ކޯނީ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތެއް ނުހުއްޓުވޭނެ: އަލީ ވަހީދު
ވެރިކަން ބަދަލުވި ގޮތާ ބެހޭގޮތުން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ނެރެފައިވާ ރިޕޯޓް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މަސައްކަތް ކުރަމުންދަނީ ރަނގަޅަށް ކަމަށާއި އެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. އެ މަސައްކަތް ކުރަމުންދަނީ ކޮމެޓީގެ ދާއިރާގެ ބޭރުން ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވެފައި ވަނިކޮށް އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވީ އެ ކޮމެޓީގެ މަސައްކަތްތަކަކީ ސައްހަ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަން އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޓީގެ މުގައްރިރު ވިދާޅުވީ ކޯނީއަށް ބަޔާން ދެއްވި ފަރާތްތަކުން ކޮމެޓީއަށް ދިން ބަޔާންތައް އާންމުކުރަން ނިންމީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. ސަބަބަކީ އޭގެ ތެރެއިން ބައެއް ބޭފުޅުން ކޯނީއަށް ދެއްވާފައިވާ ބަޔާންތައް މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ފެނިފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ބޭފުޅުން ކޯނީއަށް ދެއްވި ބަޔާންތަކުގައި އެ ބޭފުޅުން ނުދައްކާ ވާހަކަ ހިމަނާ އަދި ދައްކާފައިހުރި ބައެއް ވާހަކަތައް އުނިކޮށްފައިވާކަން ވެސް ކޮމެޓީގެ ދިރާސާއިން މިހާތަނަށް އެނގިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. " ރާއްޖޭގައި އިލްމާއި ހިލްމު އެނގިގެންހުރި ކޮންމެ މީހަކަށް އެނގޭނެ ކޯނީގެ ރިކޮމެންޑޭޝަންތަކުގައި ސިފައިންގޭގައި ރަނގަޅުކުރަންޖެހޭ އެއްވެސް އެއްޗެއް ލިޔެފައި ނެތްކަން. ކީއްވެގެންތޯ؟ އެއީ ސިފައިންގެ ގާނޫނުގައި މި އޮންނަނީ ބަޣާވާތަކީ ކޮބައިކަން، ސިފައިންގޭގައި ކަމެއް އިސްލާހުކުރަން ޖެހިއްޖެނަމަ ބަޣާވާތެއް ނޫން ކަމަށް ނިންމޭކަށް ނޯންނާނެ" އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސެލް ޖެނެރަލަކީ ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފާ ދޭ ފަރާތެއް ކަމަށެވެ. އަދި ކޮމެޓީގެ ކަންތައްތަކާ ގުޅޭގޮތުން ފިލްޒާ މީޑިއާގައި ވާހަކަ ދައްކަވާފައިވާތީ އޭނާ އަށް ފާޑު ވިދާޅުވި އެވެ. އަލީ ވިދާޅުވީ ކޮމެޓީގެ މަސައްކަތްތަކަށް މިހާތަނަށް ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯދާފައި ނޯންނާނެ ކަމަށާއި އެ ބޭފުޅާއަކީ އިސްވެ ލަފާދޭންޖެހޭ ފަރާތެއް ވެސް ނޫން ކަމަށެވެ. އަދި ކައުންސެލް ޖެނެރަލްގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) އަށް ވެސް ހުށަހަޅުއްވާނެ ކަމަށް އަލީ ވިދާޅުވި އެވެ. " އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގްރޫޕަށް އެ ބޭފުޅާގެ މައްސަލަ ހުށަހަޅާނަން. އަދި އަޅުގަނޑު ރިކޯޑަށްޓަކައި ދަންނަވަން އެ ބޭފުޅާގެ އެއްވެސް ގާނޫނީ ލަފައެއް މި ކޮމެޓީގެ މަސައްކަތަކަށް ހޯދާފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ކޯނީ ރިޕޯޓްގެ މަސައްކަތްތައް އެ ކޮމެޓީއަށް ނުކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެ ކުރިން ބައެއް ރަށްރަށުގައި ގޯތީގެ އިންފާރު ވަކިކުރި މައްސަލަ ވެސް ކޮމެޓީތަކުން ބަލާފައި އެބަހުރި ކަމަށް އީސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމެޓީގެ ދިރާސާތަކުން ވަރަށް ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ފެބްރުއަރީ ހަތް ވަނަ ދުވަހު ދޫނިދޫގައި ހުރި އެސްއޯ ފުލުހުންގެ ހަތިޔާރު ސްޓޯރު ފަޅާލި ވާހަކައާއި މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ގުދަން ފަޅާލިކަން ވެސް އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ "ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ކޮމާންޑަރު ވިދާޅުވަނީ ތިމަންނަގެ ކޮމްޕިއުޓަރުގެ ހާޑުގައޭ ހުންނާނީ ތިމަންނަ މިހާތަނަށް ތަހުގީގުކުރި ހުރިހާ މިކަހަލަ ބޮޑެތި މައްސަލަތަކާ ގުޅޭ މައުލޫމާތުތަކެއް. އޭގެ ތެރޭގައި މަޖިލީހުގައި މިވަގުތު ތިއްބެވި ބައެއް މެމްބަރުންގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ވެސް ހުންނާނެޔޭ، އެކަމަކު ތިމަންނަގެ ކޮމްޕިއުޓަރުގެ ހާޑު ]ފެބްރުއަރީ[ ހަތް ވަނަ ދުވަހު ގެއްލުނުގޮތަށް އަދިވެސް ނުފެނެޔޭ، ވީ ކޮންތާކުކަމެއް ވެސް ނޭނގެޔޭ" އީސަ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ