އިގުތިސާދީ ޒޯންގެ ބިލް އޮތް ގޮތުން ބޭނުން ވިޔަފާރިތަކެއް ހަލާކުކޮށްލެވިދާނެ: ގާސިމް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލް މިހާރު އޮތް ގޮތުން ރައީސަށް ބޮޑެތި ބާރުތަކެއް ލިބޭ ކަމަށާއި އެ ބާރުތަކުގެ ތެރެއިން ބޭނުންވާ ބަޔަކު މުއްސަނދިކޮށް އަނެއް ބައި ވިޔަފާރިތައް ހަލާކުކޮށްލެވިދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. އެކަމަކު އިސްލާހުތަކެއް ގެނެސް އެ ބިލް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބިލް ދިރާސާ ކުރަމުން އަންނަ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ އެހެން ގައުމުތަކުގައި އިކޮނޮމިކް ޒޯން ހަދަނީ އެ ގައުމެއްގައި މުޅިން އަލަށް ތަރައްގީކުރަން ބޭނުންވާ ކަންތައްތަކަށް ހާއްސަކޮށްގެން ކަމަށެވެ. ނަމަވެސް ބިލް މިހާރު އޮތް ގޮތުން ބޭނުން އަދަދަކަށް ތަފާތު ނުވަ ބާވަތެއްގެ ވިޔަފާރިތަކަށް ހާއްސަ އިކޮނޮމިކް ޒޯންތައް ތަރައްގީކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ ޒޯންތަކުގައި އިންވެސްޓްކުރެވޭނެ ވަކި އަދަދެއް ކަނޑައަޅާފައި ނުވުމުން އެއީ މިހާރު ރާއްޖޭގައި ހުރި ވިޔަފާރިތަކަށް ބިރު އޮތް ކަމެކެވެ. "ކޮންމެ ގޮތަކުން ލައިގެން ނަމަވެސް ރައީސަކަށް ހުންނަ ބޭފުޅަކަށް މިދެވެނީ މި ބިލްގެ ތެރެއިން ވަރަށް ބޮޑެތި ބާރުތަކެއް. އެއީ ކޮންމެ ބޭފުޅަކު ހުއްޓަސް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެއް. މީގެން ހަމަ ޑޮލަރުކޮޅެއް ނަގާފައި ދެތިން ހަތަރު މީހަކު މުއްސަނދިކުރަން އިކޮނޮމިކް ޒޯންތަކެއް ހަދަންވީ. ނޫނީ ވަކި ވިޔަފާރިއެއް އިކޮނޮމިކް ޒޯނެއްގެ ތެރެއަށް ލާފައި ހަލާކުކޮށްލަންވީ،" ގާސިމް ވިދާޅުވި އެވެ. ނުހެދި ހުރި ރިސޯޓްތަކަށް އިކޮނޮމިކް ޒޯންގެ ތެރެއިން ލިބޭ އިނާޔަތްތަކުގެ 40 ޕަސެންޓް ލިބޭނެ ކަމަށް ބުނެފައި ވާތީ ގާސިމް ވިދާޅުވީ ރާއްޖޭގައި އެތައް ރިސޯޓެއް އޮތް އިރު ވަކި ރިސޯޓްތަކަކަށް ބޮޑެތި އިނާޔަތްތަކެއް ދިނުމާ މެދު ވިސްނާލަން ޖެހޭނެ ކަމަށެވެ. އަދި އެ އިނާޔަތްތައް ދެވޭނެ މުއްދަތަކާއި އުސޫލުތަކެއް ބިލްގެ ތެރެއިން ކަނޑައެޅިގެން ދާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ގެއްލުމެއް ވެދާނެ ގޮތަކަށް ބިލް ފަރުމާކޮށްގެން ނުވާނެ އެވެ. އެކަމަކު އޭނާ ވިދާޅުވީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެކަންކަމަށް އެޑްރެސް ކޮށްގެން ބިލް ފާސްކުރުމަކީ ރާއްޖެއަށް ފައިދާ ހުރި ގޮތަކަށް ވާނެ ކަމަށެވެ. "އަޅުގަނޑު ކޮންމެހެން މި ބިލާ ދެކޮޅު ހަދަނީއެއް ނޫން. މި ކަންކަމަށް އެޑްރެސްކޮށްގެން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" ގާސިމް ވިދާޅުވި އެވެ. ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް )އެމްޑީއޭ(ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ އިކޮނޮމިކް ޒޯންގެ ބިލްގެ މަގުސަދަކީ ރާއްޖޭގެ މާލީ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި ހުއްޓިފައިވާ އިންވެސްޓްމަންޓްތަކަށް ދިރުން ގެނައުން ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކަށް ބޭންކްތަކުން ފައިސާ ދޫނުކުރާ އިރު އިކޮނޮމިކް ޒޯންތަކާ އެކު ޑިވަލޮޕްމަންޓް ބޭންކްތައް އައިސް ރާއްޖޭގެ އިގްތިސާދަށް ދިރުން ލިބޭނެ ކަމަށް، ގާސިމް ފަދައިން އެތައް ރިސޯޓެއް ހިންގަވަމުން ގެންދަވާ ސިޔާމް ވިދާޅުވި އެވެ. "މިއީ އަޅުގަނޑު ދަންނަވާނީ އަވަސްކުރަންވީ މުހިންމު ބިލެކޭ. މިއީ ހުއްޓިފައިވާ އިންވެސްޓްމަންޓްތައް ހިނގައިގަންނާނެ ބިލެއް. ރާއްޖޭގެ އިންވެސްޓަރުންނަށް ބޭންކްތަކުން ފައިސާ ދުލެއް ނުކުރޭ. ބޭރުގެ ބޭންކަކުން ވެސް. މިކަހަލަ ހާލަތެއްގައި މި އޮތީ،" ސިޔާމް ވިދާޅުވި އެވެ. އިކޮނޮމިކް ޒޯންގެ ބިލް ވީހާވެސް އަވަހަކަށް ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. އެ ބިލް ދިރާސާކުރުމުގެ މަސައްކަތަށް އިގުތިސާދީ ކޮމިޓީގެ ދެ ސެޝަނެއް ކޮންމެ ދުވަހަކު ވެސް ބާއްވަ އެވެ. ކޮމިޓީން ބޭނުންވަނީ މި މަސް ނިމުމުގެ ކުރިން އެ ބިލްގެ މަސައްކަތް ނިންމާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ