ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ވުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލުން އެކަށީގެންވޭ: ރައީސް މައުމޫން

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއް ހޮވާނީ ޕާޓީގެ ޕްރައިމަރީ އަކުން ކަމަށާއި ޕްރައިމަރީއަށް ވަރަށް ގިނަ އަދެދެއްގެ ބަޔަކު ކުރިމަތިލެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެންވިދާޅުވީ ރާބިތަތުލް އަލްއާލިމުމްގެ އެންމެ މަތީ މަޖިލީހުގެ 41 ވަނަ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެ ވުމަށް ފަހު ރޭ މާލެ ވަޑައިގެން ޖީއެމްއާރް އިބްރާހީމް ނާސިރު އިންޓަރ ނޭޝަނަލް އެއާރޕޯޓުގެ ވީއައިޕީ ލައުންޖްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
"މިކަންތައް ގެންދާނީ ވަރަށް ބޮޑަށް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން. އަޅުގަނޑުމެންގެ ޕާޓީތެރޭގައި ޕްރައިމަރީއެއް ބާއްވާނެ. މި ޕްރައިމަރީގައި ރިޔާސީ ކެނޑިޑޭޓަށް ވުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށްވެސް އޮންނާނެ. އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން ހުރަހެއްނާޅާނެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތި ލެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ރާއްޖޭގައި ވޭތުވެދިޔަ ތިން އަހަރު ރާއްޖޭގެ އިގްތިސާދާއި އިޖްތިމާއީ ފޭރާން ހަލާކުވެފައިވާތީ ރާބިތާގެ މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންވާ ކަމަށާއި، ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތައް ފަތުރަން މަސައްކަތްކުރާ ބަޔަކު އުޅޭކަމަށާއި ދިވެހިގެ މެދުގައި އިސްލާމީ އަގީދާ ބަލިކަށިވާތީ އެކަންކަންވެސް އެމަޖިލީހުން ކަންބޮޑުވާކަން ފާޅުކުރެއްވި ކަމަށެވެ.
ރާއްޖޭގައި މިހާރު ގާއިމުވެފައި މިވާ ސަރުކާރަކީ އަރަބި އަދި މުސްލިމް ގައުމުތައް ބަލައިގަންނަ ސަރުކާރެއް ކަމަށާއި ރާބިތާއިން ވަނީ އެމަޖިލީހުގައި ބައިވެރިވާ ހުރިހާ ގައުމުތަކަށް ރާއްޖެއަށް އެހީތެރިވުމަށް ގޮވާލައިފަވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ