ޕީޕީއެމްގެ ޓިކެޓް މެމްބަރު ނަޝީދު ބޭނުންފުޅު ނުވީ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ރޭ ޓިކެޓް ދެވިގެން ދިޔައިރު، ދެ ބޭފުޅަކަށް އެޕާޓީން ޓިކެޓް ހަވާލުކޮށްފައެއް ނުވެއެވެ.
ޕީޕީއެމުން ޓިކެޓް ދީފައި ނުވާ ދެ ބޭފުޅުންނަކީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކަށާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަށެވެ.
ނަޝީދު ސީއެންއެމާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ވަގުތު ޕީޕީއެމްގެ ޓިކެޓް ބޭނުން ނުވާތީ ޓިކެޓް ބޭނުން ނުކުރެއްވީ ކަމަށެވެ.
"އަޅުގަނޑު އަދި މި ވަގުތަށް ޕީޕީއެމްގެ ޓިކެޓް ބޭނުން ނުވީ" ނަޝީދު ވިދާޅުވިއެވެ.
ޕީޕީއެމުން ރޭ ބޭއްވި ބައްދަލު ވުމެއްގައި އެޕާޓީން ވަނީ އެޕާޓީގައި މިވަގުތު ތިއްބެވި 24 މެމްބަރަކަށް ޓިކެޓް ދީފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކަށް ދީފައިވަނީ ތިނަދޫ ދެކުނު ދާއިރާ ޓިކެޓެވެ. ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދަށް ދީފައިވަނީ ގަލޮޅު ދެކުނު ދާއިރާ މަޖިލިސް ޓިކެޓެވެ.
މީގެ އިތުރުން މިހާރުވެސް ކެލާ ދާއިރާއަށް އަލީ އާރިފާއި ހޯރަފުށީ ދާއިރާއަށް މުހައްމަދު އިސްމާއިލާއި ބާރަށު ދާއިރާ އިބްރާހިމް ސުޖާއުއާއި ފުނަދޫ ދާއިރާ އަލީ ސަލީމާއި ވެލިދޫ ދާއިރާ އަބްދުﷲ ޔާމީނާއި މިލަންދޫ ދާއިރާ ހަސަން މުފީދާއި އިނގުރާދޫ ދާއިރާ އިބްރާހިމް ފަލާހުއާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީއާއި އޭދަފުށި ދާއިރާ އަހުމަދު ސަލީމަށް ވަނީ އެދާއިރާތަކުގެ ޓިކެޓް ދީފައެވެ.
ނައިފަރު ދާއިރާ އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާ އިބްރާހިމް ރިޒާއާއި މަހިބަދޫ ދާއިރާ އަހުމަދު ތޯރިގާއި ނިލަންދޫ ދާއިރާ ޑރ އަބްދުﷲ ހަލީލާއި ފޮނަދޫ ދާއިރާ އަބްދުއްރަހީމް އަބްދުﷲއާށްވެސް ވަނީ އެދާއިރާތަކުގެ ޓިކެޓް ރޭ ޕީޕީއެމުން ދީފައެވެ.
ޕީޕީއެމުން ޓިކެޓް ދިން 24 މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ގެމަނަފުށީ ދާއިރާ ޖަމީލް އުސްމާނާއި ގައްދޫ ދާއިރާ އަހުމަދު ރަޝީދާއި މަޑަވެލި ދާއިރާ މުއާޒު މުހައްމަދާއި ފުވައްމުލަކު ދެކުނު ދާއިރާ އަބްދުﷲ މަސީހު މުހައްމަދާއި ހުޅުދޫ ދާއިރާއަށް އަހުމަދު ޝާހިދާއި ފޭދޫ ދާއިރާއަށް އިބްރާހިމް ދީދީއާއި މާފަންނު ދެކުނު ދާއިރާއަށް އަބްދުﷲ ރިފާއުއާއި މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ ބައެއް މީހުންގެ ނުތަނަވަސްކަން ހުރެދާނެ ކަމެއް ނަމަވެސް ޕްރައިމަރީއަކާއި ނުލާ ބައެއް ދާއިރާތަކަށް ޓިކެޓްދެނީ އެކަމަކީ ޕާޓީގެ މަސްލަހަތަށް މުހިންމު ކަމެއް ކަމަށް ވާތީ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ