ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށްޓަކައި، ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސްކޮށްފި އެވެ. މި ބަދަލު ކޯޓުތަކާ ބެހޭ ގާނޫނަށް ގެންނަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އޭނާ ހުށަހެޅުއްވި ބިލަށް ބައެއް ބަދަލުތައް ގެނެސް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ގޮތަށް ވޯޓު ދެއްވީ 46 މެމްބަރެކެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 19މެމްބަރެކެވެ. އެއީ އެމްޑީޕީގެ ބައެއް މެމްބަރުންނާއި ޖޭޕީގެ މެމްބަރުންނެވެ. މިއަދު ފާސްކުރި ބިލުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރެވޭނީ މަގާމަށް ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ. މިގޮތަށް ފަނޑިޔާރަކު މަގާމުން ވަކިވާނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ތަސްދީގުކުރުމާ އެކު އަމަލުކުރަން ފަށާ ގޮތަށް މަޖިލީހުން ފާސްކުރި މި ބިލްގައި ބުނެފައިވަނީ މަގާމުން ވަކިކުރަން ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ބިލް ތަސްދީގު ކުރާތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ނަންތައް މަޖިލީހަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. މިގޮތަށް ބިލް ފާސްކުރިއިރު، ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ޖޭއެސްސީން މިހާރު ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނެތެވެ. އެންމެ ފަހުން އެ ކޮމިޝަނުން ބެލީ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯގެ މައްސަލަ އެވެ. އެ ވީޑިއޯ އިން ކަސްބީ އަންހެނުންތަކަކާ އެކު އުޅޭތަން ފެންނަނީ އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އެއީ އޭނާކަން ސާބިތު ނުވާ ކަމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކިކުރުމަށް ފަހު، ދެން ތިއްބެވި ފަނޑިޔާރުން މަގާމުގައި ދެމި ތިއްބަވާނެ އެވެ. އަދި ވަކިކުރާ ފަނޑިޔާރުންނަށް، ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ށ. އަދި ނ. ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ލިބިދޭން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސް ކަމަށް ބިލްގައިވެ އެވެ. ގާނޫނު އަސާސީގައި ވެސް ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސް ކަމަށެވެ. ސުޕްރީމް ކޯޓަށް ބަދަލު ގެނައުމުގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ފުރަތަމަ ފަހަރަށް ހައި ކޯޓުގެ ދެ ގޮފި، މި ބިލް ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި، އުފައްދަން ޖެހެ އެވެ. އަދި އޭގެ ކޮންމެ ގޮތްޕަކަށް، މިހާރު ހައި ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ކަނޑައަޅަން ޖެހެ އެވެ. އެ ގޮފިތައް ގާއިމުކުރާނެ ރަށަކާއި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށާއި އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓްގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފުކުރުން އެކަނި ކަމަށް ވެސް ބިލްގައިވެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ