ކުރިމަގުގައި އަޅުގަނޑު ފެންނާނީ ވިޔަފާރި އާއި އިޖުތިމާއީ ކަންތައްތަކުން: ގާސިމް

ރާއްޖޭގެ ވެރިކަމަށް ދެން ކުރިމަތި ނުލައްވަން ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މި ފަސް އަހަރުގެ ދައުރު ހަމަވުމުން މަޖިލީހުގެ މެމްބަރު ކަމަށް ވެސް ކުރިމަތި ނުލައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. މި ވަގުތު ޖަރުމަނުގައި ހުންނެވި ގާސިމް "ހަވީރާ" ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެ ވަަޑައިގެންނެވުނުހާ އަވަހަަކަށް، ޖޭޕީގެ ކޮންގްރެސް ބާއްވައި ޕާޓީގެ ލީޑަޝިޕް ވެސް އެހެން ބޭފުޅަކާ ހަވާލު ކުރައްވާނެ ކަމަށެވެ. "އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން ޕާޓީގެ ރައީސަކަށް ހުންނަ މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ވާނީ. މިއަދު އެ މަގާމުގައި މި ހުރީ އަޅުގަނޑު. އެކަމަކު އަޅުގަނޑު އެއަށް [ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު] ތާއީދު ކުރަން ނިންމުމުން އެ މަގާމުގައި އަޅުގަނޑަކަށް ނުހުރެވޭނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސްއެއް ބާއްވައި އެހެން ބޭފުޅަކާ ލީޑަޝިޕް ހަވާލު ކުރާނަން،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި 10 އަހަރު ހޭދަ ކުރައްވާއިރު، މިހާތަނަށް ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން މާމިގިލީ ދާއިރާ އަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށް ގަބޫލު ކުރެއްވެ އެވެ. އަދި 1986 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެސް ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވީ ގައުމަށް އިސްލާހު ގެނައުމަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމްގެ ނިންމެވުންތައް: ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލެއްވުން.މި ފަސް އަހަރު ނިމުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދެން ކުރިމަތި ނުލެއްވުން.ޖުމްހޫރީ ޕާޓީގެ ލީޑަރުކަން އެހެން ބޭފުޅަކާ ހަވާލު ކުރެއްވުން.ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރަށް. ބަދަލުކުރުމުގެ އިސްލާހަށް ތާއީދު ކުރެެއްވުން.ވިޔަފާރި އާއި އަމިއްލަ ކަންކަމަށް ވަގުތު ދެއްވުން."ހަމައެކަނި އދ. އަތޮޅަކަށް ނޫން. މުޅި ރާއްޖެއަށް ވެސް އަޅުގަނޑު މި އަންނަނީ ހިދުމަތް ކޮށްދެމުން. ތައުލީމީ، އިގުތިސޯދީ ގޮތުން އަޅުގަނޑު ވާނީ ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައި. އިސްލާހީ ބަދަލުތަކެއް ގެނައުމަށް، އަޅުގަނޑު ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކޮށްދެމުން މި އަންނަނީ،" ގާސިމް ވިދާޅުވި އެވެ. މިހާތަނަށް ދެ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފައިވާ ގާސިމް ވިދާޅުވީ އެ ކަންކަމުގެ ސަބަބުން "ސިޔާސީ ގޮތުން އަޅުގަނޑަށް ލިބުނީ ނިކަމެތިކަން" ކަމަށެވެ. ގާސިމް އިބްރާހީމް: އުމުރުން 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ތާއީދުކުރަން ނިންމެވުމާ އެކު، ދެން ވެރިކަމަށް ނުނިކުންނެވުމަށް ވަނީ ނިންމަވާފައި.---ހަވީރު ފައިލް ފޮޓޯ "ދެ [ރިޔާސީ] އިންތިހާބެއްގައި ވާދަކޮށް އަޅުގަނޑަށް ކުރެވުނު ތަޖުރިބާ މިއޮތީ ފެންނަން. އަޅުގަނޑުގެ ވިޔަފާރިއަށް ވެސް ލިބުނީ ނިކަމެތިކަން. މިހާރު އަޅުގަނޑު ބޭނުންވަނީ މުޅިން އެއްކައިރިއަށް ޖެހި ހިދުމަތްތަކެއް ކުރަން. އަޅުގަނޑަށް ކޮށްދެވޭނެ ހިދުމަތްތައް އެބަހުރި. އަޅުގަނޑަކީ އިންސާނިއްޔަތަށްޓަކައި އެތައް ބަޔަކަށް ހިދުމަތް ކުރާ މީހެއް،" ވިލާ ފައުންޑޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ. "މިހާތަނަށް 5،000 އެތައް ކުދިންނަކަށް ކިޔަވައި ދެވިއްޖެ. ގިނަ ކުދިންނަކީ އަޅުގަނޑުމެންގެ ފުލް ސަޕޯޓާއެކު ކިޔެވި ކުދިން. އަނެއް ބައި ކުދިންނަށް ހާފް [ފައިސާ] ދީގެން ކިޔެވީ. މިއަދު 350 އަށް ވުރެ ގިނަ ކުދިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ކޮލެޖްތަކުގައި އަޅުގަނޑުމެންގެ ހަރަދުގައި ކިޔަވަން." ޕާޓީގެ ކޮންގްރެސްއެއް ބާއްވައި އެހެން ބޭފުޅަކާ ލީޑަޝިޕް ހަވާލު ކުރާނަން-- ގާސިމް އޭނާ ވިދާޅުވީ ގައުމު ހަމަޔަކަށް އަޅުވައި، އެކަށީގެންވާ މާހައުލެއް ބާއްވަން ބޭނުންވާ ކަމަށެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ދުރަށް ވަޑައިގަތަސް، އެ ޕާޓީ "މަގު މެދަށް" ދޫކޮށް ނުލާނެ ކަމަށެވެ. އެގޮތުން ޕާޓީން ވިލާއަށް ވަރަށް ބޮޑަށް ދަރާފައިވާއިރު، އެ ދަރަނިތައް މާފުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިއީ 30،000 އެތައް މެމްބަރުންނެއް ތިބި ޕާޓީއެއް. ޖުމްހޫރީ ޕާޓީ ހަލާކު ކޮށްލުމަކީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން. އެހެންވެ ޕާޓީގެ ދަރަނި ވެސް ޒީރޯ ބެލެންސަށް ގެނެސް އަޅުގަނޑު އެހެން ލީޑަޝިޕަކާ ހަވާލުކުރާނީ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވެރިކަމަށް ކުރިމަތި ނުލެއްވުމުގެ ވިސްނުން ފަހަކަށް އައިސް ގެންގުޅުއްވަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހުގައި ތަކުރާރުކޮށް އެ ވާހަކަ ދައްކަވާފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. މުވައްޒަފުންނަށް މުސާރަ ނުދެވި ވަރަށް ދަތި ހާލުގައި މިއުޅެނީ. ކުންފުނީގެ އެކައުންޓްތައް ފްރީޒް ކޮށްފައި ހުރުމުން، އަޅުގަނޑުމެންގެ ހަރަދުގައި ކިޔަވާ ކުދިންނަށް ފައިސާ ނުފޮނުވި ވަރަށް ބޮޑަށް ތާށި އެބަވޭ-- ގާސިމް ގާސިމް ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވާއިރު، ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާތައް ނުދެއްކި ކަމަށް ބުނެ މީރާއިން ވަނީ ވިލާގެ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގާސިމާއި ސަރުކާރާ ދެމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފަ އެވެ. ވިލާ ކޮލެޖުން ކިޔަވައި ނިމުން ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ފެބްރުއަރީ 22، 2014 ގައި ދަރުބާރުގޭގައި ބޭއްވި ގްރެޖުއޭޝަންގައި ގާސިމް ވާހަކަ ދައްކަވަނީ.-- ހަވީރު ފައިލް ފޮޓޯ ގާސިމް މިއަދު ވެސް ވަނީ އެއީ އޭނާ ދައްކަވަން ޖެހޭ ފައިސާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަރުމަނުގެ ފްރެކްފަޓްގައި މިވަގުތު ވެސް ކުރައްވަމުން ގެންދަވަނީ ވިލާ ވެއްޓިފައިވާ ފުންވަޅުގަނޑުން ސަލާމަތް ކުރުމުގެ މަސައްކަތެވެ. އެގޮތުން އެކިއެކި ޓުއާ އޮޕަރޭޓަރުންނާ ބައްދަލު ކުރައްވައި، އަދި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެހެނިހެން ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. "މުވައްޒަފުންނަށް މުސާރަ ނުދެވި ވަރަށް ދަތި ހާލުގައި މިއުޅެނީ. ކުންފުނީގެ އެކައުންޓްތައް ފްރީޒް ކޮށްފައި ހުރުމުން، އަޅުގަނޑުމެންގެ ހަރަދުގައި ކިޔަވާ ކުދިންނަށް ފައިސާ ނުފޮނުވި ވަރަށް ބޮޑަށް ތާށި އެބަވޭ. ޓޫރިޒަމް އޮކިއުޕެންސީ އެހާ ދަށް. އެހެންވެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތަކެއް މި ހޯދަނީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ