އެމެރިކާގެ ބާސްކެޓްބޯޅަ މުބާރާތް އެން.ބީ.އޭ. ގައި ވާދަކުރާ ސެން އެންޓޯނިއޯ ސްޕާރސްއަށް ކުޅެމުންދާ ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިނާ ވިކްޓަރ ވެމްބަންޔާމާ އެޓީމުގައި އިތުރު ފަސް އަހަރު މަޑުކުރަން ނިންމަައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އޭނާ މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސްޕާރސްގައި މަޑުކުރާކަން ސޯޝަލް މީޑިއާގައި އާންމުކުރިތާ މާގިނައިރު ތަކެއް ނުވެއެވެ. ސްޕާރސްއިން މިއެއްބަސްވުމުގެ މާލީ އެއްވެސް ކަމެއް ހާމަކޮށްފައިނުވި ނަމަވެސް އީއެސްޕީއެން އިން ހާމަކުރާގޮތުގައި މި ވިޔަފާރީގެ އަގު 252 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ އަހަރަކަށް ބަލާއިރު 50.4 މިލިއަން އެމެރިކާ ޑޮލަރެވެ.
ވެމްބަންޔާމާ ހިމެނިފައިވަނީ ބާސްކެޓްބޯޅައިގައި އެންމެ ކުލަގަދަކޮށް ފިޔަ ޖަހަމުން އަންނަ ޒުވާން އެލީޓް ކުޅުންތެރިންގެ ތެރޭގައެވެ. ވެމްބަންޔާމާއަކީ 2023 ވަނަ އަހަރު އެން.ބީ.އޭ.އިން އެއްވަނައަށް ޑްރާފްޓް ކުރި ކުޅުންތެރިޔާއެވެ. 7 ފޫޓް 4 އިންޗި އިސްކޮޅުގައި ހުންނަ ވެމްބަންޔާމާ އަކީ ވޭތުވެދިޔަ ތިން އަހަރު މެޗަކަށް އެވްރެޖްކޮށް 23.4 ޕޮއިންޓް 11 ރީބައުންޑް ނެގުމުގެ އިތުރުން 3.5 ބްލޮކް އަޅާ ކުޅުންތެރިއެކެވެ.
ނިމިދިޔަ ސީޒަންގައި އަހަރުގެ އެންމެ މޮޅު ޑިފެންސިވް ޕްލެޔަރގެ މަގާމް ހޯދާފައިވާ ވެމްބަންޔާމާ އުޅުނީ މޯސްޓް ވެލުއަބަލް ޕްލެޔަރގެ ލިސްޓުގެވެސް ތިންވަނައިގައެވެ. އެންބީއޭ ފައިނަލްސްގައި އެއްކޮޅުން ވާދަކުރި ސްޕާރސްވަނީ ނިއުޔޯކް ނިކްސް އާއި ވާދަކޮށް ފަސް މެޗުގެ ތެރޭގައި ބަލިވެފައެވެ. ވެމްބަންޔާމާ އާއެކު ސްޕާރސްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޑިއާރޮން ފޮކްސް، ސްޓެފަން ކާސްލް، ޑެވިން ވެސެލް އަދި ޑިލަން ހާޕަރއެވެ. މީގެއިތުރުން ދުވަސްވީ ކުޅުންތެރިއެއް ކަމަށްވާ ޓޯބިއަސް ހެރިސްވެސް ވަނީ ސްޕާރސް އާއި ގުޅިފައެވެ.
ސެން އެންޓޯނިއޯ ސްޕާރސްގައި އިތުރު 5 އަހަރު މަޑުކުރަން ވެމްބަންޔާމާ ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ