ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ މައްޗަށް އުމަރު ދައުވާކުރަނީ
އައިރު ގާނޫނީ އަމުރުތަކަށް ފުލުހުންނާއި ސިފައިން ކިޔަމަންވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އެ މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. ދިޓީވީގައި މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުމަރު ވިދާޅުވީ، ފުލުހުންނާ ސިފައިންގެ އިސްވެރިންގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާނީ ވަކި ދެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. "ޕާޓީން ހުށަހަޅާ މައްސަލައެއް ވެއްޖިޔާ ތަންކޮޅެއް ދިގު ދެމިގެންދާނެ. އެހެންވެ އަޅުގަނޑު ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މި ހުށަހެޅީ،" އުމަރު ވިދާޅުވި އެވެ. ފުލުހުންގެ މައްޗަށް އުމަރު މައްސަލަ ހުށަހަޅާފައި ވަނީ ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިނިވަންކުރުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށް ވިދާޅުވެ އެވެ. އަދި ޕޮލިސް ކަމިޝަނަރު އަހުމަދު ފަސީހު، އަދި ޑެޕިއުޓީ ޕޮލިސް ކަމިޝަނަރު އިސްމާއިލް އަތީފާއި ޑެޕިއުޓީ ކަމިޝަނާ އޮފް ފޮލިސް އަހުމަދު މުނީރު މައްޗަށް ވެސް ދަައުވާ އުފުލާފައިވެ އެވެ. ސިފައިންގެ މައްޗަށް ހުށަހަޅާ މައްސަލައަކީ ސިފައިން އަބްދުﷲ ގާޒީ، ގާނޫނާއި ހިލާފަށް ހައްޔަރުކޮށްގެން އުޅޭ މައްސަލަ އާއި ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންވާ މައްސަލަ އެވެ. މި މައްސަލައިގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް މޫސާ އަލީ ޖަލީލް އަދި ވައިސް ޗީފް ޑިފެން ފޯސް ބްރިގޭޑިޔާ ފަރުހަތު ޝަހީރުގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ. އުމަރު ވިދާޅުވީ ކުރިން ވެސް ގައުމުގެ ދިފާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރުން އައިރު ގާނޫނީ އެތައް ކަމެއް ކުރުވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ދިފާއީ ބާރު މެދުވެރިކޮށް ސްޕްރީމް ކޯޓުގައި ތަޅު އަޅުވާފައިވާ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން "ހިސޯރު" ކުރުން ފަދަ ކަންތައްތައް ކޮށްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. "މިފަދަ ދައުވާތަށް ނުކޮށް މީގެ ކުރިން އަޅުގަނޑުމެން މަޑުކުރީ މި ސަރުކާރު ދިވެހިރާއްޖޭގެ ސަލާމަތީބާރުތައް ބޭނުން ކޮށްގެން ޣައިރު ގާނޫނީ އަމުރުތައް ހިންގަމުންދާއިރު ސިފައިންނާ ފުލުހުންގެ އިސްވެރިން އެ އަމަރުތަކަށް ކިމަން ނުވާނެ ކަމަށް އުންމީދު ކޮށްގެން. އަޅުގަނޑުމެން ހީކުރީ އެ ބޭފުޅުން ގައިގައި އެވަރު ހިތްވަރު ހުންނާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުންނާއި ސިފައިން ކިޔަމަންވާ ކަމަށް ކޯޓުން ނިންމައިފިނަމަ، ދައުވާގައި ހިމޭނެ ހުރިހާ ފަރާތެއްގެ މަގާމު ގެއްލޭނެ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރު ނުވިޔަސް ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެބޭފުޅުންގެ މައްޗަށް ހުކުމެއް ނާންނާނެ ކަމަށް ހީކުރެއްވިޔަސް ކޮންމެ ވެސް ދުވަހަކުން މި މައްސަލަތައް ބެލޭނެ. އަދި ކޮންމެ ވެސް ދުވަހަކުން މި މައްސަލައިގައި ހުކުމް ވެސް ކުރާނެ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އޭނާ ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުވާ ލިބެނީ ވަރަށް އިހުތިރާމް ލިބިގެންވާ ބައެއް ކަމުގައި ވިޔަސް މިހާރު ކަންތައް ވަމުންދާ ގޮތުން މައްސަލަ ހުށަހެޅުމަށް "މަޖުބޫރުވީ" ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ގެއަށް ސިފައިންނާއި ފުލުހުން ވަދެ ސިފައިން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ މި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ. އޭގެ ފަހުން ސިފައިން، އޭނާގެ އާއިލާ އަށް އޭނާ ހުރި ތަން އެންގީ ހައްޔަރުކުރިތާ 48 ގަޑިއިރުވާން ކައިރިވެފައި ވަނިކޮށެވެ. އަބްދުﷲ ގާޒީ މިހާރު ހުންނެވީ ކ. ގިރިފުށީގައި ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ ވަގުތުން މިނިވަންކުރުމަށް، ހަމަ އެރޭ ސުޕްރީމް ކޯޓުން އަމުރުކުރި ނަމަވެސް އަދި ވެސް އަބްދުﷲ ގާޒީ މިނިވަނެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ