މެން ސިޓީގެ ކުލަތައް ފެނިގެންދާ އިއްތިހާދު އެއާވޭސްގެ ފްލައިޓް ދައްކާލައިފި

ދުނިޔޭގައި އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކްލަބް ކަމަށްވާ މެންޗެސްޓާ ސިޓީގެ ކުލަތަކުން ޒީނަތްތެރިކޮށްފައިވާ އިއްތިހާދު އެއާވޭސްގެ ފްލައިޓް މިއަދު ރާއްޖޭގައި ދައްކާލައިފި އެވެ. މެން ސިޓީގެ މެއިން ސްޕޮންސާ ކަމަށްވާ އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ330 ގެ ބޯޓު ރާއްޖެ އައުން ފާހަގަ ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އިއްތިހާދު އެއާވޭސްގެ މި ފްލައިޓް އެއާޕޯޓުގައި ޖެއްސުމާ އެކު ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ. އަދި ބޯޓުން އައި މެހެމާނުންގެ ޝަރަފުގައި ބޮޑު ބެރުގެ އައިޓަމެއް ވެސް އޮތެވެ. ފްލައިޓްގެ ދަތުރުތައް ފެށުން ފާހަގަ ކުރުމަށް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ މިއަދަކީ ރާއްޖެ އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހާއްސަ ދުވަހެއް ކަމަށެވެ. އަދި އިއްތިހާދު އެއާވޭސް އިން ބޭނުންވާ ފެންވަރުގެ ހިދުމަތް އެއާޕޯޓުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މީގެ ތިން އަހަރު ކުރިން ރާއްޖެ އަށް ދަތުރުތައް ފެށި އިއްތިހާދު އެއާވޭސް އަކީ ރާއްޖެ އަށް މުހިންމު އެއާލައިނެއް ކަމަށެވެ. "ރާއްޖޭގެ ޓޫރިޒަމަށް ވެސް އިއްތިހާދު އެއާވޭސްގެ ސަބަބުން ދަނީ ގިނަ ފައިދާތަކެއް ކުރަމުން. ރާއްޖެ އިން 1.2 މިލިއަން ޓޫރިސްޓުން ގެނައުމަށް ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށް ވެސް މި އެއާލައިން މުހިންމު،" ސައީދު ވިދާޅުވި އެވެ. އިއްތިހާދު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރު ކަމަށްވާ މެން ސިޓީގެ ކުރީގެ ކުޅުންތެރިޔާ މައިކް ސަމަބިލް ވެސް ބައިވެރިވި އެވެ. އޭނައަކީ 1970ގެ އަހަރުތަކުގައި މެން ސިޓީ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އިއްތިހާދު އެއާވޭސްގެ މި ފްލައިޓަކީ 262 ގޮނޑީގެ ފްލައިޓެކެވެ. މި ފްލައިޓުގެ އިކޮނޮމިކް ކްލާހުގައި 240 ގޮނޑި އާއި ބިޒްނަސް ކްލާހުގައި 22 ގޮނޑި ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ