މިއަހަރު ފުލުހުންގެ އެންމެ ބޮޑު އަމާޒަކީ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި މާހައުލެއްގައި ބޭއްވޭ އިންތިޚާބަކަށް ހެދުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ސައުވީސް ވަނަ ރެކްރޫޓް ޓްރެއިނިން ކޯސް އިފްތިހާހު ކުރަން ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ ފުލުހުންނަށް ބުރަ އަދި ޒިންމާ ބޮޑު ދުވަސްތަކެއް ކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ފުލުހުންގެ ބަދަހި ސަފުތައް އެންމެ ކުރީގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
"މިއަހަރު ފުލުހުންގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފްވެރި ކަމާއެކު ކުރިއަށްދާ އިންތިޚާބަކަށް ހެދުމަށް އެފަދަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަސައްކަތް ކުރުން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެ މަސައްކަތް ކުރަން ފުލުހުންނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ގޮންޖެހުންތަކާއި ކުރމަތިލައިގެން ވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމަކީ ފުލުހުންގެ މައިގަނޑު އަމާޒު ކަމަށެވެ.
މީގެ އިތުރުން ކޮމިޝަނާ ވިދާޅުވީ ރާއްޖޭގައި ކުށްކުރުން އިތުރުވެ، މީހުން މެރުމާއި ޖިންސީ ގޯނާ ކުރުން ފަދަ އަމަލުތައް ކަންބޮޑުވާންޖެހޭ މިންވަރަށް ހުރި އިރު އެ ކުށްތައް ކުރާ ފަރާތްތައް ހޯދައި މުޖްތަމައު އަމާން ތަނަކަށް ހަދަން މަސައްކަތް ކުރުމަކީވެސް މިއަހަރު ފުލުހުންގެ އަމާޒެއް ކަމަށެވެ.
އަދި ވިދާޅުވީ އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ފުލުހުންގެ ހިދުމަތް ލިބެންޖެހޭނެ ކަމަށާއި ފުލުހުންގެ ޚިދުމަތަކީ މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކުގެ ދަށުގައި ބަނދެވިފައިވާ ޚިދުމަތަކަށް ވެގެންނުވާނެ ކަމަށެވެ.
އަމާޒަކީ ރިޔާސީ އިންތިހާބަށް މިނިވަން މާހައުލެއް ހޯދައިދިނުން: ކޮމިޝަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ