ފުލުހަކަށް ހަމަލާދިން މައްސަލައިގެ ދައުވާ ރަނގަޅު، ގާޒީ އަށް ފާޑުވިދާޅެއް ނުވެވޭނެ: ޕީޖީ

މިދިޔަ މޭ މަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކުރާ ދައުވާއާ މެދު، އެ މައްސަލަ ބައްލަވާ ގާޒީ އަށް ފާޑުވިދާޅެއް ނުވެވޭނެ ކަމަށާއި އެއީ ގާނޫނުގެ ދަށުން ކުރެވޭނެ ދައުވާއެއް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން މިއަދު ވިދާޅުވެއްޖެ އެވެ. ޕީޖީ އެހެން ވިދާޅުވީ، އެ މުޒާހަރާގައި ފުލުހަކު ބިންމައްޗަށް ވައްޓާލައި، އޭނާ އަށް އަނިޔާކުރި ކަމަށް ބުނާ 13 މީހުންގެ ތެރެއިން 11 މީހެއްގެ މައްޗަށް ކުރާ ދައުވާ އަށް، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ޝަރީއަތުގައި ފާޑުވިދާޅުވެފައި ވަނިކޮށެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި 10 މީހެއްގެ ޝަރީއަތުގައި އަބްދުﷲ ގާޒީ ވަނީ އެ މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާކޮށްފައިވާތީ، ސުވާލު އުފައްދަވައިފަ އެވެ. ގާޒީ އެ މައްސަލަ ނެންގެވީ އަތުންނާއި ފައިން ފުލުސް މީހާ އަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ބުނެ ދައުވާ އުފުލާފައި އޮތުމުން ކަމަށް ވިދާޅުވެ އެވެ. މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުސް މީހާ ބިންމައްޗަށް ވައްޓާލައި އަނިޔާކޮށްފައި ވަނިކޮށް ބަޔަކު އޭނާއަށް އެހީވަނީ: އެ މައްސަލާގައި 13 މީހަކަށް ދައުލަތުން ދައުވާކުރޭ --ހަވީރު ފައިލް ފޮޓޯ އެހެން ނަމަވެސް، ޕީޖީ މުހުތާޒް "ހަވީރަ"ށް ވިދާޅުވި ގޮތުގައި ލަކުޑި ބުރި ފަދަ ތަކެތިން ފުލުސް މީހާގެ ގައިގައި ތަޅައި އަނިޔާކުރި މީހާ އާއި އަތުން ފައިން ހަމަލާދިން މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރާ ބެހޭ ގާނޫނުގެ އެއް މާއްދާއެއްގެ ވަކި ދެ އަކުރަކާ ހަވާލާދީ އެވެ. އެ ގޮތުން، ނުރައްކާތެރި ހަތިޔާރުން ހަމަލާދިން މީހާގެ މައްޗަށް ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާ އުފުލާފައިވާއިރު، ދެން ތިބި މީހުންގެ މައްސަލަ ހުށަހެޅުއްވީ އެ މާއްދާގެ (ރ)އާ ހަވާލާދީ ކަމަށް އޭނާ ވިދާޅުވި އެވެެ. ނުރައްކާތެރި ހަތިޔާރާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގައިވާ ގޮތުން "ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ". އަދި އެ ފަދަ އެއްވެސް ކަމެއް "ކުރަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ" ވެސް ކުށެއް ކަމަށް އެ މާއްދާގެ (ރ)ގައި ކަނޑައަޅާފައިވެ އެވެ. "(ރ)ގެ ރޫހަކީ ކޮންމެ ގޮތަކަށް ބައިވެރިވިޔަސް، ތޫނު އެއްޗެއް ބޭނުން ކުރިޔަސް، ނުކުރިޔަސް، އެއީ ކުށެއް ކަމަށް ކަނޑައެޅުން. އެ އުސޫލުން މި މައްސަލައިގައި ދައުވާކުރީ. އެހެންވީމަ، ގާޒީ އަކަށް އެ ގޮތަކަށް ވިދާޅެއް ނުވެވޭނެ. ޕީޖީ އަށް އެނގޭނީ ކުރާނެ ދައުވާ،" މުހުތާޒް ވިދާޅުވި އެވެ. މި މައްސަލައިގައި ކުރައްވާ ދައުވާ ތަކުރާރުކޮށް ދިފާއުކުރައްވައި، ޕީޖީ ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުން ނެގި މިފަދަ މައްސަލައެއްގައި ހައި ކޯޓުން އިއްވާފައިވާ ހުކުމެއް މިސާލެއްގެ ގޮތުގައި ދައްކަވައިފަ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު ބަޔަކު ޖައިލަމް އަހުމަަދަށް ހަމަލާދީ މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުން އެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ކުރި އަމުރެވެ. ޕީޖީ މުހުތާޒް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން ޖައިލަމްގެ މަރުގެ މައްސަލަ ބަލައިނުގަތީ ވެސް ވަކި ކުށްތަކެއްގެ ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް އެއް މާއްދާއެއްގެ ދަށުން ދައުވާކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ފަހަރު ކޯޓުން މައްސަލަ ޖެއްސީ، އޭނާ ވިދާޅުވި ގޮތުގައި، ވަޅި ޖެހި ކަމަށް ބުނާ މީހާ އާއި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަނެއް ދެ މީހުންގެ މައްޗަށް ވެސް ތޫނު ހަތިޔާރާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ދައުވާކޮށްފައިވާ ކަމަށް ބުނެ އެވެ. "އެ ފަހަރު ވަޅި ޖެހި މީހާ އަށް ދައުވާކުރީ އެ މާއްދާގެ (ހ)ގެ ދަށުން. އަނެއް ދެ ދައުވާ އުފުލީ [އެ މާއްދާގެ] (ބ)ގެ ދަށުން. އެއްކަހަލަ މައްސަލައެއްގައި ހައި ކޯޓުގެ ހުކުމެއް އޮއްވާ ގާޒީ އަށް އެ ގޮތެއް ފާޑުވިދާޅެއް ނުވެވޭނެ،" ޕީޖީ ވިދާޅުވި އެވެ. ފުލުހަކަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް: 13 މީހުންގެ މައްޗަށް ދައުވާ ކުރޭދައުވާ ކުރަނީ ނުރައްކާތެރި ހަތިޔާރާ ބެހޭ ގާނޫނުގެ ދަށުންއެންމެންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ދައުވާމައްސަލަ ބައްލަވަނީ އިސް ގާޒީ އަބްދުﷲ މުހައްމަދުކޯޓުގެ ރައުޔު: ހަމަލާ ދިން މީހުންނާާއި ބައިވެރިވި 11 މީހުންގެ މައްޗަށް އެއް ދައުވާއެއް ނުކުރެވޭނެޕީޖީ ވިދާޅުވަނީ ކުރެވޭނެ ކަމަށް؛ އެ ދައުވާ ކުރީ ގާނޫނުގެ އެއް މާއްދާއެއްގެ ދެ އަކުރުގެ ދަށުން ކަމަށްމިއަދު އަޑުއެހުމެއް އޮންނާނެކޯޓުން ނެގި މައްސަލަ އަށް އެ އަޑުއެހުމުގައި ދައުލަތުން ޖަވާބު ދޭނެހޯމަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ ވިދާޅުވެފައިވަނީ ކޮންމެ މީހެއްގެ މައްޗަށް ވެސް ދައުވާ ކުރަންޖެހޭނީ އެ މީހަކު ކުރި ކުށެއްގެ މައްޗަށް ކަމަށެވެ. އޭގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ އަތުންނާއި ފައިން ހަމަލާދިން މީހުންގެ އެ އަމަލަކީ ހަތިޔާރު ބޭނުންކޮށްގެން ހަމަލާދެމުން ދިޔަ މީހުންނަށް އެކަން ކުރަން ފުރުސަތު ފަހިވި ކަމަކަށް ވާތީ، ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވީ ކަމަށް ބެލެވޭނެ ކަމަށެވެ. އެއީ، ދައުލަތުގެ ވަކީލާ އެ ދުވަހު ވެސް ވިދާޅުވި ގޮތުގައި، ގާނޫނުގައި ވެސް އޮންނަ ގޮތެވެ. އެކަމަކު ދިފާއީ ވަކީލުންނާއި އިސް ގާޒީގެ ފަރާތުން ތަކުރާރުކޮށް އެ ސުވާލުތައް ކުރިމަތިކުރުމުން، ދައުލަތުން އެ ދުވަހު އެދުނީ އެ އަށް އިތުރަށް ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށެވެ. އެހެންވެ، މިއަދު އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުލަތުން އެ ކަމަށް ޖަވާބު ދިނުމާއި ދެ ފަރާތުން ހެކި ހުށަހެޅުމެވެ. ގާޒީ އަކަށް އެ ގޮތަކަށް ވިދާޅެއް ނުވެވޭނެ. ޕީޖީ އަށް އެނގޭނީ ކުރާނެ ދައުވާ،-- ޕީޖީ މީގެ އިތުރުން، ވަކި ބަޔަކު ސަލާމަތްކުރަން ދައުލަތުން މަސަައްކަތް ކުރާ ކަމުގެ ތުހުމަތު އިސް ގާޒީ ހޯމަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެ ކަމަށް ވެސް ޕީޖީ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ އެއީ ތުހުމަތެއް ކަމަށާއި ގާޒީ އަކަށް ވެސް އެފަދަ އިލްޒާމެއް ދައުލަތުގެ މައްޗަށް ނުކުރެއްވޭނެ ކަމަށެވެ. "ފަނޑިޔާރަކު ވިދާޅުވާ އެއްޗަކަަށް އަޅުގަނޑު އާއްމުކޮށް ރައްދެއް ނުދެން. އެކަމަކު އާއްމުކޮށް ހުޅުވާލައިގެން، މީޑިއާ އަށް ވެސް ވަދެވޭ ގޮތަށް ބޭއްވި ޝަރީއަތެއްގައި ދައުލަތުގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށްގެން ނުވާނެ،" މުހުތާޒް ވިދާޅުވި އެވެ. ސަރުކާރުގެ "އަނިޔާވެރިކަމާ" ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިދިޔަ މޭ މަހުގެ އެކެއްގައި ބޭއްވި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، އެ ފުލުސް މީހާ އަށް ހަމަލާދިނުމުގެ ސަބަބުން އޭނާ އަށް ރާއްޖޭން ބޭރުން ވެސް ފަރުވާ ދީފައިވެ އެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ވެސް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ