއް ނޫން ކަމަށެވެ. ސޯބެ މިއަދު ވިދާޅުވީ ކެންގަރޫ ކިޑްސް ސްކޫލުގެ މައްސަލާގައި ކޯޓުން ވަގުތީ އަމުރެއް ނެރުނުކަން ރަސްމީކޮށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ލިއުން ކައުންސިލް އިދާރާ އަށް ލިބިފައި އޮވެދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. މި މައްސަލާގައި ކުރިއަށް ދިއުމަށް ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށާއި އަންނަ މަހު 8 ގައި ސްކޫލްތައް ހުޅުވޭތީ ކޯޓުން ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެންމެ އިންސާފުވެރި ގޮތުގައި ކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ކައުންސިލުގެ ފަރާތުން މައްސަލަތަކުގައި ކޯޓަށް ވަޑައިގަންނަވާ ލީގަލް އޮފިސަރާ މެދު ކޯޓުން އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. ސޯބެ އަދި ވިދާޅުވީ ރައްޔިތުން ހޮވާފައިވާ ކައުންސިލަކުން ރައްޔިތުންނަށްޓަކައި ކޮށްދޭން އުޅޭ ކަމަކާ ދޭތެރޭ އަމިއްލަ ފަރުދަކަށް ދައުވާ ކުރެވިދާނެ ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. "ކައުންސިލުން ތަމްސީލްކުރަނީ ރައްޔިތުން. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދޭން ކައުންސިލުން މަސައްކަތްކުރަނީ. ކޯޓުން ކެންގަރޫ ކިޑްސްގެ މައްސަލާގައި ވަގުތީ އަމުރު ނެރެފައި އޮތް ނަމަވެސް ސްކޫލްގައި ކުރަން ޖެހޭ ކަންތައްތައް މިހާރު އެ ވަނީ ނިމިފައި. އެތަނުގައި ޕަބްލިކް ލައިބްރަރީއާ އެކު ޕްރީ ސްކޫލެއް ހިންގުމަށް ކައުންސިލުން ބަޔަކާ ހަވާލުކުރީ ގާނޫނާއި ގަވާއިދާ ހިލާފަކަށް ނޫން. ކައުންސިލަށް ލިބިދޭ އިހުތިޔާރެއްގެ ދަށުން އެކަން ކޮށްފައި ވަނީ. އެތަން ހިންގަނީ ވިޔަފާރި އުސޫލަކުން ނޫން ]ކުއްޔަކަށް ނޫން[ ކަމަށް ވާތީ ބީލަމަކަށް ވެސް ލާކަށް ނުޖެހޭނެ ނޫންތޯ؟" ސޯބެ ވިދާޅުވި އެވެ. "މީގެ ކުރިން އެތަނުގައި ޕަބްލިކް ހެލްތު ވެސް ހިންގައި. އެކަމަކު އެކަމަކާ ދެކޮޅަށް އެއްވެސް ބަޔަކު ނިކުމެ މައްސަލަ ޖައްސާފައެއް ނެތް. މޭޔަރު އިތުރަށް ވިދާޅުވީ މަހަކު 30،000-50،000ރ. ޚަރަދުވާ ލައިބްރަރީ ބޭނުންކުރަނީ ދުވާލަކު "ދެ މީހުން" ކަމަށާއި އެހެންކަމުން އެ އިމާރާތް ހަމައެކަނި ލައިބްރަރީއެއްގެ ގޮތުގައި ހިންގުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންވެ، ޕްރީ ސްކޫލް ހިންގުމުގެ ރަނގަޅު ހުށަހުޅެއް ލިބުމުން އެ ފަރާތާ ޝަރަފުއްދީން ބިލްޑިން ހަވާލުކުރީ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ