މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ދެކުނު އެފްރިކާގެ އެޑަމްސް މަރުވެފައި އޮއްވައި ފެނިއްޖެ

ކޭޕް ޓައުން، ދެކުނު އެފްރިކާ (ޖުލައި 11) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ދެކުނު އެެމެރިކާ ޓީމުގައި ހިމެނިގެން ކުޅުނު 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. 
އެޑަމްސް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އިން ކުޅުނު ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ކުޅެފަ އެވެ. ދެކުނު އެފްރިކާ އިން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނޮކައުޓް ބުރުގައި ކުޅެފަ އެވެ. ގަދަ 32 ޓީމު ވާދަކުރި ނޮކައުޓް ބުރުގައި ދެކުނު އެފްރިކާ ކެޓީ ކެނަޑާ އަތަުން ފަހު ވަގުތު ބަލިވެގެންނެވެ. 
ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓަރު، ގޭޓަން މެކެންޒީ ވިދާޅުވީ، އެޑަމްސްގެ މަރުގެ ހަބަރާ އެކު ލިބުނީ ޝޮކެއް ކަމަށެވެ. އަދި، ދެކުނު އެފްރިކާ އަށް މި ގެއްލިދިޔައީ ފުޓްބޯޅައިގެ ހުނަރުހުރ މުސްތަގުބަލު އޮތް މޮޅު ކުޅުންތެރިއެއް ކަމަށާއި މިއީ މުޅި ދެކުނު އެފްރިކާ އަށް ލިބުނު ގެއްލުމެއް ކަމަށް މެކެންޒީ ވިދާޅުވި އެވެ. 
ކޭޕްޓައުންގެ ޝޮޓްސްޝެކްލޫފް ސަރަަހައްދުގެ ގެޔެއްގެ ތެރެއިން، އެޑަމްސްގެ ހަށިގަނޑު ފެނިފައިވާއިރު، ކޭޕްޓައުން ޕޮލިހުން ވަނީ މި މަރުގެ މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ. 
މެކެންޒީ ވިދާޅުވީ، އެޑަމްސްގެ މަރުގެ ސަަބަބު ދެނެގަތުމަަށްޓަކައި ޕޮލިހުން ތަހުގީގު ފަށާފައިވާ ކަމަށާއި މީޑިއާ އާއި އެކި ފަރާތްތަކުން މި ދަނޑިވަޅުގައި ޔަގީންނުވާ މައުލޫމާތު މި ވަގުތު ނުފަތުރަން އެދޭ ކަމަށެވެ. އަދި، މިއީ، އެޑަމްސްގެ އިތުރުން އޭނާގެ އާއިލާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެންމެންގެ މައްޗަށް ލާޒިމު ކަމެއްގެ ގޮތުގައި މެކެންޒީ ވަނީ ވިދާޅުވެފަ އެވެ. 
މި ކަމާ ބެހޭ ސައްހަ މައުލޫމާތުތައް ލިބެމުންދާ މިންވަރަކަށް ރަސްމީ އިދާރާތަކުން ހާމަކުރަމުންދާނެ ކަމަށް މެކެންޒީ ވަނީ ވިދާޅުވެފަ އެވެ.
އެޑަމްސް، ދެކުނު އެފްރިކާ ޓީމަށް ކުޅެން ފެށީ 2022 ވަނަ އަހަރު އެވެ. އޭނާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އިން ޗެކް ރިޕަބްލިކާ 1-1 އިން އެއްވަރުވި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އަދި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ދެކުނު އެފްރިކާގެ އެންމެ ވަރުގަދަ ކްލަބް، މަމެލޯޑީ ސަންޑައުން އަށް ބަދަލުވި އެޑަމްސް އަކީ، 2023 ވަނަ އަަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދިޔަ ދެކުނު އެފްރިކާ ޓީމުގެ ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ