ޕްރައިމަރީގެ ކެމްޕޭނާއެކު ޕީޕީއެމް ވާނީ ވަރުގަދަ: އުމަރު
މި އަހަރުގެ ފެބްރުއަރީ ނުވަތަ މާޗުގައި ބާއްވާނެ ކަމަށް ބެލެވޭ ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގެ ކެމްޕޭންގެ ސަބަބުން އެ ޕާޓީ އިތުރަށް ވާނީ ވަރުގަދަ ކަމަށާއި ޕާޓީގައި ރެނދެއް ނުލާނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. އިއްޔެ ރޭ ބޭއްވި ޕީޕީއެމްގެ ކޮންގްރެސް އަށް ފަހު ބޭއްވި ޕީޕީއެމްގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕްރައިމަރީގެ ކެމްޕޭންގެ ވާދަވެރިކަމުގެ ތެރޭގައި ބަހުސްކޮށް، އެއް ކޭމްޕުން އަނެއް ކޭމްޕަށް ރައްދު ވެސް ދޭނެ ކަމަށެވެ. އެކަމަކު ރައްދު ދޭނީ މީސްމީހުންގެ ޒާތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. "އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އާންމު މެމްބަރުން މާޔޫސްވެވަޑައިގަންނަވާނެ ކަމެއް ނެތް. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް އުފާ ވެސް ނުކުރައްވާތި. ސަބަބަކީ އޭގެ ސަބަބުން ޕާޓީއަކަށް އެއްވެސް ރެނދެއް ނޭޅޭނެ. ޕާޓީ އިތުރަށް ވަރުގަދަވާނީ ހަމަގައިމު ވެސް ﷲ އިރާދަކުރެއްވިއްޔާ. ތިޔަ ބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން ދެން ކުރިއަށް އޮތް ރިއާސީ ޕްރައިމަރީގައި ހިނގާ ވާދަވެރިކަމުގެ ސަބަބުން ޕާޓީ އަށް އެއްވެސް ލޮޅުމެއް ނާންނާނެކަން. ޕާޓީ އިތުރަށް ވަރުގަދަވެގެންކަން ދާނީ،" ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގައި "ޓީމް އުމަރު" ގެ ނަމުގައި ކެމްޕޭން ހިންގެވި އުމަރު ވިދާޅުވި އެވެ. އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ހިންގަވަން ހުންނެވީ ކޮންމެ ބޭފުޅެއް ކަމުގައި ވިޔަސް އެ ބޭފުޅެއްގެ ފަހަތްޕުޅުގައި ޕީޕީއެމްގެ މުޅި މެޝިނަރީ މަސައްކަތްކުރާނެ ކަމަށެވެ. އަދި އުމަރު އަބަދުވެސް ވިދާޅުވާ ފަދައިން ރޭ ވެސް ވިދާޅުވީ "ކާލާ މަންނަ" އަބަދުވެސް ޕީޕީއެމްގައި އޮންނާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަކީ ކޮންމެ ބޭފުޅެއް ކަމަށް ވިޔަސް އެ "ކާލާ މަންނަ" ގެ ފަރާތުން އަބަދުވެސް އިރުޝާދު ލިބޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. "ކާލާ މަންނަ"ގެ ގޮތުގައި އުމަރު އަބަދުވެސް ސިފަކުރައްވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ތާސްބައިގައި ހިމެނޭ "ކާލާ މަންނަ" ގަނޑު ދައްކަވާލައްވަމުން އުމަރު ވިދާޅުވީ ސިޔާސީ މައިދާނަށް ބޭނުންވަނީ އެ "ކާލާ މަންނަ" ކަމަށްވާ ނަމަ އެ "ގަނޑު ވައްޓާލާނެ" ކަން ސިޔާސީ ވާދަވެރިން ދަންނަން ޖެހޭނެ ކަމަށެވެ. "އެއްވެސް ބޭފުޅަކު ހީފުޅު ނުކުރައްވާތި އަޅުގަނޑުމެން ކާލާ މަންނަ ވައްޓާނުލާނެއޭ. އަދިވެސް ވަރަށް މުހިންމު ކާޑެއް އޮވޭ އަޅުގަނޑުމެންގެ އަތުގައި. އަޅުގަނޑުމެން އަތުގައޭ ކާލާ ބައިސާ ވެސް އޮތީ. އަޅުގަނޑުމެން ކާލާ ބައިސާ ވައްޓާލަން ޖެހިއްޖިއްޔާ ކާލާ ބައިސާ ވެސް އަޅުގަނޑުމެން ވައްޓާލާނަން. ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އެނގެންވީ އަދި ޔަގީން ކުރައްވަންވީ އެއްޗަކީ މި ޕާޓީގެ އަތުގައިކަން މުޅި ]ތާސް ބައިގެ[ އަތްބައި އެކުގައިކަން. ޒުވާނުން ވެސް ތިބީ އަޅުގަނޑުމެންގެ އަތުގައިކަން، ތަޖުރިބާހުރި މީހުން ވެސް ތިބީ އަޅުގަނޑުމެންގެ އަތުގައިކަން، ހުރިހާ ކަމެއް ދަންނަ މީހުން ވެސް ތިބީ އަޅުގަނޑުމެންގެ އަތުގައިކަން. މި ޕާޓީގެ އެތެރެއިންނާއި ބޭރުން ވެސް އަޅުގަނޑު އެ ޔަގީންކަން މި ދެނީ ޕީޕީއެމްގެ ވެރިކަމެއްގައި މުހައްމަދު ނަޝީދު ހެދި ކަހަލަ ގަޅި އެއްޗިއްސެއް ނަހަދާނެ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބުކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށާއި އެ ކެންޑިޑޭޓެއްގެ ފަހަތުގައި އެ ޕާޓީގެ ސަފުތައް ކޮނޑާއި ކޮނޑު ޖައްސައިގެން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ. އުމަރުގެ ވާހަކައިގައި ވަނީ ޑީއާރުޕީގައި ހެދި މިސްޓޭކް ޕީޕީއެމްގައި ތަކުރާރު ނުކުރުމަށް ގޮވާލައްވައިފަ އެވެ. އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމް ރަމްޒުކޮށްދޭ ހާއްސަ "ސިފައަކީ" މައުމޫން ކަމަށާއި އެ ސިފަ ދޫކޮށްގެން ނުވާނެ ކަމަށެވެ. އަދި ޕީޕީއެމަކީ މައުމޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީޕީއެމަކީ މައުމޫންގެ ޕާޓީ ކަމަށް ބުނަނީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ބެލުމަށް ފަހު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "މިއީ މައުމޫންގެ ފިކުރެއް، މިއީ މައުމޫންގެ ވިސްނުމެއް، އެ ބުނާ ބަހުގެ މާނައަކީ އެ މަނިކުފާނުގެ ޒާތުފުޅަށް ނިސްބަތްކޮށް އަޅުގަނޑުމެން ބުނާ ވާހަކައެއް ނޫން. އެ މަނިކުފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް އަޅުގަނޑުމެން ނިސްބަތްކޮށްފައި ބުނާ ވާހަކައެއް،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ