ރާއްޖެ ޓީވީގައި ރޯކޮށްލުމުގެ ތުހުމަތުގައިވާ މީހަކު ބަންދުކުރަން ދަށު ކޯޓުން އަމުރުކުރީ ރަނގަޅަށް: ހައި ކޯޓު

ރާއްޖެ ޓީވީއަށް ގެއްލުންދީ ރޯކޮށްލުމުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާއިރު އޭގެ ތެރެއިން ހއ. މުރައިދޫ، ހިޔަލީގޭ މުހައްމަދު ޔާމީން ބަންދުގައި ބަހައްޓަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފްކުރީ އެ އަމުރު ރަނގަޅު ނޫން ކަމަށް ބުނެއެވެ. އޭނާގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެކި ނެތް ކަމަށެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައިވަނީ ޔާމީނާ ދެކޮޅަށް އެކަށީގެންވާ މިންވަރުގެ ހެކި ދަށު ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ބޮޑެތި ކުށްތަކަކަށް ވާތީ ޔާމީން ބަންދުކުރަން ދަށު ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. ރާއްޖެ ޓީވީއަށް ގެއްލުންދިން މައްސަލައިގައި އިތުރު މީހަކު ހޯދަން ވެސް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އޭނާއަކީ ހ. ގަސްވާ މުހައްމަދު މީއާދެވެ. އޭނާއަކީ މަސްތުވާތަކެތި ބޮޑު ނެޓްވޯކެއްގައި ހިމެނޭ ކަމަށް ބުނެ 2011 ވަނަ އަހަރު އަތުލައިގަތް މީހުންގެ ތެރޭގައި ހިމެނެ މީހެކެވެ. އެ ނެޓްވޯކް ހައްޔަރުކުރިއިރު ހ. ފަށަން ގެއިން ފެނިފައިވާ 800 ގްރާމް މަސްތުވާތަކެއްޗަކީ މީއާދުގެ ތަކެތި ކަމަށް ބުނެ އޭނާ ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެފަ އެވެ. އެ މައްސަލައިގެ ހުކުމް މިމަހުގެ ތެރޭގައި އިއްވުމަށް ކޯޓުން ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ