ބަންދުކުރި މައްސަލާގައި ފަސް މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް އަބްދުﷲ ގާޒީ ދައުވާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލު ގޮތުގައި ފަސް މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް އަބްދުﷲ ގާޒީ ދައުވާ ކުރައްވައިފި އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން އޭނާ ދޫކޮށްލަން ސުޕްރީމް ކޯޓުން އެންގުމުން ވެސް އެއަށް އަމަލު ނުކޮށް، ސިފައިންގެ ރަށެއް ކަމަށްވާ ކ. ގިރިފުށީގައި 21 ދުވަސް ވަންދެން އޭނާ ބަންދުކޮށްގެން ގެންގުޅެފައިވެ އެވެ. އެ މައްސަލާގައި ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދައުލަތުގެ ކިބައިން ނަގައި ދިނުމަށް އެދި ޑިފެންސް މިނިސްޓްރީގެ މައްޗަށް އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެ، ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ތާވަލްކޮށްފަ އެވެ. މިހާރު އަމަލުކުރަމުންދާ އާ އުސޫލުގެ ދަށުން އެ މައްސަލަ އެންމެ ފުރަތަމަ ދާނީ މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށެވެ. އެ މައްސަލަ ޝަރީއަތަށް ދާނީ އަބްދުﷲ ގާޒީ އެދޭ މިންވަރު ދޭން ދައުލަތުން އިންކާރުކޮށްފި ނަމަ ނުވަތަ އެ ދައުވާއާ މެދު ދެ ފަރާތުގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެ ނަމަ އެވެ. ބަދަލު ހޯދަން އަބްދުﷲ ގާޒީ ދައުވާ ކުރައްވާފައި ވާއިރު އެ މައްސަލާގައި ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަމުގެ ބަދަލު ނަޝީދަށް ދިނުމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށް އދ. ގެ އާބިޓްރަރީ ޑިޓެންޝަން ވޯކިން ގްރޫޕުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށެވެ. ގާނޫނާ ޚިލާފަށް ބަންދުކޮށްގެން އެންމެ ފަހުން ރާއްޖޭގައި ބަދަލެއް ނަގައި ދީފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާ ޚިލާފަށް ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގަ އެވެ. އެ މައްސަލާގައި ބަދަލުގެ ގޮތުގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ޔާމީން އޭރު ހުށަހެޅުއްވިޔަސް ސިވިލް ކޯޓުން ހުކުމްކުރީ ބަދަލުގެ ގޮތުގައި އެމަނިކުފާނަށް ދައުލަތުން ދޭންޖެހޭނީ 224،000ރ. ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ