ކަރަންޓު ސަބްސިޑީ އަށް ވާން މި އުޅެނީ ކިހިނެއް؟

ސަބްސިޑީ އަކީ އެ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސޯދީ ހާލަތު ރަނގަޅުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ދޭ މާލީ އެހީތެރި ކަމެކެވެ. މި އެހީތެރިކަން ފޯރުކޮށްދެވޭ ކިތަންމެ ގޮތެއް އޮވެ އެވެ. ސީދާ ނަގުދު ފައިސާގެ އެހީ އާއި އިންޓްރެސްޓް ނުނަގައި ލޯނު ދިނުމަކީ ވެސް ސަބްސިޑީގެ ވައްތަރެކެވެ. ސިއްހީ ހިދުމަތްތައް އިންޝުއަރެންސް ކޮށްދިނުމާއި ޓެކުހާއި ޑިއުޓީ މައާފުކޮށްދިނުމާއި ލުއި ލޯނާއި ލޯންގެ އިންޓްރެސްޓް ކަނޑައިލުމަކީ ވެސް ސަބްސިޑީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ސަބްސިޑީ ދޭ އިރު، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ސަބްސިޑީ ދިނުމަކީ ވެސް އޮންނަ އުސޫލެކެވެ. އަދި ހިދުމަތް ދޭ ފަރާތަށް ސަބްސިޑީ ދިނުމަކީ ވެސް ކުރާ ކަމެކެވެ. މިއިން ކޮންމެ ގޮތަކަށް ސަބްސިޑީ ދިން ކަމުގައި ވިޔަސް، އޭގެ މަންފާ ކުރާނީ ހިދުމަތް ލިބިގަންނަ ފަރާތަށެވެ. އާންމު ގޮތެއްގައި ސަބްސިޑީ ދެނީ ސަރުކާރުން ކަމުގައި ވިޔަސް، ސަރުކާރާ ގުޅުމެއް ނެތް، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ސަބްސިޑީ ދީ އުޅެ އެވެ. ރާއްޖޭގެ ހުރިހާ ކަމެއް މިއަދު ބިނާވެފައި އޮތީ ތަފާތު ސަބްސިޑީތަކުގެ މައްޗަށެވެ. ސިހްހީ ހިދުމަތާއި ތައުލީމުގެ ހިދުމަތާއި ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކާއި އެ ނޫން ކިތަންމެ ގޮތަކުން ސަބްސިޑީތައް ވަނީ އަޅުގަނޑުމެން ވަށާލައިފަ އެވެ. އެހެންކަމުން ސަބްސިޑީއަކީ މިއަދު އެއާ ނުލައި ދިވެހިންނަށް އުޅެން އުނދަގޫ އެއްޗެކެވެ. ސަބްސިޑީ ނުލިބި އެއްވެސް ހިދުމަތެއް ލިބިގަތުމަށް މިއަދު އަޅުގަނޑުމެންނަކަށް ނުރުހެވެ އެވެ. އަސާސީ ހުރިހާ ހިދުމަތެއް މިއަދު އޮތީ ސަބްސިޑީގެ ތެރޭގައި ތާށިވެފަ އެވެ. ސަބްސިޑީ ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ސަބްސިޑީ ދިނުމުގައި، އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް އެބަ ހުއްޓެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، ސަބްސިޑީ ދެނީ ރައްޔިތު އެންމެންނަކަށް ނޫނެވެ. އާންމު ރައްޔިތުންގެ ތެރެއިން ވެސް މާލީ ފުދުންތެރިކަން ވަކި ވަރަކަށް ވުރެ ދަށް މީހުންނަށެވެ. އަދި ސަބްސިޑީ ދެނީ ވެސް ވަކި ކަހަލަ ހިދުމަތްތަކާއި ވަކި ކަހަލަ ބާވަތްތަކަށެވެ. ނަމަވެސް އަޅުގަނޑުމެން ސަބްސިޑީ އަށް ފަރިތަވީ އެންމެނަށް ހަމަހަމަ އަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގަ އެވެ. އެކަން އެހެން ވީ، ސަރުކާރުގެ "ހެޔޮފުޅުކަން" ދައްކަންވެގެން، އެއްވެސް ހަމައެއް ނެތި، ބައެއް ކަހަލަ ސަބްސިޑީތައް އެންމެންނަށް ދޭން ފެށުމުންނެވެ. ބޭސްފަރުވާގެ ސަބްސިޑީ އާއި ކަރަންޓުގެ ސަބްސިޑީއަކީ އެ ފަދަ ގޮތަކަށް ދީފައި އޮތް ސަބްސިޑީތަކެވެ. އެހެން އެކަން އޮއްވައި، ކަރަންޓުގެ ސަބްސިޑީ، ހަމައެކަނި އޭގެ ހައްގުވެރިންނަށް ދޭން ސަރުކާރުން ނިންމައި، އެކަމަށް މިސްރާބު ޖެހުމުން މިހާރު މިވަނީ މައްސަލަ އުފެދިފަ އެވެ. ކުރިން ދެމުން އައި ކަރަންޓުގެ ސަބްސިޑީ މި މަހުން ފެށިގެން ކަނޑާލައި، އެ ސަބްސިޑީ އަށް އެދޭ މީހުންނަށް އެކަނި ދޭން ނިންމުމުން، އެއީ ގިނަ ބަޔަކަށް ބަލައިގަނެވޭ ކަމަކަށް ނުވި އެވެ. ސަބްސިޑީ ކަނޑައިލުމުން ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން، ބައެއް ރަށްރަށުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ބައެއް ރަށްރަށުގައި ހޮޓާތަކާއި ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ. ކަރަންޓު ބިލަށް 3،000 ރުފިޔާ ދައްކަމުން އައި ތަންތަނުގެ ކަރަންޓު ބިލް 6،000 ރުފިޔާ އަށް ބޮޑުވުމަކީ ބަލައިގަނެވޭ ކަމަކަށް ނުވި އެވެ. އެންމެ ފަހުން ސަރުކާރުން މިހާރު ނިންމާފައި ވަނީ، ކަރަންޓުގެ ސަބްސިޑީ އަށް އެދި މި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅާ އެންމެހައި ފަރާތްތަކަށް ސަބްސިޑީ ދިނުމަށެވެ. މާނައަކީ ސަބްސިޑީ އަށް އެދި ހުށަހަޅައިފި ނަމަ، އެއީ ކިތަންމެ ބޮޑު މުއްސަންޖަކަށް ވިޔަސް އެ މީހަކަށް ސަބްސިޑީ ލިބޭނެ އެވެ. ދިހަ ބާރަ ހާސް ރުފިޔާ އަށް ކޮޓަރިގަނޑެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ އާއިލާއަކަށް ސަބްސިޑީ ލިބޭ ފަދައިން، އަމިއްލަ ގެ 10 ބުރި އަށް ހަދައި އޭގެ ތެރެއިން އަށް ބުރީގެ ކުލިން މަހަކު ތިން ހަތަރު ލައްކަ ރުފިޔާގެ އާމްދަނީ ލިބޭ މީހާ އަށް ވެސް ސަބްސިޑީ ލިބޭނެ އެވެ. މިއީކީ ވެސް ހަމަޖެހޭ އުސޫލެއް ނޫނެވެ. ސަބްސިޑީ ދިނުމުގައި ވެސް ހަމަޖެހޭ އުސޫލެއް އޮންނަންވާނެ އެވެ. ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭ އިރު، ފޯރުންތެރިންނާއި އަތްމަތި ދަތި މީހުންނާ ދެމެދު ތަފާތުތަކެއް ހުންނަންޖެހޭނެ އެވެ. ކަރަންޓު ސަބްސިޑީ ދިނުމުގައި ވެސް މި ތަފާތު ހުންނަންޖެހޭނެ އެވެ. އެހެން ނޫން ނަމަ ގެއްލިގެން އެ ދަނީ ގައުމުގެ ތަރައްގީ އަށް ހޭދަކުރަން ހުރި އެތައް ފައިސާއެކެވެ. ސަބްސިޑީ ހައްގުނުވާ ފަރާތްތަކަށް ދޭ ފައިސާ ގައުމުގެ އެހެން ކަންކަމަށް ހޭދަކުރަން ބަހައްޓައިފިއްޔާ ގައުމުގެ އިގްތިސާދީ ތަރައްގީ އަށް އަވަސް ކުރިއެރުންތަކެއް އަންނާނެ އެވެ. ސަބްސިޑީގެ ވާހަކަ ދައްކާ އިރު ހަނދާންކުރަންޖެހޭ އަނެއް ކަމަކީ، ދީފައި އޮތް އެއްޗެއް އަނބުރާ ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމެވެ. މީގެ ކުރިން ކަރަންޓުގެ ސަބްސިޑީ ދެމުން އައި އެންމެންނަކީ، ދައުލަތުގެ ފަރާތުން އެފަދަ އެހީތެރިކަމެއް ކޮންމެހެން ދޭންޖެހޭ މީހުން ކަމުގައި ނުވެދާނެ އެވެ. ނަމަވެސް އެ އެހީ ދެމުން އައިސް ވަކި ހިސާބަކުން ހުއްޓާލުން އުނދަގޫވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ