ފެންޓަސީ ބޭކަރީ އަށް ހުއްދަ ދިނީ އޭޖީގެ ލަފާގެ މަތިން: އެމްއެފްޑީއޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ބައެއް މަސައްކަތްތައް ކައުންސިލްތަކާ ހަވާލުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް މޮނިޓަކުރާ ފަރާތަކީ އެ އެތޯރިޓީ ކަމަށާއި ފެންޓަސީ ބޭކަރީ އަށް ހުއްދަ ދިނީ ބަންޑާރަ ނައިބު އޮފީހުގެ ލަފާއާ އެކުގައި ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ. އެމްއެފްޑީއޭގެ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވީ ކާބޯތަކެތި ވިއްކާ ތަންތަނަށް ހުއްދަ ދިނުން ފަދަ ބައެއް މަސައްކަތްތައް ކައުންސިލްތަކާ ހަވާލުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް މޮނިޓަކޮށް، ގަވާއިދާ ހިލާފަށް ހިންގާ ކަންތައްތައް ބަލައި ގޮތް ނިންމާ ފަރާތަކީ އެ އޮތޯރިޓީ ކަމަށާއި ފެންޓަސީ ބޭކަރީ އަށް ހުއްދަ ދިނީ ކާބޯތަކެތި ގެންގުޅޭ އަދި ވިއްކާ ތަންތަނުގައި ހުންނަ ސާފު ތާހިރުކަން ހުރިތޯ ބެލުމަށް ފަހު ޓެކްނިކަލް ގޮތުން އެފަދަ އެއްވެސް މައްސަލައެއް ނެތުމުން، އެފަދަ އެހެން ތަންތަނާ މެދު ވެސް އަމަލުކުރާ އުސޫލުން ކަމަށެވެ. މިއީ ކައުންސިލްގެ ދަށަށް މަސައްކަތްތައް ބަދަލުކުރި ފަހުން އެ އޮތޯރިޓީން އެފަދަ ތަނަކަށް ހުއްދައެއް ދިން ފުރަތަމަ ފަހަރެވެ. މުއްދަތު ހަމަވެފައި ހުރި ތަކެތި ބޭނުންކޮށްގެން ކާބޯތަކެތި އުފައްދައި ވިއްކުމުގެ މައްސަލައިގައި މިދިޔަ އަހަރު ބަންދުކުރި ފެންޓަސީ ބޭކަރީ، އެމްއެފްޑީއޭގެ ހުއްދައަކާ އެކު އަލުން ހުޅުވާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ދަނީ ބުނަމުންނެވެ. އަދި އެ ތަން ބަންދުކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. "ހުއްދަ ނުލިބި ލަސްވަމުންދާތީ އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅުމުން އަޅުގަނޑުމެން ސިޓީ ކައުންސިލާ މަޝްވަރާކޮށް އެ ހުއްދަ ދެވޭތޯ މަސައްކަތްކުރިން. ނަމަވެސް އެއްވެސް ޖަވާބެއް އަޅުގަނޑުމެންނަށް ނުލިބުމުން މޮނިޓަރިން ބޮޑީގެ ހައިސިއްޔަތުން ބެލީ އެ ތަނުގައި މައްސަލައެއް ހުރިތޯ. ހުރިހާ ކަމެއް ފުރިހަމަކޮށްފައި ހުރުމުން އަޅުގަނޑުމެން އޭޖީގެ ލަފައަކާ އެކު ހުއްދަ ދިނީ،" ސާޖިދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުއްދަ ދިނުމުގެ ކުރިން ކުރި އިންސްޕެކްޝަންގެ ރިޕޯޓް ސިޓީ ކައުންސިލަށް ހުށަހަޅައި ހުއްދަ ދިނުމަށް އެދުނު ކަމަށާއި ނަމަވެސް އެ ކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އެމްއެފްޑީއޭ އިން ބުނީ މީގެ ކުރިން ވެސް މި ފަދަ ބައެއް މައްސަލަތަކުގެ ތެރެއަށް ވަދެ ކައުންސިލްތަކާ ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާނެ ކަމަށެވެ. "މައްސަލަ ޖެހިގެން ބަންދުކުރާ ތަންތަނަށް އަލުން ހުއްދަ ނުދީގެން މިކޮޅަށް ހުށަހެޅުމުން ކައުންސިލްތަކާ ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާނެ،" ސާޖިދާ ވިދާޅުވި އެވެ. ސިޓީ ކައުންސިލްގެ މެންބަރު ހަސަން އަފީފް (ޖަންބު ހަސަން) ވިދާޅުވީ ފެންޓަސީ ބޭކަރީ އަށް ހުއްދަ ނުދޭން ކައުންސިލްގެ ބައްދަލުވުމެއްގައި ނިންމާފައި ވަނީ އެ ތަނުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީގައި އޮތުމުން ކަމަށެވެ. އަދި ފަހުން ފެންޓަސީން ވެސް ހުއްދަ ދިނުމަށް ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކުރުމުން އެ މައްސަލަ ނުނިމެނީސް ހުއްދަ ނުދޭން ކައުންސިލުން ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފެންޓަސީ އަށް ހުއްދަ ދިނުމާ ގުޅިގެން އެ ތަނުން ވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. ސާޖިދާ ވިދާޅުވީ ކޯޓުގައި އޮތް މައްސަލަ އާއި ކުށެއް ކޮށްފި ނަމަ އަދަބުދީ ފިޔަވަޅު އެޅުމަކީ ސާފުތާހިރުކަމުގެ ހުއްދަ ދިނުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިން ހުއްދައަކީ ޓެކްނިކަލް ކަންތައްތަކަށް ބަލާފައި އެފަދަ އެހެން ތަންތަނާ މެދު ވެސް އަމަލުކުރާ އުސޫލުގެ ދަށުން ރައްކާތެރިކަން ހުންނަންޖެހޭ މިންގަނޑަށް ހުރުމުން ދިން ހުއްދައެއް ކަމަށެވެ. "މީގެ ކުރިން ވެސް ކާބޯތަކެތި ގެންގުޅުމަށް އެކަށީގެން ނުވާ ތަންތަން ބަންދުކޮށް އެ ތަންތަނާ މެދު ފިޔަވަޅު އަޅާފައި އެބަހުރި. ނަމަވެސް އެކަންކަން ރަނގަޅުކުރުމުން ހުއްދަ ދީފައި ވަނީ،" ސާޖިދާ ވިދާޅުވި އެވެ. ޖަންބު ހަސަން ވިދާޅުވީ ފެންޓަސީ އަށް ހުއްދަ ނުދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ތަނަށް ހުއްދަ ދިނުމަށް ގޮތެއް ނިންމުމަށް ކައުންސިލަށް ހުށަހަޅައި އެ ކަމަށް ތާއީދުކުރީ ވެސް އޭނާ ކަމަށެވެ. ނަމަވެސް ކައުންސިލުގެ ވޯޓުން އޭރު ނިންމީ އާންމުންގެ ހިޔާލު ހޯދުމަށެވެ. އެކަމަށް ބޭއްވި ބައްދަލުވުން ހޫނުވެ ވަކި ގޮތަކަށް ނިމިފައެއް ނުވެ އެވެ. އެމްއެފްޑީއޭ އިން ފެންޓަސީ އަށް ހުއްދަ ދިނުމުގެ މައްސަލަ ބޮޑުވެފައިވާ އިރު މި މައްސަލާގައި ފެންޓަސީން އިކޮނޮމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބުގައި ވެސް ބުނެފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އެތަން އަލުން ހުޅުވައި ހިދުމަތްދިނުން ކުރިއަށް ގެންދިއުމުގައި އެ މިނިސްޓްރީގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ