ވޯޓަށް އަމާނާތްތެރިވާނަމަ ޔާމީނަށާއި ޖަމީލަށް ވޯޓު ދިނުމަށް މައުމޫން އެދިވަޑައިގެންފި
ވޯޓަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި ވޯޓަށް އަމާނާތްތެރިވާ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށާއި ރަނިންމޭޓް މުހައްމަދު ޖަމީލު އަހުމަދަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރައީސް ކަމަށް މީހަކު ހޮވަންވާނީ އެ މީހަކަށް ހެޔޮކަމެއް ނުވަތަ ޝަރަފެއް ނުވަތަ އެ މީހަކާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ނޫން ކަމަށެވެ. އެކަމަކު ރައްޔިތުންގެ ލާބައަށާއި ތަރައްގީ އަށް ކަންތައްތައް ކޮށްދީ، އެ ކަންތައްތައް ކުރެވޭނެ ގާބިލް މީހަކު ހޮވުމުގެ ނިޔަތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ގޮތެއް ނިންމުމާ މެދު އަމާނާތްތެރިވުމަށް ގުރުއާނުން މިސާލު ނަންގަވަމުން މައުމޫން ވިދާޅުވީ ގައުމުގެ ހެވާއި ލާބަ އަށް ވިސްނާފައި އެންމެ ރަނގަޅު ވެރިއަކު ހޮވުމަށް ވޯޓު ދިނުމަކީ ގައުމުގެ މުސްތަގްބަލަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެެ. މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމުން ވެރިކަންކުރަން ބޭނުން ވަނީ ހަމައެކަނި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށެވެ. އެކަމަކު އެކި ގޮތްގޮތަށް ތަރައްގީ ގެނެވޭނެ ކަމަށާއި އެހެން ކަމުން ގައުމަށް ގެންނަނީ ކޮންކަހަލަ ތަރައްގީއެއް ތޯ ވެސް ބަލަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރާނީ އިންސާފުވެރި ތަރައްގީ ހޯދައިދޭން. އަދި ދެމެހެއްޓެނިވި ތަރައްގީ ހޯދައިދޭން،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މަދު ބަޔަކަށް ފުރުސަތުތައް ހޯދައިދީގެން އެ މީހުންގެ މުއްސަނދިކަން ބަންޑުންވެގެން އެއިން އެހެން މީހުންނަށް ފައިދާތަކެއް ލިބިގެން ހިނގައިދާނެ ކަމަށެވެ. އެކަމަކު އެއީ އެންމެ ރަނގަޅު ތަރައްގީ ނޫންކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ތަރައްގީ އަކީ ކޮންމެ ގިންތިއެއްގެ އަދި ކޮންމެ ފަންތިއެއްގެ މީހަކަށް ވެސް ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގެ ހުރި މީހަކަށް ވިޔަސް، އެމީހަކަށް އެހެން މީހުންނެކޭ އެއްވަރަށް ތައުލީމާއި ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ބޮޑެތި ތަރައްގީތަކެއް ވަނީ އައިސްފަ އެވެ. އެކަމަކު އެއީ އެ މަނިކުފާނުގެ މަސައްކަތް ނޫން ކަމަށާއި އެ ތަރައްގީ ގެނެސްފައިވަނީ ރައްޔިތުންގެ މަސައްކަތުން ކަމަށް ވިދާޅުވި އެވެ. މައުމޫން ވަނީ އެ މަނިކުފާނު ވެރިކަމަށް އަރައިވަޑައިގެން އަހަރުން ފެށިގެން، 2008 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް ތަރައްގީ އައިސްފައިވާ ދާއިރާތައް ކުރު ގޮތަކަށް ވިދާޅުވެފަ އެވެ. އެގޮތުން ޅަ ފަތުގައި މަރުވާ ކުދިންގެ ނިސްބަތް އަހަރުން އަހަރަށް މަދުކޮށް، ސަރުކާރު ސްކޫލުތަކުގެ އަދަދު އެންމެ ހަތަރު ސްކޫލުން 200 ސްކޫލަށް އިތުރުކޮށް، ރިސޯޓުތަކުގެ އަދަދު އެތައް ގުނައަކަށް އިތުރުކޮށް، ރާއްޖެ އަންނަ ޓޫރިސްޓުގެ އަދަދު ހަ ލައްކަ އަށް ގިނަވެފައިވާ ކަން އެ މަނިކުފާނު ވިދާޅުވި އެވެ. " އޭރު ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީއަކީ 180 ޑޮލަރު. އެކަމަކު މިހާރު އެ އަދަދު ވަނީ 4500 ޑޮލަރަށް އިތުރުކޮށްފައި. މިއީ ކުޑަ މަސައްކަތެއް ނޫން،" މައުމޫން ވިދާޅުވި އެވެ. މާލެ އާއި ރަށްރަށުގެ ފަރަގު ބޮޑުކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގައި އުޅޭ މީހުންނަށް ލިބޭ ހިދުމަތާއި ވަޒީފާގެ ފުރުސަތުތައް މަދު ކަމަށެވެ. އަދި ވަޒީފާ ނެތް އަންހެނުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ ޕީޕީއެމްގެ ސަރުކާރެއްގައި ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްގީ ފަހިކޮށްދެއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ހުރިހާ ބޭފުޅުންނަށް ވެސް ގަދަރުކުރައްވާ ކަމަށާއި އެކަމަކު ހިދުމަތާއި ގާބިލިއްޔަތު ކަމަށް ބަލާއިރު ޔާމީނާއި ޖަމީލު ފިޔަވައި އިތުރު ބަޔަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ