އެމެރިކާއާ ވާދަކުރުމަށް، އަލުން ބޭނުންކުރެވޭ ރޮކެޓް ޓެކްނޮލޮޖީ ޗައިނާއިން ކާމިޔާބުކޮށްފި

ޖައްވީ ދާއިރާއިން އެމެރިކާއާ ވާދަކުރުމަށް, އަލުން ބޭނުންކުރެވޭ ރޮކެޓް ޓެކްނޮލޮޖީ ތަރައްގީކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތް ކާމިޔާބުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން، އޯބިޓަލް ލޯންޗް ޓެސްޓެއްގައި ރޮކެޓެއްގެ ފުރަތަމަ ސްޓޭޖް ކާމިޔާބުކަމާއެކު އަނބުރާ ހޯދައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޗައިނާއިން އޯބިޓަލް ލޯންޗް ޓެސްޓެއްގެ ތެރެއިން ހޯދި މި ކުރިއެރުމަކީ މިދާއިރާއިން އެމެރިކާގެ ކުންފުނިތަކާ އަރާ ހަމަކުރުމަށް ބެއިޖިންއިން ކުރާ އުންމީދުތައް އާވީ ކަމެކެވެ. ލޯންގް މާޗް 10ބީ ރޮކެޓް ލޯންޗްކޮށްފައިވަނީ ޗައިނާގެ ދެކުނުގައިވާ ހައިނާން ރަށުންނެވެ. ރޮކެޓްގެ ފުރަތަމަ ސްޓޭޖާއި މަތީ ސްޓޭޖް ވަކިވިތާ ގާތްގަނޑަކަށް ހަ މިނެޓް ފަހުން، ފުރަތަމަ ސްޓޭޖްގެ ބޫސްޓަރު ކަނޑުގައި އޮތް ފްލޯޓިން ޕްލެޓްފޯމަކަށް ކާމިޔާބުކަމާއެކު ވަނީ ތިރިކޮށްފައެވެ. https://sun.mv/179583 ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ބޫސްޓަރު ޕްލެޓްފޯމަށް ތިރިވިއިރު އޭގެ މަތިން ދުން އަރަމުންދިޔައެވެ. މި ކާމިޔާބު ޓެސްޓުގެ ސަބަބުން ޗައިނާ އަށް އެމެރިކާގެ ކުންފުނިތަކުގެ އަލުން ބޭނުންކުރެވޭ ރޮކެޓް ގާބިލުކަމާ ގާތްވުމުގެ ފުރުސަތު ލިބިގެންދެއެވެ. މިފަދަ ޓެކްނޮލޮޖީއަކީ ޖައްވީ ހޯދުންތަކަށާއި ދަތުރުފަތުރުގެ އިތުރުން ސެޓެލައިޓް އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ޓެކްނޮލޮޖީއެކެވެ. މި ރޮކެޓް އުފެއްދި ޗައިނާ އެއިރޯސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނުން ބުނި ގޮތުގައި މި މިޝަނަކީ ޗައިނާގެ ޖައްވީ ދާއިރާގައި ހޯދި ތާރީޚީ ކުރިއެރުމެކެވެ. މި މިޝަންގެ ތެރެއިން ސެޓެލައިޓެއް ވެސް ކާމިޔާބުކަމާއެކު އޯބިޓަށް ފޮނުވާލާފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ. މި ކާމިޔާބީ މިލިބުނީ ފާއިތުވި މަސްތަކުގައި ޗައިނާގެ ޖައްވީ ދާއިރާގެ އެކި ކުންފުނިތަކުން ކުރި ބައެއް ޓެސްޓުތައް ނާކާމިޔާބުވެފައި ވަނިކޮށެވެ. ބެއިޖިންއިން އަމާޒު ހިފާފައިވަނީ ޖައްވީ ގޮތުން ވަރުގަދަ ބާރަކަށް ވުމަށެވެ. އަލުން ބޭނުންކުރެވޭ ޓެކްނޮލޮޖީ ތަރައްގީކުރުމުން ރޮކެޓް ލޯންޗްކުރުމުގެ ޚަރަދާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވެއެވެ. މީގެ އިތުރުން ޖައްވީ ދާއިރާއަކީ ދިފާއީ އަދި އަސްކަރީ ބާރާ ގުޅިފައިވާ ދާއިރާއަކަށް ވުމުން މިއީ ގައުމުތަކަށް ސްޓްރެޓީޖިކް ފައިދާތަކެއް ލިބޭނެ ކަމެކެވެ. މިހާރު ދުނިޔޭގެ ޖައްވީ މާކެޓް ކޮންޓްރޯލް ކުރަނީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން މި ޓެކްނޮލޮޖީ ތައާރަފްކުރި އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނިންނެވެ. އެމެރިކާގެ ސްޕޭސްއެކްސްއާ ވާދަކުރާ ބްލޫ އޮރިޖިން ކުންފުނިން ވެސް މިދިޔަ ނޮވެމްބަރު މަހު ވަނީ އެމީހުންގެ ނިއު ގްލެން ރޮކެޓްގެ ފުރަތަމަ ސްޓޭޖް ކާމިޔާބުކަމާއެކު ތިރިކޮށްފައެވެ. ޗައިނާގެ ދައުލަތުގެ ކުންފުނިން އުފައްދާފައިވާ ލޯންގް މާޗް-10 ސީރީޒްގެ ރޮކެޓްތަކަކީ ހަނދަށް އިންސާނުން ފޮނުވުމަށް ޗައިނާއިން ކުރާ އުންމީދުތަކުގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ ރޮކެޓްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ