ޕީޕީއެމުން އުމަރަށް އިސްލާހުވާން އެންގި ނަމަވެސް އިސްލާހުވާން ޖެހޭ ކަމެއް ނެތް ކަމަށާއި މުޅިން ވެސް ހުރީ އިސްލާހު ކުރަން ޖެހިފައި ހުރި ކަންތައްތައް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އޭނާ ހުންނެވީ ޕާޓީގެ އުސޫލުތަކާއި ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން އިތުރަށް އިސްލާހު ކުރަން ޖެހޭ ތަނެއް ނޭނގޭ ކަމަށެވެ. އުމަރު ވިދާޅުވީ ޕީޕީއެމުން ވަކިކުރުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ހުންނެވި ގޮތުގައި ދެމިހުންނަވާނެ ކަމަށާއި އަނިޔާއާއި ބޭއިންސާފާއި ދެކޮޅަށް އަބަދު ވެސް އަޑުއުފުއްލަވާނެ ކަމަށެވެ.
"އިސްލާހުވާން ޖެހޭ ކަމެއް ނެތް، ކުރަން ޖެހޭ ކަންކަން ހުރީ، އޭގެތެރޭގައި ވަގަށް ފޮއްޓަށް ވޯޓުލުމާއި ކަޅު ފައިސާއަށް ވޯޓު ގަތުމާއި ގޭންގުތައް އޮގަނައިޒް ކުރުމާއި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ. އަޅުގަނޑު ވަކި ކުރުމަކީ ކޮންސާންއެއް ނޫން، އަޅުގަނޑުގެ މަސްލަހަތަކީ ގައުމު،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕާޓީން ވަކިކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށެވެ.
"ވަކިވެސް ކުރާނެ، އެކަމަމާ މެދު ޖެހިލުމެއް ނެތް، ޕާޓީ އޮތީ ގޭންގެއްގެ އަތްމަތީގައި، ކާރަށް ރާ ވެސް އަރުވަން އުޅުނު. އެހެން މިދެންނެވީ ކޮމިޓީތައް ކޮންޓްރޯލު ކުރަމުން ގެންދަނީ ގޭންގު އޮޕަރޭޓް ކުރާ ބަޔަކަށްވާތީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ޕީޕީއެމްގެ އަސާސީ ގަވައިދުގެ ތެރެއަށް ވަނުމަށް ހަތް ދުވަހުގެ މުހުލަތެއްވަނީ ދީފައެވެ.
"ހަތް އަހަރު ދިނަސް އަޅުގަނޑު މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް، މިއީ އަޅުގަނޑުގެ ސްޓޭންޑު، މައާފަށް އެދެން ޖެހޭނީ އޮޅުވާލާ މަކަރު ހެދި މީހުން،" އުމަރު ވިދާޅުވިއެވެ.
އިސްލާހުވާން ޖެހޭ ތަނެއް ނެތް، އިސްލާހު ކުރަން ޖެހޭ ކަންކަން ހުރީ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ