ފަރެސްމާތޮޑާ ރައްޔިތުން ތިބީ އަދިވެސް އެއާޕޯޓް އެޅޭނެ ކަމުގެ އުއްމީދުގައި

ގދ.ފަރެސްމާތޮޑާ އެއާޕޯޓު އެޅުމުގެ މަޝްރޫއާއަކީ ތަރައްގީގެ ގޮތުން އެރަށަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި، އެއީ އެރަށުގެ ތަރައްޤީއަށް އެތައް ދޮރުތަކެއް ހުޅުވިގެންދާނެ މަޝްރޫޢެއްކަމަށް ވާތީ ރަށުގެ ރައްޔިތުން ތިބީ އަދިވެސް އެއާޕޯޓާއި މެދު ވަރަށް ބޮޑެތި އުއްމީދުތަކެއް ކޮށްގެން ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫޢު އަކީ ޔާމީންގެ ސަރުކާރުން މަސައްކަތް ފެށި ހަތަރު މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. އެއާޕޯޓްގެ މަސައްކަތް ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. މިހާރު ކުރިއަށް ދަނީ ރަށުގައި އެއާޕޯޓު އެޅުމަށްޓަކައި، އެއާޕޯޓު ހިމެނޭ ޞަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވީ އެއާޕޯޓު މަޝްރޫއަކީ އެރަށު ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށާއޮ އެއާޕޯޓު ވެގެން ދާނީ އެ ރަށުގެ ތަރައްޤީގެ މައި ނާރެހަށް ކަމަސެވެ.
"ފަރެސްމާތޮޑާ އަކީ މަސްވެރިކަމުގެ ރަށެއް. އަބަދަކު މަހެއް ނުބާނާ. އެހެން ނަމަވެސް އެއަރޕޯޓާއެއްކޮށް މިރަށަށް ޓޫރިޒަމް އަންނާނެ. އެ ދެކަމުން އަޅުގަނޑުމެން ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރަނީ. ފަރެސްމާތޮޑާ އެންމެންގެ އުއްމީދަކަށްވެފަ މިއޮންނަނީ މި އެއަރޕޯޓު. އެއަރޕޯޓަކީ ފަރެސްމާތޮޑާގެ ތަަރައްގީގެ މައި ނާރަކަށް ވެގެންދާނެ،" ކައުންސިލްގެ ރައީސް ނަސްރުﷲ ވިދާޅުވިއެވެ.
އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާގައި އެއަރޕޯޓް އެޅުމަށް ބިން ހިއްކަމުން ދަނީ އެރަށު އިރުމަތި ފަރާތު ފަޅު ތެރެއިންނެވެ. އެގޮތުން އެއާޕޯޓު އެޅުމަށްޓަކައި އެރަށުގެ ފަޅުން 19.8 ހެކްޓަރުގެ ސަރަޙައްދެއް ހިއްކަން ނިންމާފައިވާއިރު ބިން ހިއްކުމުގެ އިތުރުން، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 888 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށްވެސް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. ނަމަވެސް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަސައްކަތްތައް ނިމުމުން ދެން މަޝްރޫޢު ކުރިއަށްދާނެ ގޮތެއް އަދި ނޭނގެއެވެ.
ކުރީ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް އާސަރުކާރުން ވިދާޅުވެފައި ވާތީ ފަރެސްމާތޮޑާ ރައްޔިތުން ތިބީ މިވަގުތައް ހިތްހަމަޖައްސާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ