އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރަން: ޖަލީލު
ސިފައިން 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރުމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާ ކަމަށާއި އަދި އެކަން ކުރުމަށް އޭނާ އަށް އެއްވެސް ފަރާތަކުން އަމުރެއް ކޮށްފައި ނުވާ ކަމަށް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް މިރޭ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އިންކާރު ކުރައްވައި، އެކަން ސާބިތުކުރުމަށް ހެކިން ހާޒިރުކޮށްދޭން އެދިވަޑައިގެންފަ އެވެ. ޖަލީލް ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ ގިނަ މައްސޫލިއްޔަތުތަކެއް ވަނީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ތޮލްހަތު އިބްރާހީމްގެ އަތްޕުޅަށް ނަންގަވާފަ އެވެ. އަދި ސިފައިންގެ އޮޕަރޭޝަންތަކުގެ އެންމެ އިސް ކޮމާންޑަރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވެސް ތޮލްހަތުގެ އަތްޕުޅަށް ނަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލީލް ވިދާޅުވީ އޭރުގެ އެ ނިންމުމަކީ ސިފައިންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަކަށް ވާތީ އެ ވާހަކަ އޭނާ ވާނީ ޑިފެންސް މިނިސްޓަރަށް އެކި ފަހަރު މަތިން ދަންނަވައި، އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަންގަވާފައި ކަމަށެވެ. ޖަލީލުގެ ވަކީލް އާދަމް އާސިފް ވިދާޅުވީ އަބްދުﷲ ގާޒީ "އުފުރާލަން" އަމުރުކޮށްފި ކަމަށް ޖަލީލަށް ތޮލްހަތު ވަނީ އެކަން ހިނގި ރޭ އަންގަވާފައި ކަމަަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އެންގުމަކަށް ނޫނީ އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ނުވާނެ ކަމަށް ތޮލްހަތަށް ޖަލީލް ދެންނެވި ކަމަށާއި ނަމަވެސް ގާނޫނީ ލަފާ ދޭނީ ބަންޑާރަ ނާއިބު ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެންދިޔަ އަޑުއެހުމުގައި ޖަލީލް ވިދާޅުވިގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގީ އޭރު ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އާއި ތޮލްހަތު މުއާމަލާތްކުރައްވައިގެންނެވެ. އެކަމުގެ އެއްވެސް މުއާމަލާތެއް އޭނާއާ ކުރައްވާފައި ނުވާއިރު އޭނާ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ "ރަމްޒީ" ގޮތެއްގައި ކަމަށް ޖަލީލް ވިދާޅުވި އެވެ. ދައުލަތުން ވަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށް، އޭނާ ކ. ގިރިފުށީގައި ބެހެއްޓުމުގައި ޖަލީލް ބައިވެރިވެވަޑައިގެންނެވިކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. އެ ހެކިތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކި ސިޔާސީ އެއްވުންތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުގެ އޯޑިއޯތަކާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަނުގެ ވީޑިއޯ ހިމެނެ އެވެ. އަދި ހެކިންގެ ގޮތުގައި، ސިފައިންގެ އޭރުގެ އިސްވެރިންނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި އޭރު ތިއްބެވި ފުލުހުންގެ އިސްވެރިން ހާޒިރުކޮށްދިނުމަށް ދައުލަތުން ހުށަހެޅި އެވެ. މި މައްސަލަތައް ބެލުމަށް ކްރިމިނަލް ކޯޓުން ވަނީ ތިން ގާޒީންގެ ބެންޗެއް އެކުލަވާލައިފަ އެވެ. އެ ބެންޗުގައި އިސް ގާޒީ އަކަށް ހުންނަވަނީ، ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ދެން ތިއްބަވަނީ އަބްދުލްބާރީ ޔޫސުފްގެ އިތުރުން ޝުޖާއު އުސްމާނެވެ. އެ އިން އެއްވެސް ބޭފުޅެއްގެ ނަންފުޅު ހެކީންގެ ގޮތުގައި ހުށަނޭޅުމަށް އެ ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ. މިރޭގެ ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނާނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނެގުން ކަމަށެވެ. މިރޭގެ ޝަރީއަތަށް ފަހު އިބްރާހީމް ދީދީ (ކ) ކޯޓުން ނުކުމެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މި މައްސަލައިގައި ދައުވާ ލިބޭ ސިފައިންގެ ކުރީގެ ދެ އޮފިސަރުން ކަމަށްވާ އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީއަތް ވެސް މިރޭ ބޭއްވި އެވެ. ވަކިވަކިން ބޭއްވި އެ އަޑުއެހުންތަކުގައި ދެ ބޭފުޅުންނަށް ވެސް ވަނީ ދައުވާ އަށް ޖަވާބުދާރީވާން އިތުރު ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ. މިރޭގެ ޝަރީއަތަށް ފަހު ޒިޔާދު (ކ) ކޯޓުން ނުކުމެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މި ތިން ބޭފުޅުންގެ އިތުރުން، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ކުރިން ވަނީ ބާއްވާފަ އެވެ. ވަކިވަކިން ބޭއްވި އެ އަޑުއެހުންތަކުގައި، ނަޝީދާއި ތޮލްހަތަށް ވެސް ވަނީ ދައުވާ އަށް ޖަވާބުދާރީވާން އިތުރު ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ